ރައީސް އިބްރާހިމް މުހައްމަދު ސޯލިހް "އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީސް" މިއަދު އުފައްދަވައިފިއެވެ.
މިކަން އިއުލާން ކޮށްފައި ވަނީ ރައީސް އޮފީހުން މިއަދު ނެރުނު ދެންނެވުމެއްގައެވެ. އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހަކީ ރައީސް ސޯލިހް މިއަދު ތަސްދީގު ކުރެއްވެވި އިންތިގާލީ އިންސާފުގެ ގާނޫނުގެ 4 ވަނަ މާއްދާގެ (ހ)ގެ ދަށުން އުފެއްދުމަށް ލާޒިމުކޮށްފައިވާ އޮފީހެކެވެ.
މިއަދު ރައީސް އޮފީހުން ނެރުނު ދެންނެވުމުގައި ވާ ގޮތުން ދައުލަތުގެ އިދާރާތަކުން ލިޔާ ސިޓީގައި ނަންބަރު ޖެހުމުގައި، އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހަށް ލިޔާ ސިޓީގައި ޖަހަމުން ގެންދާނީ 486 ކަމަށް ވެސް ވަނީ ހަމަޖައްސާފައެވެ.
އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހަކީ، އަމިއްލަ ނަމުގައި ދައުވާ ކުރުމާއި، ދައުވާ ލިބިގަތުމުގެ ބާރު ލިބިފައިވާ، އަމިއްލަ ނަމުގައި މުއާމަލާތް ކުރުމުގެ ހައިސިއްޔަތު ލިބިފައިވާ އަދި ވަކި ސިއްކައެއް އޮންނަ މުސްތަގިއްލު ގާނޫނީ ޝަހްސެކެވެ. އިންތިގާލީ އިންސާފުގެ ގާނޫނުގައި އޮމްބަޑްސްޕާސަންގެ އޮފީހުގެ މަސްއޫލިއްޔަތުތަކާއި، އެ ފަރާތުގެ ބާރުތައް ތަފްސީލުކޮށް ބަޔާންކޮށްފައި ވާނެއެވެ. ހަމައެއާއެކު އެ ގާނޫނުގައި އޮމްބަޑްސްޕާސަންގެ އޮފީހުން މަސައްކަތްކުރަން ވާނީ، މިނިވަންކަމާއި މުސްތަގިއްލު ކަމާއެކު، ތައައްސުބުން އެއްކިބާވެ ތިބެ، ގާނޫނުގެ މަގްސަދުތައް ހާސިލުވާނެ ގޮތުގެ މަތިން ކަމަށް ވެސް ބަޔާންކޮށްފައި ވެއެވެ.
އިންތިގާލީ އިންސާފުގެ ގާނޫނަކީ، 1 ޖެނުއަރީ 1953 އިން ފެށިގެން 17 ނޮވެންބަރު 2018އާ ދެމެދު ހިނގާދިޔަ މުއްދަތުގެ ތެރޭގައި ނިޒާމީ ސިފައެއްގައި ރޭވިގެން، ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއަކު، ރައްޔިތުންގެ އިންސާނީ ހަގުތަކާއި އަސާސީ މިނިވަންކަމާ ހިލާފަށް ހިންގާފައިވާ އަމަލުތައް ބެލުމަށް އެކުލަވާލި ގާނޫނެކެވެ. މި ގާނޫނުގެ ދަށުން އެފަދަ އަމަލުތައް ތަހުގީގުކޮށް، ހަގީގަތް ހާމަކޮށް، އެފަދަ ކަންކަމުގެ ސަބަބުން އަނިޔާ ލިބިފައިވާ ފަރާތްތަކަށް މި ގާނޫނުގެ ދަށުން ފޯރުކޮށްދޭ ހައްލުތައް މެދުވެރިކޮށް އިންސާފު ހޯދައިދިނުމުގެ ނިޒާމެއް އެކަށައަޅާނެއެވެ.
މި ގާނޫނުގެ މަގްސަދުތަކުގެ ތެރޭގައި، ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއެއްގެ ގޮތުގައި މަސައްކަތްކުރި ފަރާތަކުން، ނިޒާމީ ސިފައެއްގައި ރާވައިގެން ހިންގި އަމަލެއްގެ ސަބަބުން މީހެއްގެ ނުވަތަ ބައެއްގެ އިންސާނީ ހައްގެއް ނުވަތަ އަސާސީ މިނިވަންކަމެއް ނިގުޅައިގެންފައި ވާނަމަ އެކަން ބަލާނެއެވެ. އަދި އެ އަމަލުތަކަށް ޒިންމާވާ ފަރާތްތައް މި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ޖަވާބުދާރީ ކުރުވައި، އެފަރާތްތަކުގެ އަމަލުތަކުގެ ސަބަބުން އަނިޔާ ލިބުނު ފަރާތްތަކަށް މި ގާނޫނުގެ ދަށުން ފޯރުކޮށްދޭ ހައްލުތަކުގެ ޒަރީއާއިން އިންސާފު ހޯދައި ދޭނެއެވެ. މީގެ އިތުރުން ކުރިއަށް އޮތް ތަނުގައި އެފަދަ ކަންކަން ނުވާނެކަން ކަށަވަރު ކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ފާހަގަކޮށް، ގާނޫނުގެ ވެރިކަމުގެ މައްޗަށް ބިނާވެފައިވާ ތަހުޒީބީ ދައުލަތެއް އާރާސްތުކުރުން ވެސް މި ގާނޫނުގެ މަގްސަދުތަކުގެ ތެރޭގައި ހިމެނެއެވެ.
މިތަނުން މަގާމުގެ އިންޓަވިއުއަށް ކިޔާނީ ހަމައެކަނި ޝޯޓް ލިސްޓު ވީ ކުދިންނަށް ކަމަށް ބުނެ އިންވެސްޓިގޭޝަން އޮފިސަރު މަޤާމަށް ލީ އެންމެނަށް ކީ. އެންމެނަށް ކިޔަން ބޭނުންވާ ނަމަ އެފަދައިން އިޢުލާނުގައިވެސް ލިޔެފައި އޮތުން މުހިންމު. ރާއްޖޭގެ އައު ސަޤާފަތަކަށް ވެއްޖެކަމެއް މިހާރަކަށް އައިސް މަޤާމުތަކަށް އިޢުލާން ކުރާއިރު ހުންނަނީ އެތެރެ އެތެރެއިން މަޤާމުތަކަށް މީހުން ނަގާފަ. އިންޓަވިއުއަށް ނުވަތަ ޕްރެކްޓިކަލްއަށް ދާތަނުން އިނގިގެންދޭ މީހަކު މާކުރިން ސެލެކްޓް ވެފަ ވާކަން. އިޢުލާނުގަ ނަގަން ބޭނުންވާ މީހާގެ ނަމާ އެއްޗެހި ޖަހާފަ ޝާއިޢު ކުރާނަމަ އޮފީސްތަކުގެ އެޗް.އާރުގެ ސްޓާފް އިންނަށްވެސް ފަސޭހަވާނެ. އަނެއްކޮޅުން އަޅުގަނޑުމެން ވަޒީފާ ހޯދަން އުޅޭ ބަޔަކަށް ވެސް ފަސޭހަވާނެ. އޭރަށް ބޭކާރު ގޮތުގައި އަޅުގަނޑުމެން އެޕްލައި އެއް ނުކުރާނަން.