މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ހިންގަމުންދާ ހާއްސަ އޮޕަރޭޝަނެއްގެ ތެރެއިން 10 މީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ، ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި، ޑްރަގް އިންޓެލިޖެންސް ޔުނިޓާއި، ޑިވިޝަނަލް އިންޓެލިޖެންސް ޑިޕާޓްމަންޓާއި، މެރިން ޕޮލިސް ގުޅިގެން ހިންގި އޮޕަރޭޝަންއެއްގައި ގިނަ އަދެއްގެ މަސްތުވާތަކެއްޗާއެކު 10 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

މި ކަމާ ގުލީގެން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވީ، މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ހިންގަމުންދާ ހާއްސަ އޮޕަރޭޝަނެއްގެ ތެރެއިން މިއަދު ފަރީދީ މަގުގެ ބްލޮކެއް ބަންދުކޮށްފައިވާ ކަމަށާއި އެއީ އެ ސަރަހައްދުގައި އޮތް ކާރެއްގައި މަސްތުވާތަކެތި ހުރި ކަމަށް ޝައްކު ކުރެވޭތީ ބަލައި ފާސްކުރުމަށް ކަމަށެވެ. އަދި އެ ކާރުގައި ގިނަ އަދަދެއްގެ ޑްރަގްސް ހުރި ކަމަށް ބެލެވޭ ކަމަށް ހަމީދު ވިދާޅުވިއެވެ.

މި އޮޕަރޭޝަންއަކީ ހަފްތާއެއް ކުރިން ފުލުހުން ހިންގަމުން އަންނަ އޮޕަރޭޝަންއެއް ކަމަށާއި މި އޮޕަރޭޝަން ހިންގަމުން އަންނަނީ ކަނޑުމަތީގައާއި ރަށްރަށުގައި ކަމަށް ވެސް ހަމީދު ފާހަގަ ކުރެއްވިއެވެ.

މި އޮޕަރޭޝަންގެ މަގްސަދަކީ ރާއްޖެއަށް އެތެރެކުރާ މަސްތުވާތަކެތީ ހުއްޓުވުމަށާއި ޑްރަގްސް އަތުލައިގަނެ މިކަން ކުރާ ފަރާްތަތއް ހައްޔަރު ކުރުމަށް ހިންގޭ އޮޕަރޭޝަނެއް ކަމަށް ސީޕީ ވިދާޅުވިއެވެ. ހަފްތާއަކަށް ވުރެ ގިނަ ދުވަސް ވީ މި އޮޕަރޭޝަންގައި މިހާތަނަށް 10 މީހުން ހައްޔަރުކޮށްފައިވާ ކަމަށް ހަމީދު ވިދާޅުވިއެވެ. އަދި އިތުރު މައުލޫމާތު މި އޮޕަރޭޝަން ނިމުމުން ހިއްސާކުރާނެ ކަމަށް ވެސް ހަމީދު ވިދާޅުވިއެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައިވެސް އައްޑޫ ސިޓީގައި މަސްތުވާ ތަކެއްޗާ ދެކޮޅަށް ހާއްސަ އޮޕަރޭޝަނެއް ވަނީ ހިންގާފައެވެ. އަދި އެ އޮޕަރޭޝަންގައި ބަޔަކު ހައްޔަރު ކޮށް މަސްތުވާތަކެތި ވެސް ވަނީ އަތުލައިގެންފައެވެ.