ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ސިފަ ކުރެވެނީ ސަރުކާރު ވެއްޓުނަ ނުދީ ހިފަހައްޓާ މުޑިއެއްގެ ގޮތުގައި ކަމަށް އިދިކޮޅު ޕީޕީއެމުން ބުނެފިއެވެ.
މިއަދު ޕީޕީއެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ޕާޓީގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، ރަށްރަށަށް ދަތުރު ކުރުމުގެ ހުއްދަ ހޯދުމަށް ތަކުރާރުކޮށް އެޗްޕީއޭ އާއި ސަރުކާރުގެ އެހެން އިދާރާތަކަށް ލިޔުމުން ފޮނުވައިގެން، ބައްދަލުކޮށްގެން ވެސް ތަފާތު އެކި ގޮތްގޮތުން މަސައްކަތް ކޮށްފައިވާ ކަމަށެވެ. ނަމަވެސް މިހާތަނަށް އެއްވެސް ހުއްދައެއް ދީފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ހީނާ ވަނީ ލޯކަލް ކައުންސިލް އިންތިހަބަށް ކެމްޕޭން ކުރުމުގެ ފުރުސަތު އިދިކޮޅަށް ނުލިބޭތީ އެކަމާ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. އަދި އެ މައްސަލާގައި ކޯޓަށް ދާނެ ކަމަށް ވެސް ހީނާ ވިދާޅުވިއެވެ. އަދި މިގޮތަށް ކަން ހިނގާނަމަ ލޯކަލް ކައުންސިލް އިންތިހާބަކީ ދެފުށް ފެންނަ އިންތިހާބެއް ކަމަށް ގަބޫލު ނުކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.
އިދިކޮޅުން އަންނަނީ މިރޭ ފުވައްމުލަކުގައި ޖަލްސާއެއް ބާއްވަން ތައްޔާރުވަމުންނެވެ. ހީނާ ވިދާޅުވީ، އެ ޖަލްސާގައި ލީޑަޝިޕްގެ ބޭފުޅުން ބައިވެރިވުމަށް ފުވައްމުލަކަށް ދަތުރުކުރުމަށް އެޗްޕީއޭގައި އެދުމުން އެކަމަށްވެސް އަދިވެސް ހުއްދަ ނުލިބޭ ކަމަށެވެ. މިހެން ވިދާޅުވެ އޭނާ ވަނީ ކޮވިޑްގެ ހާލަތުގައި ސަރުކާރުގެ އިސްވެރިން ރަށްރަށަށް ދަތުރު ކުރައްވާފައި ވާ ކަން ފާހަގަ ކުރައްވާފައެވެ. އަދި އެ ބޭފުޅުންނަށް ވަރަށް ފަސޭހައިން އެޗްޕީއޭގެ ހުއްދަ ލިބުނު ކަމަށް ހީނާ ވިދާޅުވިއެވެ.
ރާއްޖޭގެ ރަށްތަކަށް ކޮވިޑް ފެތުރިގެން ދަނީ އިދިކޮޅު ލީޑަރުން ދަތުރު ކުރެއްވުމުންތޯއާއި ރައީސް ސޯލިހާއި ސަރުކާރުގެ ވަޒީރުންނާއި ކުންފުނިތަކުގެ އިސްވެރިންނަކީ ކޮވިޑް ފްރީ ބޭފުޅުންތޯ ހީނާ ސުވާލު ކުރެއްވިއެވެ. އޭނާ ވިދާޅުވީ، މިއަދު އެޗްޕީއޭ ސިފަ ކުރެވެނީ ސަރުކާރު ނަގަހައްޓާ، ދަމަހައްޓާ އަދި ސަރުކާރު ވެއްޓުނަނުދީ ހިފަހައްޓާ މުޑިއެއްގެ ގޮތުގައި ކަމަށެވެ.
މިދިޔަ އެޕްރީލް މަހު ބާއްވަން އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު އަންނަ އަހަރު ބާއްވަން ފަސްކޮށްފައި ވަނީ ކޮވިޑް-19 ބަލިމަޑުކަން ފެތުރުމާ ގުޅިގެންނެވެ. މި އިންތިހާބު އަންނަ އަހަރަށް ފަސްކޮށްފައި ވާއިރު މިހާރު މަގާމުގައި ތިބި ކައުންސިލަރުންގެ މުއްދަތު މަޖިލީހުން ވަނީ ދަންމާލާފައެވެ.
މި އިންތިހާބު އަންނަ އަހަރުގެ މާޗު މަހުގެ 13 ވަނަ ދުވަހު ބާއްވަން އީސީން މަސައްކަތް ކުރަމުން އައި ނަމަވެސް އިންތިހާބު ބާއްވާނެ ސީދާ ތާރީހެއް އިއުލާން ކުރާނީ ސަރުކާރުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތެއް ނެތް ކަމަށް އިއުލާން ކުރުމުން ކަމަށް އީސީން ވަނީ ބުނެފައެވެ.