ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ފޮނުވާލުމަށް ކުރާ މަސައްކަތުގެ ތެރެއިން މިހާތަނަށް 8700 އަށް ވުރެ ގިނަ ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލައިފިއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން ފޮރިން މިނިސްޓްރީން ބުނީ، މި މަހުގެ 10 ވަނަ ދުވަހާ ހަމައަށް ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ ތެރެއިން 8741 މީހުން ވަނީ ފޮނުވާލާފައެވެ. އަދި ފޮނުވާލި މީހުންގެ ތެރޭގައި ހިމެނެނީ މުޅިންވެސް ބަންގްލަދޭޝްގެ މީހުން ކަަމަށް އެ މިނިސްޓްރީން ބުނެއެވެ.

މި މަސައްކަތަކީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި މޯލްޑިވްސް އިމިގްރޭޝަންއާއި ގައުމީ އެއާލައިން މޯލްޑިވިއަން ގުޅިގެން ކުރިއަށްގެންދާ އޮޕަރޭޝަނެކެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ ތެރެއިޮން 8700 އަށް ވުރެ ގިނަ ބިދޭސީން ފޮނުވާލާފައިވާ އިރު ރާއްޖޭގައި ތިބި ބިދޭސީންގެ ތެރެއިން އަނބުރާ ގައުމަށް ދާން ބޭނުންވެފައި ތިބި ބިދޭސީންގެ ތެރެއިން 10،000 ވުރެ ގިނަ މީހުން މިހާތަނަށް ވަނީ އެމީހުންގެ ގައުމަށް ފޮނުވާލާފައެވެ.

ކޮވިޑް ބަލިމަޑުކަން ރާއްޖޭގައި ފެތުރެން ފެށުމާ އެކު ބިދޭސީންގެ ތެރެއިން އަނބުރާ ގައުމަށް ދާން ބޭނުންވި މީހުންގެ ތެރޭގައި އިންޑިއާ، ލަންކާ، ނޭޕާލް، ފިލިޕީންސް، ތައިލެންޑް އަދި އިންޑޮނޭޝިއާގެ ރައްޔިތުން ހިމެނެއެވެ.

ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ ގިނަ މައްސަލަތައް ފެންމަތިވެފައިވާ އިރު އެފަދަ ބިދޭސީންގެ މައްސަލަަތައް ބަލައި ގަވާއިދާ ހިލާފަށް އުޅެމުން ދިޔަ ބިދޭސީން ރެގިއުލޭޓް ކުރުމަށް ސަރުކާރުން މަސައްކަތް ފަށާފައި ވަނީ މިދިޔަ އަހަރު ފަހު ކޮޅެވެ. ނަމަވެސް ރެގިއުލޭޓް ކުރުމުގެ މަސައްކަތް ފެށުމާއެކު އެތައް ބައެއްގެ ފާޑުކިޔުން މި ސަރުކާރަށް އަމާޒުވެގެން ދިޔައެވެ.

އެހެންކަމުން ކޮވިޑް ބަލިމަޑުކަން ފެތުރެން ފެށުމާއެކު އެފަދަ ބިދޭސީން ދަނީ އަނނބުރާ ގައުމަށް ފޮނުވާލަމުންނެވެ.

ބިދޭސީން ފޮނުވާލުމުގެ މަސައްކަތް ކުރަމުން ދާއިރު ސަރުކާރުގެ އަމާޒަކީ މިއަހަރުގެ ނިޔަލަށް ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ ތެރެއިން 20،000 މީހުން އަނބުރާ ގައުމަށް ފޮނުވާލުމެވެ.