ރާއްޖެއިން ބޭރުން އަންނަ ދިވެހިންނާއި ރާއްޖޭގައި މަސައްކަތް ކުރަން އަންނަ މީހުން، ކޮވިޑް-19 އަށް ޓެސްޓު ނުކޮށް ވެސް ރާއްޖެ އާދެވޭނެ ކަމަށާއި އެގޮތަށް އައިސްފި ނަމަ ރާއްޖެ އައިސް ޓެސްޓު ކުރަން ޖެހޭނެ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން މިހެން ބުނީ، ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އެ އެޖެންސީން އަޅާފައިވާ ފިޔަވަޅުތަކަށް ބަދަލު ގެނެސް، ރާއްޖެއިން ބޭރުން އަންނަ ދިވެހިންނާއި ރާއްޖޭގައި މަސައްކަތް ކުރާ މީހުންނަށް ރާއްޖެ އައުމަށް ދަތުރު ފަށާއިރު 96 ގަޑިއިރު ނުވާ ނެގެޓިވް ޕީސީއާރް ޓެސްޓަކާއެކު މާލެ ސަރަހައްދަށް އައިސްފިނަމަ ކަރަންޓީނު ވާން ނުޖެހޭ ގޮތަށް އުސޫލު ބަދަލު ކުރުމުންނެވެ. އެޗްޕީއޭ އިން ބުނީ މިފަދައިން އަންނަ މީހުން ޓެސްޓު ކުރެވެންދެން ތިބެން ޖެހޭނީ ހޯމް ކަރަންޓީނުގައި ކަމަށެވެ.

އެޗްޕީއޭއިން ބުނީ، މި ފިޔަވަޅު އެޅި ކަމުގައިވީ ނަމަވެސް އުމުރުން 1 އަހަރު ނުވާ ކުދިންގެ ޓެސްޓު ނުހަދާނެ ކަމަށެވެ.

މީގެ އިތުރުން ވެސް މިއަދު އެޗްޕީއޭއިން ވަނީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅާފައިވާ އިތުރު ފިޔަވަޅުތަކަށް ބަދަލު ގެނެސްފައެވެ. އޭގެ ތެރޭގައި، މުހިންމު މަސައްކަތެއްގައި ރަށްރަށަށް ދަތުރު ކުރާއިރު، ޕީސީއާރް ޓެސްޓު ހައްދަން ނުޖެހުމާއި، ދިވެހިންނާއި ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންނަށް 72 ގަޑިއިރު ނުވާ ޕީސީއާރް ޓެސްޓުގެ ނަތީޖާއާއެކު ރިސޯޓްތަކަށް ދަތުރު ކުރެވޭ ގޮތަށް ވަނީ އުސޫލު ބަދަލުކޮށްފައެވެ.

އަދި ކުރުމުއްދަތުގެ މަސައްކަތްތަކަށް ރިސޯޓުތަކަށް ދަތުރުކުރާ ފަރާތްތަކާއި ލޯކަލް ޓޫރިސްޓުންގެ ގޮތުގައި ރިސޯޓުތަކަށް ޗުއްޓީ ހޭދަކުރުމަށް ދަތުރުކުރާ ފަރާތްތަކުން މާލެ ސަރަހައްދު ފިޔަވައި އެހެން ރަށްރަށަށް ދަތުރުކުރާ ނަމަ ކަޑައެޅިފައިވާ އުސޫލުގެ ދަށުން 10 ދުވަހުގެ މުއްދަތަށް ކަރަންޓީން ވާން ޖެހޭނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ. އަދި މާލެ ސަރަހައްދުން ރަށްރަށަށް ދިއުމާއި، ރާއްޖެއިްނ ބޭރުން އައިސް ރަށްރަށަށް ދިއުމުގައި ވެސް 10 ދުވަހުގެ މުއްދަތަކަށް ކަރަންޓީނު ވާން ޖެހޭނެ ކަމަށް އެ އެޖެންސީން ބުނެއެވެ.