އަމިއްލަ މީހެއްގެ އޮފީހެއް ފަޅާލައި އިލެކްޓްރޯނިކް ސާމާނުތަކެއް ވަގަށް ނެގި މައްސަލައަކާއި ގުޅިގެން މީހަކު ހޯދުމަށް ފުލުހުން އާންމުންގެ އެހީތެރިކަމަށް އެދިއްޖެއެވެ.

ފުލުހުން ބުނީ އެމީހާ އަކީ މިދިޔަ މަހު 26 ވަނަ ދުވަހުގެ ރޭ، މާލެ ހެންވޭރުގައި ހުންނަ އަމިއްލަ މިހެއްގެ އޮފީހެއް ފަޅާލައި އެތަނުން އިލެކްޓްރޯނިކް ސާމާނުތަކެއް ވަގަށް ނަގާފައިވާ ކަމަށް ބުނެ ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދާ މީހެއް ކަމަށެވެ.

މިއާއެކު ފުލުހުން ވަނީ އެ މިހާގެ ވީޑިއޯ އާންމު ކޮށްފައެވެ.

މި ވީޑިއޯއިން ފެންނަނީ މި މީހާ މަގުމަތިން ހިނގާފައި ދަނިކޮށެވެ. ފެންނަ ފެނުމަށް އެމީހާ ލައިގެން ހުރީ ގަމީހަކާއި ސޯޓެކެވެ.

ފުލުހުން ވަނީ ވީޑިއޯއިން ފެންނަ މީހާއާބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅާ މިމައްސަލައިގެ އިންސިޑެންޓް ނަންބަރު 471388 ބުނެ އެމައުލޫމާތެއް ހިއްސާކުރުމަށް އެދިފައެވެ.

މިގޮތަށް މީހުން ހޯދުމަށް ފުލުހުން ދަނީ ސީސީޓީވީ ފޫޓޭޖްތައް ބޭނުން ކޮށްގެން އާންމުންގެ އެހީއަށް އެދެމުންނެވެ. އެގޮތުން ދާދި ފަހުން ފުލުހުން ވަނީ ތޫމް ރެސްޓޯރަންޓުން ފިލާތަކެއް ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހޯދުމަށް ސީސީޓީވީ ފޫޓޭޖް އާންމު ކޮށްފައެވެ.

އޭގެ އިތުރުން ޔޫރޯ އޮފީހުން ވައްކަން ކުރި މީހަކު ހޯދަން ވެސް ސީސީޓީވީ ފޫޓޭޖް އާންމު ފުލުހުން އާންމު ކުރިއެވެ. އަދި އައިޖީއެމްއެޗް ސަރަހައްދު މޫދުގައި މަރުވެފައި އޮތް މީހެއްގެ މަރާ ގުޅޭ މައުލޫމާތު ހޯދުމަށް ވެސް ފުލުހުން ވަނީ އޭނާ ދަތުރު ކުރި މަގުތައް ސީސީޓީވީ ފޫޓޭޖް ތަކުން ބަލައި، އެ ފޫޓޭޖުތައް އާންމު ކޮށްފައެވެ.