ޓްރާންސްޕޯޓު މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމުގައި ހުންނެވި އަބްދުﷲ ފަޔާޒު އިސްތިއުފާ ދެއްވައިފިއެވެ.
އޭނާ މަގާމުން އިސްތިއުފާ ދެއްވާފައި ވަނީ މިދިޔަ އާދިއްތަ ދުވަހެވެެ. އޭނާ އިސްތިއުފާ ދެއްވީ ޕާމަނަންޓް ސެކްރެޓަރީގެ މަގާމު ފުރުމުގެ މާހައުލެއް ޓްރާންސްޕޯޓް މިނިސްޓްރީގައި ނެތް ކަމަށާއި، އެ މިނިސްޓްރީގެ ވެރިޔާ، މިނިސްޓަރު އައިޝަތު ނަހުލާ، އޭނާއަށް ވަޒީފާއިން އިސްތިއުފާ ދިނުމަށް އަންގަވަމުން ދާތީ ކަމަށް އިސްތިއުފާގެ ލިޔުމުގައި ވެއެވެ.
އިސްތިއުފާގެ ސިޓީގައި ފަޔާޒު ވަނީ މިނިސްޓަރު ނަހުލާއަށް އެތައް ތުހުމަތުތަކެއް ކުރައްވާފައެވެ. އެގޮތުން، އޭނާ މަގާމުން ވަކިކުރުމަށް ސިވިލް ސާވިސް ކޮމިޝަނުން ބަލަމުން ދިޔަ މައްސަލައިގެ ތެރެއަށް ސާބިތުނުހިފޭ އެތައް ކަމެއް އިތުރު ކުރުމަށް މިނިސްޓަރު އިސްވެ ހުންނަވައިގެން އެތައް މަސައްކަތެއް ކުރައްވާފައިވާ ކަމަށް އޭނާ ބުނެއެވެ. އޭގެ އިތުރަށް ސީދާ ސަރީހަ އިބާރާތުން އޭނާ ވަޒީފާއިން ވަކި ކޮށް ދެއްވުމަށް އެދި ސީއެސްސީގައި މިނިސްޓަރު އެދިފައިވާ ކަމަށް ވެސް ފަޔާޒު ބުނެއެވެ.
ފަޔާޒާ ގުޅޭ މައްސަލައެއް ބެލުމަށް ސީއެސްސީން ވަނީ މިދިޔަ އޮކްޓޯބަރު މަހު އޭނާ ސަސްޕެންޑް ކޮށްފައެވެ. އަދި އެއް މަސް ދުވަހަށްފަހު އޭނާގެ ސަސްޕެންޝަން އުވާލާ ނޮވެމްބަރު 1ގައި އޭނާ ވަނީ އަނބުރާ ވަޒީފާއަށް ނިކުމެފައެވެ. ނޮވެމްބަރު 1ގައި ވަޒީފާއަށް ނިކުމެ މަސައްކަތުގައި އުޅެނިކޮށް މިނިސްޓަރު ނަހުލާ އޭނާއާ ބައްދަލުކުރައްވާ އެދުވަހު މެންދުރު 12 ޖެހުމުގެ ކުރިން އިސްތިއުފާ ދިނުމަށް އެންގެވި ކަމަސް ވެސް ފަޔާޒުގެ ސިޓީގައި ވެއެވެ.
ފަޔާޒާ ގުޅޭގޮތުން ސީއެސްސީއަށް މައްސަލަ ހުށަހަޅާފައި ވަނީ ޓްރާންސްޕޯޓް މިނިސްޓްރީގެ މުވައްޒަފުންގެ ނަމުގައި ކާކުކަންނޭގޭ ގޮތަށެވެ. އަދި އެ މައްސަލަ ސީއެސްސީން ބެލުމަށްފަހު އެފަދަ އަމަލެއް އޭނާ ހިންގާފާ ނުވާކަމަށް އަދި އެއްވެސް އިހުމާލެއްވެފައި ނުވާކަމަށް ސީއެސްސީން ނިންމާފައިވާ ކަމަށް ފަޔާޒު ބުނެއެވެ. ފަޔާޒު ބުނީ އެ ނިންމުމުން ކަށަވަރު ކޮށްދެނީ ސީއެސްސީން އޭނާއާ ހަވާލުކޮށްފައިވާ ވާޖިބުތަކާ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކޮށްފައިވާ ކަމާއި އޭނާއާ ހަލުކޮށްފައިވާ ޒިންމާތައް ނަޒާހަތްތެރި ކަމާއެކު އަދާކޮށްފައިވާ ކަން ކަމަށެވެ. އަދި، ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމުގައި ގާނޫނާއި ގަވާއިދާ ހިލާފު އެއްވެސް ކަމެއް ކޮށްފައި ނުވާ ކަން ކަމަށް އޭނާ ބުނެއެވެ،