މަސްކިރުވަން ފެލިވަރުން ނަމްބަރު ނަގާފައިވާ ދޯނިފަހަރުގައި އެތައް ޓަނެއްގެ މަސް ބަރުކޮށް ނުކިރި ހުރިކަމުގެ މައުލޫމާތު ލިބިއްޖެއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެމުން ފެލިވަރަށް މަސް ކިރަން ގޮސް މަސް ނުކިރި އޮތް ދޯންޏެއްގެ ކެޔޮޅަކު ބުނީ މިވަގުތުވެސް ފެލިވަރުގައި ގިނަ އަދަދެެއްގެ މަސްދޯނި މަސް ނުކިރި އޮތް ކަމަށާއި އޭގެ ތެރޭގައި މިދިޔަ ހަފްތާގެ އަންގާރަ ދުވަހުން ފެށިގެން އަޅާފައިވާ ދޯނިތައްވެސް ހުރި ކަމަށެވެ.

އިއްޔެގެ ނިޔަލަށް ފެލިވަރަށް މަސްކިރަން ގޮސް 50 ހަކަށް ދޯނި ނުކިރި އޮތް ކަމަށްވެސް އޭނާ ބުންޏެވެ.

އަޅުގަނޑުމެން މި ތިބެނީ ފެލިވަރަށް މަސްކިރަން އައިސް، އިއްޔެގަ ބަލާލިއިރު 900 ކޮންމެވެސް ވަރަކަށް ޓަނުގެ މަސް ނުކިރި އެބަ އޮތް ކިޔުގަ، މަސް ވަރަށް މަދުން މި ނަގަނީ އިއްޔެ ނެގީ 32 ޓަނު، އޭގެ ކުރީ ދުވަހު 36 ޓަނު، މިތާ އެބަ ތިބި މިދިޔަ ހަފްތާގެ އަންގާރަ ދުވަހު އައިސްތިބި ދޯނިފަހަރުވެސް. 4 ދުވަސް 5 ދުވަސް ވެފަ ތިބި ދޯނިވެސް އެބަތިބި
މަސްވެރިއެއް

އެކަމާ ގުޅިގެން ތަކުރާރުކޮށް މިފްކޯއާ ވާހަކަ ދައްކާފައިވާ ކަމަށާއި ނަމަވެސް ލިބޭނީ އަބަދުވެސް ލިބޭ "ކެޕޭސިޓީ ނެތް" ކަމަށް ބުނާ ޖަވާބު ކަމަށް އޭނާ ކިޔައިދިނެވެ.

ކުރިއައް އޮތް ދެތިން ދުވަހު 70 ޓަނު ނެގުނަސް މި ދޯންޏަށް މި އަންނަ ހޮނިހިރު ދުވަހުވެސް ހިޔެއް ނުވޭ ކިރޭނެ ހެންނެއް، އެކި ދޯނިން މި ގެންގުޅެނީ އެކި ޓަނުގެ މަސް، މި ދޯނީގަ އެބަހުރި 22 ޓަނު، ޖެހިގެން އޮތް ދޯނީގަ އެބަހުރި 30 ޓަނު، ބައެއް ދޯނިތަކުގަ 15، 20 ވެސް އެބަ ހުރި
މަސްވެރިއެއް

މިދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި އުތުރުގެ މަސްވެރިކަން ވަނީ އެހެން އަހަރުތަކާ އަޅާ ބަލާއިރު ވަރަށް ބޮޑަށް ތިޔާގިވެފައެވެ. މި ކަމުގެ ސަބަބުން ފެލިވަރުގައި ހުންނަ މިފްކޯގެ ފެކްޓްރީއަށް ވަނީ ބާރު ބޮޑުވެ، މަސް ކިރުމުގެ މައްސަލަތައް ބޮޑުވެގެން ގޮސްފައެވެ.

މަސްވެރިންގެ ޝަކުވާތައް ގިނަވެފައިވާ އިރު އެ މައްސަލައާ ގުޅިގެން މިފްކޯގެ ބަހެއް ހޯދާލުމަށް މަސައްކަތް ކުރި ނަމަވެސް މިފްކޯއިން އެއްވެސް ޖަވާބެއް ދީފައެއް ނުވެއެވެ.