ތަންތަން ކުއްޔަށް ދޭނެ ކަމަށް ބުނެ ވެސް މީހުން އޮޅުވާލާ ކަމަށާއި އެކަމަށް ސަމާލުވުމަށް ފުލުހުން އެދިއްޖެއެވެ.
ފުލުހުން ބުނީ އަމިއްލަ ގެދޮރު ނެތުމުގެ ސަބަބުން ތަންތަން ކުއްޔަށް ހިފައިގެން ދިރިއުޅޭ މީހުން މިއަދު ރާއްޖޭގެ އެކިއެކި ކަންކޮޅުތަކުގައި އުޅޭ ކަމަށެވެ. ނަމަވެސް ދިރިއުޅޭނެ ތަނެއް ނެތިގެން މާލޭގެ ބައެއް ގޭގެއަށް އެޕާޓްމަންޓެއް ނުވަތަ ކޮޓަރިއެއް ކުއްޔަށް ހިފަން ދިއުމުން، އަންނަ މަހު ހުސްވާ އެޕާޓްމަންޓެއް ނުވަތަ ކޮޓަރިއެއް ހުރި ކަމަށް ބުނެ އޮޅުވާލައިގެން ބޮޑު އަގުގައި އެޑްވާންސްކޮށް އެއް މަސް ނުވަތަ ދެ މަހުގެ ކުލި ނަގަމުންދާ މައްސަލަ ހިނގަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނީ ފުލުހުންނަށް ހުށަހެޅޭ އެފަދަ މައްސަލަތަކަށް ބަލާއިރު ގިނަ މައްސަލަތަކުގައި މުއާމަލާތް ކުރާ ފަރަތަކީ އެތަނުގެ ވެރިފަރާތްތޯ ނުވަތަ ގުޅުންހުރި ފަރާތްތޯ ޔަގީން ނުވުމާއި ތަން ކުއްޔަށް ދޭން ވާހަކަ ދައްކާ ފަރާތްތުގެ ވަނަވަރު އޮޅުވާލުމާއި އެޑްވާންސަށް ފައިސާ ދޭއިރު ކާކުކަން ޔަގީން ނުކޮށް ފައިސާ ޓްރާންފާ ކުރުމާއި ނުވަތަ ނަގުދު ފައިސާ އެގްރީމަންޓަކާ ނުލައި ހަވާލުކުރުމަކީ ފާހަގަ ކުރެވިފައިވާ ކަން ކަން ކަމަށެވެ.
އެފަދަ މައްސަލަތަކަކީ ރައްޔިތުން މިހާރަށް ވުރެ ބޮޑަށް ސަމާލުކަން ދީ ފާރަވެރިވެ ތިބެއްޖެނަމަ ހުއްޓުވި ދާނެ ނުވަތަ އޮޅުވާލައިގެން މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ ފުރުސަތު އެއްވެސް ފަރާތަކަށް ނުދެވޭނެ ފަދަ މައްސަލަތަކެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އެހެންކަމުން ތަނެއް ކުއްޔަށް ހިފާއިރު އެއީ އެތަނުގެ ވެރިފަރާތްތޯ ނުވަތަ އެތަނަކާ ގުޅުން ހުރި ފަރާތްތޯ ބަލައި ޔަގީން ކުރަންވާނެ ކަމަށާއި ސައްހަ އެއްބަސްވުމެއް ހޯދައި ޔަގީންކުރަން ވާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އޭގެ އިތުރުން އެއްބަސްވުމުގައި އިނގިލީގެ ނިޝާން ޖަހައި ދެ ހެކިންގެ ހާޒިރުގައި ފައިސާ ހަވާލު ކުރުމަކީ މަކަރުވެރިންގެ އަތް ދަށުން ސަލާމަތްވުމަށް އެޅޭނެ މުހިންމު ފިޔަވަޅެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.