އއ. އުކުޅަހުން ފަތުރުވެރިއަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން އުކުޅަހު ކައުންސިލްގެ ރައީސް ޝައުކަތް އިބްރާހިމް ވިދާޅުވީ، އެރަށު "ނަލަވެލި ވިލާ ގެސްޓް ހައުސް"ގައި ޗުއްޓީ ހޭދަކުރަމުން ދިޔަ ފަތުރުވެރިއަކު ކޮވިޑަށް މިއަދު ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

އަދި ޕޮޒިޓިވް ވެފައި ވަނީ ފުރުމުގެ ކުރިން ނެގި ސާމްޕަލުން ކަމަށާއި މިހާރު އޭނާ ކަރަންޓީނު ކުރުމުގެ މަސައްކަތް ކުރަމުން ދާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިއީ އޮކްޓޯބަރު 15 ގައި ލޯކަލް ޓޫރިޒަމް އަލުން އޮޕަރޭޓް ކުރަން ފެށިފަހުން އުކުޅަހުން ފަތުރުވެރިއަކު ޕޮޒިޓިވްވި ތިންވަނަ ފަހަރެވެ. މީގެކުރިން ދެފަހަރުވެސް އެރަށުން ޕޮޒިޓިވްވީ ނަލަވެލި ވިލާ ގެސްޓުހައުސްގައި ޗުއްޓީ ހޭދަކުރަމުން ދިޔަ ދެ ފަތުރުވެރިންނެވެ.

ޓޫރިޒަމް މިނިސްޓްރީގެ އެންމެ ފަހުގެ ހިސާބުތަކަށް ބަލާއިރު، 136 ރިސޯޓެއް ހުޅުވާ، ވަނީ ހިންގަން ފަށާފައެވެ. ޔޮޓް މެރީނާ ރިސޯޓުގެ ގޮތުގައި 2 ރަށެއް ހިންގަމުން ދާއިރު 5 ރަށެއްގައި ވަނީ ޓޫރިސްޓް ހޮޓާ ހުޅުވާފައެވެ. ޓޫރިސްޓް ވެސަލްސް ގެ ގޮތުގައި 124 އުޅަނދު އޮޕަރޭޓް ކުރަމުން ދާއިރު 135 ގެސްޓްހައުސް މިހާތަނަށް ވަނީ ހުޅުވާފައެވެ. އުކުޅަހުގައި މިވަގުތު 12 ގެސްޓު ހައުސްއެއް އޮޕްރޭޓް ކުރަމުން ދެއެވެ.