ބައެއް މާޗަންޓް ވެބަސައިޓްތަކުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ކާޑުގެ މުއާމަލާތް ނުކުރެވޭ ގޮތް ހަދައިފިއެވެ.

ބީއެމްއެލުން ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭން ބޭރުގެ އޮންލައިން ޓްރާންސްފާ ޕްލެޓްފޯމްތަކާއި ސްކްރިލް އަދި ޓްރާންސްފާވައިސް ހިމެނޭހެން ޑިޖިޓަލް ވޮލެޓްތަކުގައި އެ ބޭންކުގެ ކާޑުތައް ބޭނުންކޮށްގެން އެއްވެސް މުއާމަލާތެއް ނުކުރެވޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ. ނަމަވެސް ބޭންކް ޓްރާންސްފާ މެދުވެރިކޮށް މިފަދަ ޑިޖިޓަލް ވޮލެޓުތަކުން ފައިސާ ގެނެވޭނެ ކަމަށް ބީއެމްއެލުން ބުނެއެވެ.

ބޭންކުން ބުނީ މިފަދަ އުނދަގު އަދި ދަތި ހާލަތެއްގައި ކަސްޓަމަރުންނަށް އެހީތެރިވުމުގެ ގޮތުން ރާއްޖޭން ބޭރުން ގެނެވޭ ފައިސާގެ ތެރެއިން 500 ޑޮލަރަށް ވުރެ މަދު އަދަދުތަކުން އެއްވެސް ފީއެއް ނުނެގުމަށް ނިންމާފައިވާ ކަމަށެވެ.

ބީއެމްއެލުން ދޫކޮށްފައިވާ ކާޑުތަކުން އޮންލައިން މުއާމަލާތްތައް ކުރުމުގައި އިތުރު ބަދަލުތަކެއް ގެނެސްފައި ވަނީ މިއަދެވެ. އެ ބޭންކުން ބުނީ އެ ބޭންކުގެ ކާޑުތަކުން ކުރާ ރާއްޖެއިން ބޭރުގެ މުއާމަލާތްތައް އެ ބޭންކުން މޮނިޓާ ކުރަމުން ދާނެ ކަމަށެވެ. އަދި ބޭންކަށް ފެނިއްޖެ ހާލަތެއްގައި މިފަދަ މުއާމަލާތްތައް އެއްވެސް އިތުރު އެންގުމަކާ ނުލައި ބްލޮކް ކުރުމުގެ މަސައްކަތް ވެސް ކުރަމުްނ ދާނެ ކަމަށެވެ.

އޮންލައިން މުއާމަލާތްތަކުގައި ބީއެމްއެލްގެ ކާޑުތައް ބޭނުން ކުރުމުގައި ބަދަލުތަކެއް ގެނެސްފައި ވަނީ ޑޮލަރު ލިބެން ހުރި މިންވަރު ނުހަނު ދަށްވެފައިވާ ހާލަތެއްގައި ކޮންމެހެން ރާއްޖޭން ބޭރަށް ދާން ނުޖެހޭ ފައިސާ ހިފެހެއްޓުމަށާއި އަސާސީ ބޭނުމަށް މުދާ އެތެރެ ކުރުމަށް ޑޮލަރު ބެހެއްޓުމުގެ ގޮތުން ކަމަށް ބީއެމްއެލުން ބުނެއެވެ. އަދި މިއަދު ގެނެސްފައިވާ ބަދަލުތަކާ ބެހޭ މައުލޫމާތު އެމްއެމްއޭ އާއި ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ ހިއްސާ ކޮށްފައި ވާ ކަމަށް ބީއެމްއެލުން ބުނެއެވެ.

ބީއެމްއެލުން ވަނީ މީގެ ކުރިން ވެސް ބައެއް މާޗަންޓް ވެބަސައިޓްތަކުގައި އެ ބޭންކުގެ ކާޑުތައް ބޭނުން ކުރުން މަނާކޮށްފައެވެ. އެގޮތުން ޖުވާ ކުޅެން ބޭނުންކުރާ ސައިޓްތަކުގެ އިތުރުން، އޮންލައިން ޓްރޭޑިން ވެބްސައިޓްތައްވެސް ބްލޮކްކުރަން ބީއެމްއެލް އިން ވަނީ ނިންމާފައެވެ. އޮންލައިން ޓްރޭޑިން ޕްލެޓްފޯމްތައް ބްލޮކް ކޮށްފައި ވަނީ އެ ޕްލެޓްފޯމުތައް މެދުވެރިކޮށް ގިނައިން ފައިސާ ބޭރުވަމުންދާ ކަމަށް ބުނެއެވެ.