މަސްވެރިކަމާއި ދަނޑުވެރިކަން ވަކިކޮށް ޓޫރިޒަމް މިނިސްޓްރީ އޮތް ފަދައިން މަސްވެރިކަމަށް ވަކި މިނިސްޓްރީއެއް ހަދަން ގޮވާލައިފިއެވެ.

މަސްވެރިންގެ ދުވަހު ބޮޑުކަންނެލި މަސްވެރިންގެ ޔޫނިޔަން އިފްތިތާހީ ޖަލްސާ މިއަދު ކަނޑުމަތީގައި މިހާރު ކުރިއަށް ދާ އިރު، އެ ޖަލްސާގައި ޝުއޫރު ފާޅުކޮށް އޮޑިވެރިއެއް ވާހަކަ ދައްކަމުން ބުނީ، މަސްވެރިންގެ މިނިސްޓްރީ، ޓޫރިޒަމް މިނިސްޓްރީ ފަދައިން ވަކި ކުރެވިފައި ބާއްވަން ޖެހޭ ކަމަށެވެ. މަސްވެރިކަމާ ދަނޑުވެރިކަން އެއް ފުރާޅެއްގެ ދަށުން ބަލަހައްޓަމުން ދާ އިރު މިހާރު މަސްވެރިކަމަށް ވުރެ ބޮޑަށް އެ މިނިސްޓްރީން ބަލަމުން ދަނީ ދަނޑުވެރިކަމުގެ ކަންކަން ކަމަށް އެފަރާތުން ފާހަގަ ކުރެއެވެ.

"ޓޫރިޒަމް މިނިސްޓްރީ އޮންނަ ހެން މަސްވެރިކަމަށް ވަކި މިނިސްޓްރީއެއް އުފައްދަން ޖެހޭ. މިހާރު މިނިސްޓްރީނ އިސްކަމެއް ދެނީ ދަނޑުވެރިކަމަށް. މިނިސްޓްރީ ބޭފުޅުންނަށް މަހެއްގައި އަތް ލާކަށް ނުކުރޭ. އެކަމަކު ދަނޑުވެރިކަމުގައި ހައްދާ ކިއުކަންބާ ތަކުގައި އަތްލާ ހެދޭ"
އޮޑިވެރިއެއް

ބޮޑު ކަންނެލީގެ މަސްވެރިންގެ ޔޫނިއަންގެ އިފްތިތާހީ ޖަލްސާ އެންމެ ފުރަތަމަ ބާއްވަން އުޅުނީ މިއަހަރުގެ މާޗް މަހުގައެވެ. ނަމަވެސް ކޮވިޑް-19 ގެ ސަބަބުން މި ޖަލްސާ ވަނީ މަސްވެރިންގެ ދުވަހަށް ފަސްކޮށްފައެވެ. ކަނޑު މަތީގައި ކުރިއަށް ދާ މި ޖަލްސާ ކުރިއަށް ގެންދަނީ ގުޅީ ފަޅުގައެވެ. މި ޖަލްސާގައި އެ ޔޫނީއަންގައި ބައިވެރިވެފައިވާ އެތައް ދޯނިފަހަރެއް އެ ސަރަަހއްދަށް ވަނީ އެއްވެފައެވެ.

ޖަލްސާގައި ވާހަކަ ދެއްކި އިތުރު ބައިވެރިއަކު ބުނީ، ބޮޑު ކަންނެލި ގަންނަ ހަމަ އަގު 80 ރުފިޔާއަށް ހަމަޖައްސައި ނުދެވޭނަމަ އިހުތިޖާޖަށް ނުކުންނާނެ ކަމަށާއި އެކަން އެގޮތަށް ނުކޮށްދެވޭ ނަމަ ފިޝަރީޒް މިނިސްޓަރު ކަމުން ޒަހާ ވަހީދު އިސްތިއުފާ ދެއްވަން ޖެހޭ ކަމަށެވެ. ކުރިން 150 އަށް ކަންނެލި ކިލޯއެއް ގަނެފައިވާ ކަމަށާއި އަދި މިހާރު ކަންނެލި ކިލޯއެއް 40 ރުފިޔާއަށް ވެއްޓުމުން އެކަމުން މަސްވެރިންގެ ދިރިއުޅުމަށް ނޭދެވޭ އެތައް އަސަރުތަކެއް ކުރާ ކަަމަށް އޭނާ ބުނެއެވެ. ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަންގެ ފަރާތުން ބޭނުންވަނީ ބޮޑު ކަންނެލި ގަނެވޭނެ ހަމަައަގު ލިބޭނެ ގޮތް ހަމަޖެހިގެން ދިއުމަށް ކަމަށް އެފަރާތުން ބުނެއެވެ.

ގުޅީފަޅުގައި ކުރިއަށް ދިޔަ މި ޖަލްސާގައި 100 އަށް ވުރެ ގިނަ ދޯނި ބައިވެރިވެފައިވާ އިރު، ހުރިހާ ފަޅުވެރިންވެސް ތިބޭނީ އެ ދޯންޏެއްގައި ކަމަށާއި އެއް ދޯނިން އަނެއް ދޯންޏަށް މީހުން ބަދަލު ނުވާނެ ކަމަށް އެ ޔޫނިއަނުން ވަނީ ބުނެފައެވެ. އަދި މިގޮގޮތަށް ނިންމާފައި ވަނީ ކޮވިޑްގެ މި ހާލަތާ ގުޅިގެން ކަމަށް ވެސް އެ ފަރާތުން ބުނެއެވެ.

މި ޖަލްސާގައި އެ ޔޫނިއަންގެ ހިންގާ ކޮމިޓީ އެކުލަވާލުމާއި އެ ކޮމިޓީގެ ރައީސް އާއި ނައިބު ރައީސް ހޮވުމަށް ވޯޓުލުމާއި މަސްވެރިންގެ ޝުއޫރު ފާޅުކުރުން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.