ފ. ނިލަންދޫ ޕޮލިސް ސްޓޭޝަންގައި ހައްޔަރުކޮށފައި ހުރި މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.

ފުލުހުން މައުލޫމާތު ދެމުން ބުނީ، ފ. ނިލަންދޫ ޕޮލިސް ސްޓޭޝަންގައި ބަންދުގައި ހުރި މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަަމަށެވެ. އޭނާ ކޮވިޑަށް ޕޮޒިޓިވް ވުމާ ގުޅިގެން ހަމަޖެހިފައި އޮންނަ އުސޫލުގެ ތެރެއިން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ. އެގޮތުން ރައްކާތެރިކަމުގެ ފިޔަވަޅު ތަކާއެކު ފޯރުކޮށްދެމުން އަންނަ ހިދުމަތަށް އެރަށުގެ ރައްޔިތުންނަށް ފޯރުކޮށްދޭނެ ކަމަށް ވެސް ފުލުހުން ބުނެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ނިލަންދޫ ޕޮލިސް ސްޓޭޗަންގައި ބަންދުކޮށްފައި ހުރި މީހާއާ ވަނީ ފުލުހުންގެ ތެރެއިން ބައެއް މީހުން ކޮންޓެކްޓްވެފައެވެ. އަދި މި ކޭސްއާ ގުޅިގެން ކޮންޓެކްތް ޓްރޭސިންގެ މަސައްކަތް ދަނީ ކުރަމުންނެވެ.

މިކަމާ ގުޅިގެން އެޗްޕީއޭގެ ބަހެއް އަދި ލިބިފައެއް ނުވެއެވެ.

މިހާރު ރާޖޭގެ ކޮވިޑް ހާލަތަށް ބަލާއިރު، ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 13،274 އަށް އަރާފައެވެ. އަދި މިހާރު މި ބަލި ޖެހުނު މީހުންގެ ތެރެއިން ރަނގަޅުވެފައި ވަނީ 12،591 މިޙުން ކަމަށް އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

އިއްޔެ ރާއްޖެއިން މި ބައްޔަށް ވަނީ 26 މީހުން ކޮވިޑަށް ޕޮޒިޓިވްވެގފައެވެ. އަދި 104 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.

މިވަގުތު މިބަލި ޖެހިފައި ތިބި މީހުންގެ އަދަދު 629 ގައި އުޅޭ އިރު، އެމީހުންގެ ތެރެއިން 68 މީހަކަށް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ. އަދި ކޮވިޑް ޖެހިގެން މިހާތަނަށް ނިޔާވި މީހުންގެ އަދަދު ވަނީ 47 އަށް އަރާފައެވެ. އެއީ 40 ދިވެހިންނާއި ހަތް ބިދޭސީންނެވެ. އެ ބިދޭސީންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ ހަ މީހަކާއި ފިލިޕީންސް މީހެކެވެ. ނިޔާވި 47 މީހުންގެ އިތުރުން ކޮވިޑަށް ޕޮޒިޓިވްވި 7 މީހަކު ނިޔާވެފައި ވެއެވެ. އަދި އެ 7 މީހުންނަކީ ކޮވިޑް މަރެއް ނޫން ކަމަށް އެޗްޕީއޭއިން ވަނީ ނިންމާފައެވެ.