ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން މި އަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް 243 މައްސަލައެއް ބަލައި ނިންމާފައިވާ ކަމަށް ބުނެފިއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން އެ ކޮމިޝަނުން ބުނީ، މިއަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް 458 މައްސަލައެއް ކޮމިޝަނަށް ހުށަހެޅިފައިވާ އިރު އޭގެ ތެރެއިން 243 މައްސަލައެއް ވަނީ ބަލާ ނިންމިފައި ކަމަށެވެ.

މި އަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް އެ ކޮމިޝަނުގެ ހޮޓް ލައިން 1424 އަށް އެކި މައްސަލަތަކާ ގުޅިގެން ޖުމްލަ 1733 ފޯނު ކޯލު އައިސްފައިވާ އިރު، 597 ފޯނު ކޯލުން އެކި ކަންކަމުގައި ލަފާ ދީ ދިމާވި ކަންކަން ހައްލު ކޮށްދީފައިވާނެ ކަމަށް އެ ކޮމިޝަނުން ބުނެއެވެ. އަދި ތަފާތު އާ މައްސަލަތަކުގެ ގޮތުގައި 111 ފޯނު ކޯލެއް ލިބިފައިވާ އިރު، މައްސަލަތަކާ ގުޅިގެން 641 ކޯލެއް ލިބިފައިވާ ކަމަށް ވެސް ކޮމިޝަނުން ބުނެއެވެ. މީގެ އިތުރުން، މި މުއްދަތުގެ ނިޔަލަށް 36 ތަނަކަށް ތަހްގީގުތަކާ ގުޅިގެން ކޮމިޝަނުން ވަނީ ޒިޔާރާތް ވެސް ކޮށްފައެވެ.

މިއަހަރަކީ އެ ކޮމިޝަން ވުޖޫދުވިތާ 17 އަހަރު ފުރޭ އަހަރެވެ. އަދި މިއަދަކީ ބައިނަލްއަގްވާމީ އިންސާނީ ހައްގުގެ ދުވަސް ރަސްމީކޮށް ފާހަގަކުރަން ފެށިތާ 70 ވަނަ އަހަރު ފުރޭ ދުވަސް ވެސް މެއެވެ. މިއަދާ ގުޅިގެން ދުވަހުގެ ޝިއާރެއްގެ ގޮތުގައި، އ.ދ. އިން 2020 ވަނަ އަހަރަށް ކަނޑައަޅާފައިވާ ޝިއާރަކީ "ރިކަވާ ބެޓާ - ސްޓޭންޑް އަޕް ފޯ ހިއުމަން ރައިޓްސް" މިއެވެ.

ކޮމިޝަނުގެ އަމާޒަކީ ރައްޔިތުންނަށް ވީހާވެސް ގާތުން ޚިދުމަތް ފޯރުކޮށްދީ، ފުޅާ ދާއިރާއެއްގައި މަސައްކަތްކޮށް، އިންސާނީ ޙައްޤުތައް ކަށަވަރުކުރެވިފައިވާ ވެށްޓެއް ދިވެހިރާއްޖޭގައި ދިރިއުޅޭ އެންމެހާ ރައްޔިތުންނަށް ކަށަވަރުކޮށްދިނުން. ދިވެހިރާއްޖޭއަކީ އިންސާނީ ޙައްޤުތައް ކަށަވަރުވެފައިވާ، އިންސާފުވެރި، އަމާން، ރައްކާތެރި ވެއްޓެއްކަމުގައި ލައްވާ، މިމުހިންމު މަސައްކަތުގައި އަޅުގަނޑުމެން އެންމެން މިކުރާ މަސައްކަތުގައި މާތްﷲ ބަރަކާތް ލައްވާށި. އާމީން!
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް

މި ޝިއާރަކީ ކޮވިޑް އާ ގުޅިގެން އަލުން އެނބުރި އާ އާންމު ހާލަތަށް ދިރިއުޅުން ގެންދިއުމުގައި އިންސާނީ ހައްގުގެ މުހިންމުކަން ފާހަގަކޮށްދޭ ޝިއާރެއް ކަމަށް އެ ކޮމިޝަނުން ބުނެއެވެ. ކޮވިޑްގެ ބަލިމަޑުކަމުގައި މުޅި ދުނިޔެ ވެއްޓިފައިވާ އަނދަވަޅުން އަރައިގަތުމުގައި އިންސާނީ ހައްގަށް އިސްކަން ދިނުމާއި، އެންމެންގެ މެދުގައި ހަމަހަމަކަމާ އެކު ފުރުސަތުތައް ބަހާލައި، މުޖުތަމައުތައް އިހު ހުރި ހާލަތަށް ދިއުމުގައި ތަފާތުކުރުން ނައްތާލައި ވީހާވެސް ބޮޑަށް އެންމެން އެކުގައި މި ބަލިން އަރައިގަތުމަށް މިއީ ވަރަށް މުހިންމު ޝިއާރެއް ކަމަށް އެ ކޮމިޝަނުން ބުނެއެވެ.

މި އަހަރަކީ ހިއުމަން ރައިޓްސް ކޮމިޝަނުގެ މަސައްކަތްތައްވެސް ކޮވިޑަށް ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދީގެން ކުރިޔަށް ގެންދާ އަހަރެއްގެ ގޮތުގައި އެ ކޮމިޝަނުން ފާހަގަކުރެއެވެ. އެގޮތުން، ކޮވިޑާ ގުޅިގެން ހުށަހެޅޭ ތަފާތު ގިނަ މައްސަލަތައް ބެލުމާއި، ރައްޔިތުންނަށް ދިމާވަމުންދާ ގިނަ ގުނަ ދަތިތަކަށް ހައްލު ހޯދައި ދިނުމުގައި އެހީތެރި ވެދީފައި ވާނެ ކަމަށް އެ ކޮމިޝަނުން ބުނެއެވެ.

މީގެ އިތުރުން ކޮވިޑާ ގުޅިގެން ބައްދަލުވުންތައް ނުބޭއްވި ޒިޔާރާތްތައް ކުރަން ދަތިވި ވަގުތުތަކުގައިވެސް، އޮންލައިންކޮށް އެފަދަ ހަރަކާތްތައް އެ ކޮމިޝަނުން ކުރިޔަށް ގެންގޮސްފައި ވެއެވެ. އެގޮތުން މި އަހަރުގެ މިހާތަނަށް ޖުމްލަ 16 ދަތުރެއް ކޮށްފައިވާ ކަމަށާއި އޮންލައިންކޮށް ވާޗުއަލް 5 ދަތުރެއް ކޮށްފައިވާނެ ކަމަށް އެ ކޮމިޝަނުން ބުނެއެވެ.

އެންމެ ފުރަތަމަ އިންސާނީ ހައްގުގެ ދުވަހެއް ފާހަގަކޮށްފައި ވަނީ 1950 ވަނަ އަހަރު ބޭއްވުނު އދ. ގެ 317 ވަނަ އާއްމު ބައްދަލުވުމާ ހަމައިންނެވެ. އަދި އިންސާނީ ހައްގުގެ ދުވަސް ކަމުގައި ފާހަގަކުރާ ޑިސެންބަރު މަހުގެ 10 ވަނަ ދުވަހަކީ 1948 ވަނަ އަހަރުގެ އެ ތާރީހުގައި އަމަލު ކުރަންފެށި އިންސާނީ ހައްގުތަކާ ބެހޭ އާއްމު ގަރާރު ޔުނިވާސަލް ޑެކްލަރޭޝަން ފޯ ހިއުމަން ރައިޓްސް ވުޖޫދުވި ތާރީހެވެ.