މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ހިންގަމުންދާ ހާއްސަ އޮޕަރޭޝަނެއްގެ ތެރެއިން 71 ކިލޯގެ މަސްތުވާތަކެތި އަތުލާ ގަނެފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ އަތުލައިގަތް 71 ކިލޯ މަސްތުވާތަކެތި ހުރީ ދެ ގޯންޏެއްގަ އާއި 2 ލަގެޖެއްގައި ކަމަށެވެ. މެރިން ޕޮލިސާ ގުޅިގެން ހިންގި އެ އޮޕަރޭޝަންގައި 10 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެ ކަމާ ގުޅިގެން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވީ، މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ހިންގަމުންދާ ހާއްސަ އޮޕަރޭޝަނެއްގެ ތެރެއިން މިއަދު ފަރީދީ މަގުގެ ބްލޮކެއް ބަންދުކޮށްފައިވާ ކަމަށާއި އެއީ އެ ސަރަހައްދުގައި އޮތް ކާރެއްގައި މަސްތުވާތަކެތި ހުރި ކަމަށް ޝައްކު ކުރެވޭތީ ބަލައި ފާސްކުރުމަށް ކަމަށެވެ. އަދި އެ ކާރުގައި ގިނަ އަދަދެއްގެ ޑްރަގްސް ހުރި ކަމަށް ބެލެވޭ ކަމަށް ހަމީދު ވިދާޅުވިއެވެ.

އެ އޮޕަރޭޝަންއަކީ ހަފްތާއެއް ކުރިން ފުލުހުން ހިންގަމުން އަންނަ އޮޕަރޭޝަންއެއް ކަމަށާއި އެ އޮޕަރޭޝަން ހިންގަމުން އަންނަނީ ކަނޑުމަތީގައާއި ރަށްރަށުގައި ކަމަށް ވެސް ހަމީދު ފާހަގަ ކުރެއްވިއެވެ.

އެ އޮޕަރޭޝަންގެ މަގްސަދަކީ ރާއްޖެއަށް އެތެރެކުރާ މަސްތުވާތަކެތީ ހުއްޓުވުމަށާއި ޑްރަގްސް އަތުލައިގަނެ މިކަން ކުރާ ފަރާތްތައް ހައްޔަރު ކުރުމަށް ހިންގޭ އޮޕަރޭޝަނެއް ކަމަށް ސީޕީ ވިދާޅުވިއެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައިވެސް އައްޑޫ ސިޓީގައި މަސްތުވާ ތަކެއްޗާ ދެކޮޅަށް ހާއްސަ އޮޕަރޭޝަނެއް ވަނީ ހިންގާފައެވެ. އަދި އެ އޮޕަރޭޝަންގައި ބަޔަކު ހައްޔަރު ކޮށް މަސްތުވާތަކެތި ވެސް ވަނީ އަތުލައިގެންފައެވެ.