އާންމު ފަރުދެއްގެ އާމްދަނީން އަހަރެއްގެ މައްޗަށް ޓެކްސް ނަގާ ރޭޓްތައް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިތީ (މީރާ) އިން އާންމުކޮށްފިއެވެ.
މިރާއިން ބުނީ، އަހަރެއްގެ މައްޗަށް އާންމު ފަރުދަަކަށް ލިބޭ އާމްދަނީން ޓެކްސް ނެގުމަށް 5 ގިންތިއަކަށް ބަހާލާފައިވާ ކަމަށެވެ. އެ ގޮތުން އަހަރެއްގެ މައްޗަށް 720،000 ރުފިޔާއަށް ވުރެ މަދުން އާމްދަނީގެ ގޮތުގައި ލިބޭ މީހުންގެ އަތުން ޓެކްސް ނުނަގާނެ ކަމަށް މީރާއިން ބުނެއެވެ. މިއީ މަހެއްގެ މައްޗަށް އެވްރެޖްކޮށް 60،000 ރުފިޔާއަށް ވުރެ ދަށް އާމްދަނީ ލިބޭ މީހުންނެވެ.
އާންމު ފަރުދުންގެ އާމްދަނީން އަަހަރެއްގެ މައްޗަށް ޓޭކްސް ނަގާ އުސޫލަށް ބަލާއިރު، އަހަރެއްގެ މައްޗަށް 720،000 ރުފިޔާ އާއި 1،200،00 ރުފިޔާއާ ދެމެދުގެ އާމްދަނީއެއް ލިބޭ ނަމަ ޓެސްކްގެ ގޮތުގައި 5.5 ޕަސެންޓް ރުފިޔާ ދައްކަން ޖެހޭނެ ކަމަށް މީރާއިން ބުނެއެވެ. މިއީ މަހެއްގެ މައްޗަށް 60،000 ރުފިޔާއާއި 1 ލައްކަ ރުފިޔާއާ ދެމެދުގެ އާމްދަނީ ލިބޭ މީހުންނެވެ.
ހަމައެއާއެކު އަހަރެއްގެ މައްޗަށް 1،200،000 ރުފިޔާ އާއި 1،800،000 ރުފިޔާއާ ދެމެދުގެ އާމްދަނީއެއް ލިބޭ ނަމަ ޓެސްކްގެ ގޮތުގައި 8 ޕަސެންޓް ރުފިޔާ ދައްކަން ޖެހޭނެ ކަމަށް މީރާއިން ބުނެއެވެ. މަހެއްގެ މައްޗަށް 1 ލައްކަ ރުފިޔާއާއި 1.5 ލައްކަ ރުފިޔާގެ އާމްދާނީ ލިބޭ މީހުންނެވެ.
އަދި އަހަރެއްގެ މައްޗަށް 1،800،000 ރުފިޔާ އާއި 2،400،000 ރުފިޔާއާ ދެމެދުގެ އާމްދަނީއެއް ލިބޭ ނަމަ ޓެސްކްގެ ގޮތުގައި 12 ޕަސެންޓް ރުފިޔާ ދައްކަން ޖެހޭނެ ކަމަށް މީރާއިން ބުނެއެވެ. އެއީ މަހެއްގެ މައްޗަށް 1.5 ލައްކަ ރުފިޔާއާއި 2 ލައްކަ ރުފިޔާއާ ދެމެދުގެ އާމްދަނީ ލިބޭ މީހުންނެވެ.
މީގެ އިތުރުން އަހަރެއްގެ މައްޗަށް 2،400،000 ރުފިޔާ އަށް ވުރެ ގިނައިން އާމްދަނީގެ ގޮތުގައި ލިބޭ މީހުންގެ އަތުން ޓެކްސްގެ ގޮތުން 15 ޕަސެންޓް ދައްކަން ޖެހޭނެ ކަމަށް މީރާއިން ބުނެއެވެ. މިއީ މަހެއްގެ މައްޗަށް 2 ލައްކަ ރުފިޔާއަށް ވުރެ ގިނައިން އާމްދަނީ ލިބޭ މީހުންނެވެ.
ވަޒީފާ އަދާކުރާ މީހަކު ޓެކުހަށް ރަޖިސްޓަރީ ކުރަންޖެހޭނީ އުޖޫރައިގެ ގޮތުގައި 12 މަސްދުވަހުގެ މުއްދަތެއްގައި އެވްރެޖްކޮށް މަހެއްގެ މައްޗަށް ވިތުހޯލްޑިން ޓެކްސް ބިނާކުރެވޭ އުޖޫރައިގެ ގޮތުގައި 60,000 ހާސް ރުފިޔާ ލިބޭނަމަ ނުވަތަ ލިބޭނެ ކަމަށް އަންދާޒާ ކުރެވޭ މީހުން ކަމަށް މީރާއިން ބުނެއެވެ.
މުވައްޒަފުންގެ ވިތުހޯލްޑިން ޓެކްސް ބިނާ ކުރެވޭ އުޖޫރައަކީ މަހެއްގެ މައްޗަށް ލިބޭ އުޖޫރައިން ރިޓަޔާމަންޓް ޕެންޝަނަށް މުވައްޒަފުގެ އުޖޫރައިން ދައްކާ އަދަދު އުނިކުރުމަށްފަހު އޮންނަ އަދަދެވެ. އުޖޫރައިގެ ތެރޭގައި މުވައްޒަފަކަށް ފައިސާއިން ލިބޭ އަދަދުގެ އިތުރުން އޭނާއަށް ލިބޭ ކޮންމެ އިނާޔަތަކާއި މަންފާއެއް ހިމެނެއެވެ. މުވައްޒަފުންގެ ތެރޭގައި ކުންފުނިތަކުގެ ޑިރެކްޓަރުންނާއި ޕާޓްނާޝިޕްތަކުގެ ޕާޓްނަރުންނާއި، ދައުލަތުގެ މަގާމެއް އަދާކުރާ ކޮންމެ މީހަކު ވެސް ހިމެނެއެވެ.