މާލޭގައި ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމް ކޮށްލައިފިއެވެ.
މިކަމާ ގުޅިގެން ފުލުހުން ބުނީ މާފަންނު ފިޔާތޮށި ގޯޅީގައި ތޫނު އެއްޗަކުން ބިދޭސީއަކަށް ހަމަލާދީފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި މި ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބިފައި ވަނީ މިރޭ 10:05 ހާއިރު ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ފުލުހުން ބުނީ އަނިޔާވި ބިދޭސީ މީހާއަށް މިހާރު ދަނީ އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާ ދެމުން ކަމަށެވެ. އަދި މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުނެއެވެ.
މާލޭގައި ތޫނު އެއްޗަކުން ހަމަލާދީ ބިދޭސީއަކު ޒަހަމް ކޮށްލާފައި ވާއިރު މިދިޔަ އޮކްޓޯބަރު މަސް ތެރޭގައި ވެސް މާލޭގައި ވަނީ ތޫނު އެއްޗަކުން ހަމަލާ ދީ މީހަކު ޒަހަމް ކޮށްލާފައެވެ. އޮކްޓޯބަރު މަހު ހިނގި އެ ހާދިސާގައި އަނިޔާ ލިބިފައި ވަނީ ވިޔަފާރިވެރި އަކަށެވެ. އަދި އޭނާއަށް ހަމަލާދީފައި ވަނީ އާއިލީ ކުއްޖެއް ކަމަށާއި، އެއީ އާއިލީ ހަމަ ނުޖެހުމެއް ކަމަށް މައުލޫމާތު ލިބެއެވެ.
މީގެ އިތުރުން އޮކްޓޯބަރު މަސް ތެރޭގައި އައްޑޫ ސިޓީގައިވެސް ވަނީ މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމަކޮށްލާފައެވެ. އައްޑޫގައި ހިނގި އެ ހާދިސާ ހިނގާފައިވަނީ އެ ސިޓީގައި އުޅޭ ދެ ގްރޫޕެއްގެ ދެމެދުގައި ހިނގި މާރާމާރިއެއްގެ ތެރެއިންނެވެ. އަދި އެމީހާ ވަނީ އައްޑޫ އީކުއިޓޯރިއަލް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދީފައެވެ.