ހާއްސަ އުސޫލުތަކެއްގެ ދަށުން މާލެ ސަރަހައްދުގެ ގެސްޓްހައުސްތައް މާދަމާ ހުޅުވަން ނިންމާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭން މިއަދު އާންމު ކުރި މާލެ ސަރަހައްދުގެ ގެސްޓްހައުސްތައް ހުޅުވުމުގެ އުސޫލުގައި ބުނީ ކޮންމެ ގެސްޓްހައުސް އަކުންވެސް ހާއްސަ ފޯކަލް ޕޮއިންޓެއް ގާއިމް ކުރަން ޖެހޭ އިރު އައިސޮލޭޝަންއަށް ހާއްސަ ކޮޓަރިތަކެއް ހުންނަން ޖެހޭނެ ކަމަށެވެ.

މާލޭ ސަރަހައްދުގެ ގެސްޓްހައުސްތަކާއި ފަތުރުވެރިން ބައިތިއްބާ ހޮޓާތަކުގެ މުވައްޒަފުން މަހަކު އެއްފަހަރު ކޮވިޑް-19 އަށް ޓެސްޓް ކުރަން ޖެހޭނެ ކަމަށާއި ސްޓާފުންނަށް ހާއްސަ މަސައްކަތު ޔުނިފޯމު ބަދަލުކޮށް ގެއަށް ދިޔުމުގެ ކުރިން ފެންވެރުމުގެ އިންތިޒާމު ގެސްޓްހައުސްގައި ހަމަޖައްސައި އެމީހުން ކޮންޓެކްޓް ޓްރޭސިން އެޕް ބޭނުންކުރަން ޖެހޭނެ ކަމަށް އެ އުސޫލުގައި ވެއެވެ.

މާލެ ސަރަހައްދު ފިޔަވައި އެހެން ސަރަހައްދުތަކުގެ ގެސްޓްހައުސްތަކުގައި ވެސް އަމަލު ކުރަން އެޗްޕީއޭ އިން ކަނޑައަޅާފައިވާ ކަންކަން ހިމަނާފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ، ފަތުރުވެރިން ރާއްޖެ އަންނައިރު 72 ގަޑިއިރު ހަމަނުވާ ކޮވިޑް-19 އަށް ޓެސްޓް ކޮށްފައި އޮންނަ ލިޔުމެއް ހުށަހަޅަން ޖެހުމާއި ރާއްޖެ އިން ފުރުމުގެ 48 ގަޑިއިރުގެ ކުރިން ކޮވިޑް-19 އަށް ޓެސްޓް ކުރުމެވެ. ރާއްޖެ އިން އެއްވެސް ފަތުރުވެރިޔަކަށް ފުރޭނީ ކުރިންވެސް އާންމު ކޮށްފައިވާ އުސޫލުގައި ބުނާ ފަދައިން ކޮވިޑް-19 އަށް ޓެސްޓްކޮށް ނަތީޖާ ނެގެޓިވް ވުމުންނެވެ.

މީގެ އިތުރުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަންގައިދޭ ނިޝާންތަކާއި ޕޯސްޓަރުތައް ގެސްޓްހައުސްގައި ފެންނަ ގޮތަށް ބަހައްޓަން ޖެހޭ އިރު ޕީޕީއީވެސް އެކަށީގެންވާ މިންވަރަކަށް ހުންނަން ޖެހެއެވެ. ހުރިހާ ސްޓާފުންނަށް ކޮވިޑް-19ގެ މައުލޫމާތު ދީ މި ހާލަތުގައި މަސައްކަތް ކުރާނެ ގޮތުގެ އިރުޝާދުވެސް ދޭން ޖެހެއެވެ.

ރަށްރަށަށް ގޮސް މާލެއައިސް ދިރިއުޅޭ ގޭގައި ކަރަންޓީނުކުރެވެން ނެތް ހާލަތުގައިވެސް ގެސްޓު ހައުސްތަކުގައި ތިބެވޭއިރު މާލެއަށް އެކި ހިދުމަތްތައް ހޯދަން އަންނަ އަތޮޅުތަކުގެ މީހުންނަށާއި ފަތުރުވެރިންނާއި ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންނަށްވެސް މާލޭ ސަރަަހައްދުގެ ގެސްޓުތަކުގައި ތިބެވޭނެ ކަމަށް އެ އުސޫލުގައިވެއެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށް ޓޫރިޒަމްގެ ދާއިރާ މެދުކަނޑާލިއެވެ. ނަމަވެސް އަލުން ބޯޑަރު ހުޅުވާ ފަތުރުވެރި ކަމަށް ރާއްޖެ ހުޅުވާލީ ޖުލައި މަހުގެ 15 ވަނަ ދުވަހެވެ. އެއަށް ފަހު މިދިޔަ އޮކްޓޯބަރު 15 ވަނަ ދުވަހު މާލެ ސަރަހައްދުގައި ހުރި ގެސްޓްހައުސް ތައް ފިޔަވައި އެހެން ގެސްޓްހައުސްތައް އޮޕަރޭޓް ކުރަން ހުއްދަ ވަނީ ދީފައެވެ.

މާލެ ސިޓީގައި ގެސްޓްހައުސްތައް ހުޅުވުމަށް ހުއްދަ ދީފައި ނުވަނީ މާލެ ސިޓީގައި ކޮވިޑްގެ ޓްރާސްމިޝަނެއް އޮތުމުގެ ސަބަބުންނެވެ. މިނިސްޓަރު މީގެ ކުރިން ވިދާޅުވެފައި ވަނީ މާލެ ސަރަހައްދުގައި މީހުން ޕޮޒިޓިވްވާ މިންވަރު ފަސް ޕަސެންޓަށް ވުރެ ދަށްވެއްޖެ ނަމަ ގެސްޓްހައުސްތައް ހުޅުވުމުގެ ފުރުސަތު ދެއްވިދާނެ ކަމަށެވެ. އަދި ހުއްދަ ދެއްވޭނީ އެޗްޕީއޭގެ ލަފާގެ މަތިން ކަމަށް ކަމަށް މިނިސްޓަރު އޭރު ވަނީ ވިދާޅުވެފައެވެ.