ރާއްޖޭގައި އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުމުގެ މަސައްކަތް އަވަސް ކުރުމުގެ ގޮތުން، ވޯލްޑް ބޭންކުން 107.4 މިލިއަން އެމެރިކާ ޑޮލަރުގެ އެހީއެއް ދިނުމަށް ނިންމައިފިއެވެ.
އެ މަޝްރޫއުއާ ގުޅޭގޮތުން ވާހަކަ ދައްކަަމުން ވޯލްޑް ބޭންކުން ރާއްޖެއަށް އަލަށް ކަނޑައެޅުއްވި ކަންޓްރީ ޑިރެކްޓަރު ފެރިސް ހަދާދް ޖަވާސް ވިދާޅުވީ، ކޮވިޑް-19 އިގެ ސަބަބުން ކުރިމަތިވެފައިވާ ދަތިތަކުން ދެމެހެއްޓެނެވި ގޮތަކަށް އަރައިގަތުމަށް، ވޯލްޑް ބޭންކުން ކުރިއަށްގެންދާ ޕްރޮޖެކްޓުތަކަށް ބަދަލުތައް ގެންނަމުންދާ ކަމަށެވެ.
އެގޮތުން އިއާދަކުރަނިވި ހަކަތައަށް އަމިއްލަ އިންވެސްޓުމަންްޓުތަކަށް ފުރުސަތު ފަހިކޮށްދޭ ގޮތަށް ވޯލްޑް ބޭންކުން މިހާރު ކުރިއަށް ގެންދާ ޕްރޮގްރާމުގެ އިތުރުން، އެކްސެލެރޭޓިން ރެނިއުއަބަލް އެނާޖީ އިންޓިގްރޭޝަން އެންޑް ސަސްޓެއިނަބަލް އެނާޖީ (އެރައިސް) ޕްރޮޖެކްޓަށް 107.4 މިލިއަން އެމެރިކާ ޑޮލަރުގެ އެހީއެއް ދިނުމަށް ވޯލްޑް ބޭންކުގެ އެގްޒެކެޓިވް ޑިރެކްޓާސްގެ ބޯޑުން އިއްޔެ ވަނީ ނިންމައިފައެވެ.
އެ ދެ ޕްރޮޖެކްޓަކީ ވެސް، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެ ފަދަ ޖަޒީރާ ގައުމަކަށް ކުރިމަތިވާ އެކިއެކި ގޮންޖެހުންތައް ކުޑަކުރުމަށް އެހީވެދޭނެ ޕްރޮޖެކްޓުތަކެއް ކަމަށް ވޯލްޑް ބޭންކުން ބުނެއެވެ.
ކަންޓްރީ ޑިރެކްޓަރު ފެރިސް ހަދާދް އަދި އެ ބޭންކުގެ ކަންޓްރީ މެނޭޖަރު ޗިޔޯ ކަންޑާ ދާދި ފަހުން ރާއްޖެއަށް ކުރެއްވި ދަތުރެއްގައި ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ރައްޔިތުން މަޖިލިހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާ ބައްދަލުކުރައްވާފައެވެ. އޭގެ އިތުރުން ވަޒީރުންނާއި މަރުކަޒީ ބޭންކުގެ ގަވަރުނަރާވެސް ވަނީ ބައްދަލުކުރައްވާފައިއެވެ.
ޅޯންތައް އެތަންމިތަނުން އެބަ ނަގާ ހިލޭއެހީވެސް އެތަންމިތަނުން އެބަލިބޭ ދޯ؟ އެކަމަކު ރައްޔަތުންނަށް ކުރާ ރާހަތެއް ނެތްކަމަށް ގިބަޔަކު އިއުތިފާގުވޭ.