ކުރީގެ ޑެޕިއުޓީ ގަވަރުނަރު ނީޒާ އިމާދު 3 އަހަރު ފަހުން އަނެއްކާވެސް އެމްއެމްއޭގެ ބޯޑަށް އައްޔަން ކޮށްފިއެވެ.

އެމްއެމްއޭގައި 30 އަހަރަށް ވުރެ ދިގު މުއްދަތެއްގައި މަސައްކަތް ކުރެއްވުމަށް ފަހު 2017 ގައި އިސްތިއުފާ ދެއްވި ނީޒާ، އަލުން މަރުކަޒީ ބޭންކްގެ ބޯޑަށް މިދިޔަ މަހު 23 ގައި އައްޔަން ކުރި އިރު، އެމްއެމްއޭއިން އާންމުކޮށް އެކަން އިއުލާން ކޮށްފައެއް ނުވެއެވެ.

އެގޮތުން މިހާރުގެ ޑައިރެކްޓަރުންގެ ބޯޑުގައި ހިމެނޭ މެންބަރުންގެ ގޮތުގައި އެމްއެމްއޭގެ ވެބްސައިޓުން 6 ބޭފުޅެއް ދައްކާއެިރު އޭގެތެރޭގައި ނިޒާ ވެސް ހިމެނެއެވެ.

އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި މިހާރު ހުންނެވި ނީޒާއަކީ، ރާއްޖޭގެ އެންމެ ބޮޑު އެއް ހިޔާނާތް، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފުރަތަމަކޮޅު އެސްއޯއެފަށް ޖަމާކުރި 59 މިލިއަން ރުފިޔާއާ މެދު ޝައްކު އުފެދުނަސް، އެމްއެމްއޭއިން އެކަން ނުހުއްޓުވިކަން އެނގުމުން ފާޑުކިއުން އަމާޒުވި ބޭފުޅެކެވެ.

މިހާރު އެމްއެމްއޭގެ ޑިރެކްޓަރރުންގެ ބޯޑުގައި ތިއްބެވި މެންބަރުންނަ، ގަވަރުނަރު އަލީ ހާޝިމްއާއި ޑެޕިއުޓީ ގަވަރުނަރު އަހުމަދު އިމާދު އާއި އެސިސްޓަންޓް ގަވަރުނަރު އިދާމް ހުސައިން އާއި އަޝްރަފް ރަޝިދު އާއި ނީޒާ އިމާދު ގެ އިތުރުން އަލީ އިހުސާންއެވެ.

އެމްއެމްއޭގެ ބޯޑު މެންބަރުންގެ ގޮތުގައި މިހާރު އެމްއެމްއޭގެ ވެބްސައިޓުން ފެންނަން ތިބި ބޭފުޅުން

މާލިއްޔަތު ކޮމިޓީއިން އެމްއެމްޕީއާރުސީގެ މައްސަލައާ ގުޅޭގޮތުން ބޭއްވި ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ނީޒާ ވިދާޅުވެފައި ވަނީ މިދިޔަ ސަރުކާރުން އެމްއެމްއޭގެ ހަޒާނާގެ އިޖްރާއަތްތައް ދިނުމަށް އެދުނު ކަމަށާއި، ނަމަވެސް ކުރައްވަން ނުޖެހޭ ކަންތައްތައް ނުކުރައްވާނަމޭ ދަންނަވާފައި ވާނެ ކަމަށެވެ. ނަމަވެސް އެއިރު ގަވަރުނަރުގެ މަގާމުގައި ހުންނެވި އަޒީމާ އާދަމް އެކަމަށް އަމަލު ކުރެއްވި ކަމަށް ނިޒާ ވިދާޅުވެފައި ވެއެވެ.

އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރުގެ މަގާމުގައި ހުންނަވަނިކޮށް 2017 ވަނަ އަހަރު ގަވަރުނަރުގެ މަގާމަށް އައްޔަނު ކުރައްވަން އޭރުގެ ރައީސް އަބްދުﷲ ޔާމީން ރައްޔިތުންގެ މަޖިލީހަށް ނީޒާގެ ނަން ފޮނުއްވިއެވެ. ނަމަވެސް އޭނާގެ ނަން އަނބުރާ ގެންދަވައި، އެ މަގާމު ދެއްވީ އަހުމަދު ނަސީރަށެވެ. ނީޒާ އިސްތިއުފާ ދެއްވީ، ގަވަރުނަރުގެ މަގާމަށް ނަސީރު އައްޔަންކުރެއްވި ދުވަހު، އޮގަސްޓް 17، 2017 ގައެވެ.