ކުޅިވަރު މުބާރާތްތަކާއި ހަފްތާތަކާއި ރަސްމިއްޔާތުތައް ބޭއްވުމުގެ ހުއްދަ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދީފިއެވެ.
އެޗްޕީއޭއިން ރޭ ވަނީ ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އެ އެޖެންސީން އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދީފައެވެ. އެގޮތުން، އެއްފަހަރާ 15 މީހުންނަށް ވުރެ ގިނައިން ބޭރުގައި ނޫޅުމަށް އަންގާފައިވާ އެންގުން އެ އެޖެންސީން ވަނީ ބާތިލުކޮށްފައެވެ.
އެ އެންގުން ބާތިލު ކުރުމަށްފަހު އެ އެޖެންސީން ކަނޑައަޅާ ގައިޑްލައިނާ އެއްގޮތަށް ކުޅިވަރު މުބާރާތްތަކާއި ހަފްލާތަކާއި ރަސްމިއްޔާތުތައް ބޭއްވުމުގެ ހުއްދަ ވަނީ ދީފައެވެ. އެޗްޕީއޭއިން ބުނީ، މި ހުއްދަ ދޭނީ މިމަހު 20 ވަނަ ދުވަހުން ފެށިގެން ކަމަށެވެ.
ހަފްލާތަކާއި ރަސްމިއްޔާތުތައް ބޭއްވުމުގެ ހުއްދަ މިމަހު 20 ވަނަ ދުވަހުން ފެށިގެން ދޭން ނިންމާފައި ވާއިރު، ސަރުކާރުގެ ފަރާތުން ދޭ ގައުމީ އިނާމުތައް ދިނުމުގެ ރަސްމީ ޖަލްސާ މިމަހު 26 ވަނަ ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެ ޖަލްސާ ބާއްވާނީ އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތް ވާ ގޮތުގެ މަތިން ހާމަކަން ބޮޑު ތަނެއްގައި ކަމަށް ރައީސް އޮފީހުން ބުނެއެވެ. ޖަލްސާ ބާއްވަން ހަމަޖެހިފައި ވަނީ ޖުމްހޫރީ މައިދާނުގައެވެ.
ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދެމުން ދާއިރު، ރާއްޖޭގެ ކޮވިޑް-19ގެ ހާލަތު ރަނގަޅު ވަމުން އަންނަ ކަން ފާހަގަކޮށްލެވެއެވެ. އެގޮތުން، ކޮމިއުނިޓީ ސްޕްރެޑެއް އޮތް މާލެ ސަރަހައްދުގައި ކޮންމެ ދުވަހަކު ޕޮޒިޓިވްވާ އަދަދުތައް މިވަނީ 5ކާއި 20އާ ދެމެދު ހިފެހެއްޓިފައެވެ. މިއާއެކު، ރައްކާތެރިވުމަށް އަޅާފައިވާ ގިނަ ފިޔަވަޅުތަކަކަށް ލުއި ދެމުން ދާ ކަން ފާހަގަ ކޮށްލެވެއެވެ.
އެގޮތުން ރަށްރަށަށް ދަތުރުކުރުމުގައި ލުއި ދިނުމާއި، ރާއްޖެއިން ބޭރުން ރާއްޖެއަށް ދަތުރު ކުރުމަށްފަހު ކަރަންޓީން ވާން ނުޖެހޭ ގޮތް ހެދުމާއި، ދަތުރު ކުރާ މީހުންގެ ކަރަންޓީނު މުއްދަތު 10 ދުވަހަށް ކުރު ކުރުން ފަދަ ލުއިތައް ވަނީ ދީފައެވެ.