ސިފައިންގެ 66 ވަނަ އަސާސީ ތަމްރީނު ކޯހުގެ ނިމުން ފާހަގަ ކުރުމަަށް ހއ ދިއްދޫގައި ހަވާ އަރުވައިފިއެވެ.
އެމްއެންޑީއެފުން ބުނީ، މިއަދު ހއ ދިއްދޫގައި ސިފައިންގެ 66 ވަނަ އަސާސީ ތަމްރީން ކޯހުގެ ނިމުން ފާހަގަކުރުމަށް ޝަރަފުގެ ހިނގާލުން ބާއްވައި މިރޭ އެރަށުގައި ހަވާ އަރުވާފައިވާ ކަމަށެވެ. އަދި މާދަމާ ހއ. އިހަވަންދޫގައި ވެސް ޝަރަފުގެ ހިނގާލުން ބާއްވައި، މާދަމާ ރޭ އެ ރަށުގައި ހަވާ އަރުވަން ނިންމާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
މި ރޭއާއި މާދަމާ ރޭ އެ ދެރަށުގައި ހަވާ އަރުވަން ނިންމާފައިވާ އިރު ރޭ ކުޅުދުއްފުށީގައި ސިފައިން ވަނީ ހަވާއަރުވާފައެވެ. އަދި އިއްޔެ ކުޅުދުއްފުށީގައި ވަނީ ސިފައިންގެ 66 ވަނަ އަސާސީ ތަމްރީނު ކޯހުގެ ނިމުން ފާހަގަ ކުރުމަަށް ޝަރަފުގެ ހިނގާލުމެއްވެސް ކުރިއަށް ގެންގޮސްފައެވެ.
މި ޝަރަފުގެ ހިނގާލުން އިންތިޒާމްކޮށް، ކުރިއަށްގެން ދަނީ އެ ރަށްރަށުގެ ކައުންސިލް އިދާރާތަކާއި އެމްއެންޑީއެފް ނޮދަން އޭރިއާ ގުޅިގެން ކަމަށް ވެސް އެމްއެންޑީއެފުން ބުނެއެވެ.
މީގެކުރިން ސިފައިންގެ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ޝަރަފުގެ ހިނގާލުންތަކަކީ ސިފައިންގެ ތަމްރީނު މަރުކަޒުތަކުގައި ނުވަތަ ހެޑްކުއާޓަރެއްގައި ބޭއްވެމުން ދިޔަ ޝަރަފުގެ ހިނގާލުންތަކެކެވެ. ނަމަވެސް މި އަހަރުން ފެށިގެން ރާއްޖޭގެ އެކި ރަށްރަށުގައި ސިފައިންގެ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ޝަރަފުގެ ހިނގާލުން ބާއްވަން ވަނީ ނިންމާފައެވެ.
މިގޮތަށް ހަމަޖައްސާފައި ވަނީ މިފަދަ ޝަރަފުގެ ހިނގާލުންތައް ރަށްރަށުގެ ރައްޔިތުންނަށް ކައިރިން ބަލާލުމުގެ ފުރުސަތު ހޯދައި ދިނުމުގެ މަގުސަދުގައި ކަމަށް އެމްއެންޑީއެފުން ބުނެއެވެ. އަދި ކުރިއަށްއޮތް ތަނުގައި މިފަދައިން ސިފައިން ބާއްވާ ހިނގާލުންތައް ބާއްވާނީ އެ ކޯހުގެ ތަމްރީނުތައް ކުރިއަށްދާ އެމްއެންޑީއެފް އޭރިއާއަކަށް ނިސްބަތްވާ ރަށްރަށުގައި ކަމަށް އެމްއެންޑީއެފުން ބުނެއެވެ.