މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި އައްޑޫއިން އަތުލައިގެން 98 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރު ކުރި ހަތް މީހެއްގެ މައްޗަށް ދައުވާ ކުރުމަށް ހިތަދޫ ކޯޓަށް ހުށަހަޅައިފިއެވެ.

ޕްރޮސެކިއުޓާ ޖެނެރަލް ހުސެން ޝަމީމް ވިދާޅުވީ، ފުލުހުން ހިންގި ބޮޑު އެ އޮޕަރޭޝަނުގައި، މިދިޔަ އޮކްޓޯބަރު މަހުގެ 3 ވަނަ ދުވަހު އައްޑޫން ހައްޔަރު ކުރި ހަތް މީހެއްގެ މައްޗަށް، ދިހަ ދައުވާއެއް ކުރުމަށް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ. ޑްރަގުގެ މި ބޮޑު ނެޓްވޯކު އަތުލައިގަތުމުގައި ހެކިންނަށް ތިބީ ފުލުހުން ކަމަށާއި އެ މީހުންގެ މައްޗަށް ކޯޓުން އަވަސް ޝަރީއަތެއް ހިންގާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އައްޑޫ ސިޓީން 79 ކިލޯ މަސްތުވާތަކެއްޗާއެކު، 3 އޮކްޓޯބަރުގައި ހައްޔަރުކުރި މީހުންގެ ތެރެއިން 7 މީހުންގެ މައްޗަށް 10 ދަޢުވާ، ހިތަދޫ ކޯޓަށް ހުށަހަޅައިފިން. މިއީ ދެކުނުގެ ބޮޑު ނެޓްވޯކެއް. ހެކިންނަށް ތިބީ ފުލުހުން. ކޯޓުން އަވަސް ޝަރީޢަތެއް ހިންގަވާނެކަމަށް އުއްމީދުކުރަން."
ޕީޖީ ހުސައިން ޝަމީމް

މީގެ އިތުރުން ޝަމީމް ވިދާޅުވީ، މިމައްސަލަ ތަހުގީގު ކުރި ފުލުހުންގެ އިންވެސްޓިގޭޓަރުން ހިންގީ ރަނގަޅު ތަހުގީގެއް ކަމަށާއި ޕީޖީގެ ޑްރަގް ޔުނިޓުގެ މަސައްކަތް ވެސް ފުރިހަމަކޮށްފި ކަމަށެވެ. ދެން އޮތީ ރަނގަޅު ކޭހެއް ކޯޓުގައި ހުށަހެޅުން ކަމަށާއި އެކަމަށްވެސް ޕީޖީން އޮތީ ތައްޔާރަށް ކަމަށް އޭނާ ވިދާޅުވިއެވެ.

މިދިޔަ އޮކްޓޯބަރު 1 ވަނަ ދުވަހުން ފެށިގެން އައްޑޫ ސިޓީގައި ފުލުހުން ހިންގި މަސްތުވާތަކެތީގެ މި އޮޕަރޭޝަނުގައި މިހާތަނަށް ޖުމްލަ 14 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެ އޮޕަރޭޝަންގައި މިހާތަނަށް 98.6 ކިލޯގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި ފެނިފައިވާ މަސްތުވާތަކެތީގެ ބާވަތްތަކުގެ ތެރޭގައި އެމްޑީއެމްއޭ އާއި، އެމްފިޓަމިން އާއި ހެރޮއިން ހިމެނެއެވެ.