ކޮންމެ ކޮންމެ މައްސަލައެއް ނުބެލޭނެ ކަމަށް ކަނޑައަޅާ، އިންތިގާލީ އިންސާފުގެ ބިލު ތަސްދީގު ކުރައްވައިފިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ތަސްދީގު ކުރެއްވި އިންތިގާލީ އިންސާފުގެ ގާނޫނުގެ ދަށުން އަމިއްލަ ނަމުގައި ދައުވާ ކުރުމާއި، ދައުވާ ލިބިގަތުމުގެ ބާރު ލިބިފައިވާ، އަމިއްލަ ނަމުގައި މުއާމަލާތް ކުރުމުގެ ހައިސިއްޔަތު ލިބިފައިވާ އަދި ވަކި ސިއްކައެއް އޮންނަ މުސްތަގިއްލު ގާނޫނީ ޝަހްސެއް އުފެއްދޭނެއެވެ. އެއީ އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހެވެ. އެ އޮފީސް ރައީސް ސޯލިހް ވަނީ އުފައްދަވާފައެވެ.

އޮމްބަޑްސްޕާސަންގެ އޮފީހުން ބަލާ މައްސަލައެއްގައި ހެކިބަސްދޭ ފަރާތްތަކާއި އަނިޔާ ލިބިފައިވާ ފަރާތްތައް ހިމާޔަތްކުރަން ޖެހޭ ހާލަތެއްގައި އެފަދަ ފަރާތްތަކަށް ރައްކާތެރިކަން ދިނުން ދައުލަތަށް ލާޒިމުކޮށްފައި ވެއެވެ. އޮމްބަޑްސްޕާސަންގެ އޮފީހުގެ އިހްތިސާސް ހިނގާ މައްސަލަތައް އެ އޮފީހުން ބެލުމުގައި މީގެ ކުރިން، އެކިއެކި މުއައްސަސާތަކުން އެ ވާގިއާތަކުގެ މައްޗަށް ގޮތެއް ކަނޑައަޅާފައިވާ މައްސަލަތަކާ ގުޅިގެން އާ ހެއްކެއް ފެނިއްޖެނަމަ ނުވަތަ ގާނޫނީ އުސޫލެއް ނުވަތަ ގާނޫނީ ނުކުތާއަކަށް ރިއާޔަތްކޮށް، އެ މައްސަލައެއް އަލުން ބަލައި ދިނުމަށް އެދި ހުށަހެޅުމަށް ފުރުސަތު ލިބިގެންދާނެއެވެ.

އިންތިގާލީ އިންސާފުގެ ގާނޫނުގެ ދަށުން ކުރީގައި ބަލައި ނިންމާފައިވާ ނުވަތަ ގޮތް ކަނޑައަޅާފައިވާ ހުރިހާ މައްސަލަތަކެއް ނުބެލޭނެއެވެ. އެގޮތުން ދޭދޭ ފަރުދުންގެ މެދުގައި ހިނގާފައި ހުންނަ މުއާމަލާތްތަކާއި ގުޅޭ މައްސަލަތަކުގެ ފައިލު އަލުން ހުޅުވައިގެން ބެލުމަކަށް މި ގާނޫނުން ހުއްދަ ނުކުރާނެއެވެ.

ހަމައެއާއެކު ކޮންމެ ކޮންމެ މައްސަލައެއް އަލުން ބެލުމަކަށް ވެސް މި ގާނޫނު ތަނެއް ނުދެއެވެ. މި ގާނޫނުން ތަން ދޭނީ ހަމައެކަނި ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއެއްގެ ގޮތުގައި މަސައްކަތް ކުރި މީހުންގެ މައްސަލައެވެ. އެފަދަ މީހުންގެ ވެސް ނިޒާމީ ސިފައެއްގައި ރާވައިގެން ހިންގި އަމަލެއްގެ ސަބަބުން މީހެއްގެ ނުވަތަ ބައެއްގެ އިންސާނީ ހައްގެއް ނުވަތަ އަސާސީ މިނިވަންކަމެއް ނިގުޅައިގެންފައިވާ ނަމަ އެކަމެއްގެ މައްސަލައެވެ.

މި ގާނޫނުގެ ދަށުން ބެލޭނީ 1 ޖެނުއަރީ 1953 އިން ފެށިގެން 17 ނޮވެންބަރު 2018އާ ދެމެދު ހިނގާދިޔަ މުއްދަތުގެ ތެރޭގައި ހިނގާފައިވާ ކަންތައްތަކުގެ މައްސަލައެވެ. އޮމްބަޑްސްޕާސަންގެ އޮފީހުން ބަލާ މައްސަލައެއްގައި ހެކިބަސްދޭ ފަރާތްތަކާއި އަނިޔާ ލިބިފައިވާ ފަރާތްތައް ހިމާޔަތްކުރަން ޖެހޭ ހާލަތެއްގައި އެފަދަ ފަރާތްތަކަށް ރައްކާތެރިކަން ދިނުން ދައުލަތަށް ލާޒިމުކޮށްފައި ވެއެވެ.