މާދަމާއަކީ ތާރީހީ ދުވަހެއް ކަމަށާއި ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު މާދަމާ އެއް ލައްކައަށް އަރާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

މައުސޫމް ކުރެއްވި ޓވީޓެއްގައި ވިދާޅުވީ، މާދަމާއަކީ ތާރީހީ ދުވަހެއް ކަމަށާއި މާދަމާ އެއް ލައްކަ ޓޫރިސްޓުން ހަމަވާނެ ކަމަށެވެ. އެގޮތުން ބޮޑަރު ހުޅުވި ފަހުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު މާދަމާ ހެނދުނު 100،000 އަށް އަރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މާދަމާއަކީ ޓޫރިޒަމް މިނިސްޓްރީއަށް އަހަރު ފުރޭ ދުވަސް ކަަމަށާއި އެ ދުވަހު އެ މިނިސްޓްރީން މި އަހަރުގެ ނިޔަލަށް ރާއްޖެއަށް ފަތުރުވެރިން ގެނެވޭނެ ކަމަށް ކުރި ތާގެތް ހަމަވެގެން ދިއުމަކީ އުފާވެރި ކަމެއްގެ ގޮތުގައި މައުސޫމް ފާހަގަ ކުރެެއްވިއެވެ.

ކޮވިޑް-19 ގެ ބަލި ފެނުމާއެކު ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި ވަނީ މާޗް 15 ގައެވެ. އަދި ބޯޑަރު އަލުން ހުޅުވާފައި ވަނީ ޖުލައި 15 ވަނަ ދުވަހެވެ.

ޓޫރިސްޓުން އަންނަ އަދަދު މަތިވަމުންދާ އިރު، ބޯޑަރު ހުޅުވި ޖުލައި މަހު ދުވާލެއްގެ މައްޗަށް އައިސްފައި ވަނީ 100 މީހުންނެވެ. ނަމަވެސް މިހާރު އެވްރެޖު ގޮތެއްގައި 1,690 މީހުން އަންނަ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބު ތަކުން ދައްކައެވެ.

ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތު އެފުށްމިފުށަށް ޖެހިގެން ދިޔުމަށްފަހުން އަލުން އަނބުރާ ކޮޅަށް ޖެހުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އެގޮތުން، މިހާތަނަށް 126 ރިސޯޓާއި 119 ހޮޓެލް އަދި ގެސްޓްހައުސްގެ އިތުރުން 123 ސަފާރީ އޮޕަރޭޓް ކުރަމުން އެބަދެއެވެ. މީގެ އިތުރަށް އަންނަ ޑިސެމްބަރު މަހުގެ ނިޔަލަށް 1340 އޮޕަރޭޓްކުރަން ފަށަން ނިންމާފައިވާއިރު އެއީ ސަފާރީއަކާއި 8 ރިސޯޓެވެ.