ގއ. ދާންދޫގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 3 އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ސީރިއަސް އަނިޔާތަކެއް ލިބި، އިތުރު ފަރުވާއަށް މާލެ ގެންނަން ނިންމައިފިއެވެ.

މިކަން ދާންދޫ ކައުންސިލުން ވަނީ 'ދަ ޕްރެސް' އަށް ކަށަވަރު ކޮށްދެއްވާފައެވެ. ކައުންސިލުން މައުލޫމާތު ދީފައިވާ ގޮތުގައި އެކްސިޑެންޓު ވެފައި ވަނީ އެރަށަށް ޗުއްޓީ ހޭދަ ކުރުމަށް ގޮސް އުޅުނު ފުވައްމުލަކު އާއިލާއަކަށް ނިސްބަތްވާ ކުއްޖެއް ކަމަށެވެ. އަދި އެ ކުއްޖާއަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށް ކައުންސިލުން މައުލޫމާތު ދެއެވެ.

އެކްސިޑެންޓް ހިނގާފައި ވަނީ ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެ ގޮސް ކަމަށް ކައުންސިލުން ބުނެއެވެ. އެ ސައިކަލުގައި ދެ ފިރިހެނުން ތިބި އިރު، ސައިކަލު ދުއްވަން އިނީ ލައިސަންސް އޮތް މީހަކު ނޫން ކަމަށް ވެސް ކައުންސިލުން މައުލޫމާތު ދެއެވެ. އެ ދެ މީހުންނަށް މާބޮޑު އަނިޔާއެއް ވެފައި ނުވެއެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ، މި އެކްސިޑެންޓް ހިނގާފައި ވަނީ މިއަދު އިރުއޮއްސި 6:10 ހާއިރު ކަމަށެވެ. އަދި އަނިޔާ ލިބުނު ކުޑަކުއްޖާއަށް ގއ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު މާލެ ގެނައުމުގެ މަސައްކަތް ކުރަމުން ދާއިރު، ސައިކަލު ދުއްވަން އިން މީހާއަށް ދާންދޫ ހެލްތް ސެންޓަރުގައި ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއާސް ގއ ހޮސްޕިޓަލަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

އެކްސިޑެންޓުވި ސައިކަލުގައި ދެ މީހުން ތިބި ނަމަވެސް އެކްސިޑެންޓުވުމުގެ ކުރިން ސައިކަލުގެ ފަހަތުގައި އިން މީހާ ސައިކަލުން ފުއްމާލާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.