2021 އަކީ، އުނދަގޫ އަހަރެއް ނަމަވެސް، ފަތުރުވެރިކަމުގެ ދާއިރާއަށް ރަނގަޅު ކުރިއެރުންތަކެއް އަންނާނެ އަހަރަކަށް ވެގެންދާނެ ކަމަށް ޓުއަރިޒަމް މިނިސްޓަރު، ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެވެ.

ބޭރުގެ ޓީވީއެއް ކަމަށްވާ "ސީއެންބީސީ އިންޓާނޭޝަނަލް" އަށް ދެއްވި އިންޓަވިއުއެއްގައި އެ މޭރުމުން ވާހަކަ ދައްކަވާ މިނިސްޓަރު މައުސޫމް ވިދާޅުވީ، އަންނަ އަހަރަކީ ރާއްޖެއަށް އިންވެސްޓްމެންޓުތައް އަންނާނެ އަހަރެއް ކަމަށެވެ.

ފަތުރުވެރިކަން ތަރައްގީ ކުރުމަށް މިއަހަރު 12 ތަނެއް ހުޅުވޭނެ ކަމަށް ލަފާ ކުރެވުނު ނަމަވެސް ކޮވިޑް-19އާ ގުޅިގެން އެތަންތަނުގެ މަސައްކަތް އެއްކޮށް ހުއްޓިގެން ގޮސްފައިވާ ކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ. އަދި އެތަންތަން އަންނަ އަހަރަށް ހުޅުވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް މިނިސްޓަރުގެ ވާހަކައިގައި ވިދާޅުވިއެވެ.

ރާއްޖޭގެ ފަތުރުވެރިކަން ކުރިއާ އަޅާ ބަލާއިރު ދަށްވެފައިވާކަން ފާހަގަ ކުރައްވާ މިނިސްޓަރު ވިދާޅުވީ 2021 ވަނަ އަހަރަކީ، އުނދަގޫ ނަމަވެސް، ފަރުރުވެރިކަމުގެ ދާއިރާއަށް ރަނގަޅު އަހަރަކަށް ވެގެންދާނެ ކަމަށެވެ. އެގޮތުން ކޮވިޑާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދު ކުރުމަށް ފަހު އަލުން ބޯޑަރު ހުޅުވާފައިވާއިރު ފަތުރުވެރިކަމުގެ ދާއިރާގެ 75 ޕަސެންޓް މިހާރު ހިދުމަތް ދޭން ފަށައިފައިވާ ކަމަށެވެ.

މީގެ އިތުރުން ކޮވިޑް-19 ގެ ވެކްސިން އަންނަ އަހަރު ލިބުމުން މިސިނާއަތަށް އިތުރު ލުއިތަކެއް ލިބިގެންދާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ކޮވިޑާ ގުޅިގެން ފަތުރުވެރި ކަމަށް އައިސްފައިވާ ބަދަލާއި އިގްތިސޯދީ ގޮތުން ލިބިފައިވާ ގެއްލުންތަކުން އަރައިގަތުމަށް ގިނަ މަސައްކަަތްތަކެއް ކުރެވެމުންދާއިރު، ފަތުރުވެރިންގެ މެދުގައި މަގުބޫލު 22 މަންޒިލަކާ ވާދަކޮށްގެން ރާއްޖެއަށް ވަނީ "ވޯލްޑްސް ލީޑިން ޑެސްޓިނޭޝަން" އެވޯޑް ދާދި ފަހުން ލިބިފައެވެ.