މާލޭގައި ހުންނަ ސަލްމަން ކެފޭގައި ރޯވެ މީހަކު ފިހިއްޖެއެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ، މާލެ، މަޖީދީ މަގުގައި ހުންނަ ކެފޭއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގާފައވާ ކަމުގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. އަދި މި ހާދިސާގެ ރިޕޯޓް ލިބިފައި ވަނީ މިއަދު 11:24 ހާއިރު ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ފުލުހުން ބުނީ ރޯވި އަލިފާން މިހާރު ނިއްވާލާފައިވާ ކަމަށާއި މި މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.

އަދި މި ހާދިސާގައި މީހަކު ފިހިފަިއވާ ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއެވެ. ފުލުހުން ބުނީ މި ހާދިސާގައި ފިހިފައި ވަނީ ބަންގްލަދޭޝް ފިރިހެނެއް ކަމަށާއި، އޭނާއަށް މިހާރު ދަނީ އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާ ދެމުން ކަމަށެވެ. އޭނާގެ ހާލަތު ސީރިއަސް ނޫން ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ކެފޭއެއްގައި ރޯވެ އަލިފާނުގެ ހާދިސާއެއް ހިނގާފައި ވާއިރު މި ޑިސެމްބަރު މަސް ތެރޭ މާލޭގައި ވަނީ އިތުރު އަލިފާނުގެ ހާދިސާތައް ހިނގާފައެވެ. އެގޮތުން، މިމަހު 6 ވަނަ ދުވަހު އެމްޕީއެލް ސަރަހައްދުގައި ވެސް ވަނީ އަލިފާނުގެ ހާދިސާއެއް ހިނގާފައެވެ. އެ ސަރަހައްދުގައި ހުރި ޓަޔަރުތަކެއްގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

މީގެ އިތުރުން މިމަހު 3 ވަނަ ދުވަހު ވަނީ ދުއްވަމުން ދިޔަ ކާރެއްގައި ރޯވެ އަލިފާނުގެ ހާދިސާއެއް ހިނގާފައެވެ. ގައުމީ ޔުނިވާސިޓީގެ ދަނާލު ކައިރިން، ދުއްވާފައި ދިޔަ ކާރެއްގައި އަލިފާނުގެ ހާދިސާއެއް ހިނގާފައި ވަނީ ކާރުގެ އިންޖީނުގައި ރޯވެގެންނެވެ. އެ ހާދިސާގައި ވެސް އެއްވެސް މީހަކަށް އަނިޔާއެއް ވެފައި ނުވެއެވެ.