ޖިނައީ އިންސާފުގެ ނިޒާމުގެގައި ހުރަސްތައް ހުރި ނަމަވެސް ޑްރަގް އޮޕަރޭޝަންތައް ކުރިއަށް ގެންދަވާނެ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ސީޕީ ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަތުލައިގަނެވުނު 71 ކިލޯގެ ހެރޮއިންގެ އަގު 71 މިލިއަން ރުފިޔާއަށް އަރާނެ ކަމަށެވެ. އަދި ޖިނާއީ އިންސާފުގެ ނިޒާމުގެގައި ހުރަސްތައް ހުރިނަމަވެސް އެފަދަ ޑްރަގް އޮޕަރޭޝަންތައް ކުރިއަށް ގެންދާނެ ކަމަށް ސީޕީ ވަނީ ވިދާޅުވެފައެވެ.

ފުލުހުން ވަނީ އަތުލައިގަތް 71 ކިލޯ މަސްތުވާތަކެތި ހުރީ ދެ ގޯންޏެއްގަ އާއި 2 ލަގެޖެއްގައި ކަމަށް ބުނެފައެވެ. މެރިން ޕޮލިސްއާ ގުޅިގެން ހިންގި އެ އޮޕަރޭޝަންގައި 10 މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެ އޮޕަރޭޝަންއަކީ ހަފްތާއެއް ކުރިން ފުލުހުން ހިންގަމުން އަންނަ އޮޕަރޭޝަނެއް ކަމަށާއި އެ އޮޕަރޭޝަން ހިންގަމުން އަންނަނީ ކަނޑުމަތީގައާއި ރަށްރަށުގައި ކަމަށް ވެސް ހަމީދު ފާހަގަ ކުރެއްވިއެވެ.

އެ އޮޕަރޭޝަންގެ މަގްސަދަކީ ރާއްޖެއަށް އެތެރެކުރާ މަސްތުވާތަކެތި ހުއްޓުވުން ކަމަށާއި ޑްރަގްސް އަތުލައިގަނެ އެކަން ކުރާ ފަރާތްތައް ހައްޔަރު ކުރުމަށް ހިންގޭ އޮޕަރޭޝަނެއް ކަމަށް ސީޕީ ވިދާޅުވިއެވެ.

މިއަދު އޮޕަރޭޝަންގައި ފުލުހުން ބަލާ ފާސްކޮށްފައި ވަނީ ފަރީދީ މަގުގައި އޮތް އަޅިކުލައިގެ ޕްރައިވެޓް ކާރެކެވެ.