ވެރިކަން ކުރެއްވުމަށް ފހު ވަޑައިގަންނަވާ ފަރާތްތަކާ މެދު އަނިޔާވެރިކޮށް އަމަލުކޮށް، އެބޭފުޅުން ޖަލަށްލުން ނިމުމަކަށް އަންނަން ޖެހޭ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އިދިކޮޅު ލީޑަރު އަދި ކުރީގެ ރަައީސް އަބްދުﷲ ޔާމީން ޖަލު ބަންދުން ގެއަށް ބަދަލު ކުރާނީ ކޮން އިރަކުންތޯ ރޭ، ކުރިއަށް ދިޔަ "އާސްކް ސްޕީކާ" ޕްރޮގްރާމްގައި އާންމުންގެ މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ ކުށެއް ކޮށްފައި ވާނަމަ އެކަމަކަށް އަދަބު ދޭން ޖެހޭނެ ކަމަށާއި، ވެރިކަން ކުރައްވައިފައި ތިއްބަވާ ބޭފުޅުންނާ މެދު އަމަލުކުރަންވީ ގޮތް ގާނޫނުއަސާސީގައި ވެސް ބަޔާން ކޮށްފައި ވާ ކަމަށެވެ. އަދި އެއްވެސް މީހަކާ މެދު އެންމެނެއް ހިތްހަމައެއް ނުޖެހޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ކުރިން ވެރިކަމުގައި ހުންނެވި އިރު އޭގެ ކުރިން ރައީސްކަން ކުރެއްވި ކުރީގެ ރަައީސް މައުމޫން އަބްދުލްގައްޔޫމް ޖަލަށް ލެއްވުމަށް މަސައްކަތް ނުކުރައްވާ ކަމަށާ އެކަން ނުކުރެއްވީ ރައީސް މައުމޫން އެމަނިކުފާނަށް ކަމެއް ކުރައްވާފައި ނުވާތީ ނޫން ކަމަށްވެސް ވިދާޅުވިއެވެ. އަދި ރައީސް މައުމޫން ކުރެއްވީ އަނިޔާވެރި ވެރިކަމެއް ކަމަށާ އަދި އެ ވެރިކަމަކީ ރައްޔިތުން "ފިތްކަނޑައިގެން ދާ ފަދަ" އަނިޔާވެރި ވެރިކަމެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ކުރީގެ ރައީސް، އަބްދުﷲ ޔާމީނަށް މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ އިރު، ރައީސް ޔާމީން ޖަލުގައި ހުންނެވީ ރައީސް ޔާމީންގެ ވެރިކަމުގައި އެމަނިކުފާނު ޖަލަށް ލެއްވުމުން ކަމަށް ދޭހަވާ މޭރުމަކުން ވެސް ވާހަކަ ދެއްކެވިއެވެ. ނަމަވެސް އެ ވާހަކަ ފުރިހަމަ ނުކުރައްވާ ވަނީ ހުއްޓަވާ ލައްވާފައެވެ.

އަޅުގަނޑު ގެންގޮސް ޖަލަށް ނުލީނަމަ ރައީސް ޔާމީން. އަޅުގަނޑެއް ރައީސް މައުމޫން ޖަލަކަށް ނުލަން. އެއީއެއް ރައީސް މައުމޫން އަޅުގަނޑަށް ކަމެއް ނުކުރައްވާތީއެއް ނޫން
ރައީސް ނަޝީދު

މީގެ އިތުރުން ވިދާޅުވީ ރައީސް ނަޝީދުގެ ވެރިކަން ބަދަލުވެ، ޑރ. ވަހީދު ވެރިކަން ކުރައްވަން ފެއްޓެވުމުން، ރައީސް ނަޝީދު ޖަލަށް ލީ ކަމަށާއި ރައީސް ޔާމީން ވެސް ވެރިކަމަށް ވަޑައިގެން އުޅުއްވީ ރައީސް ނަޝީދު ޖަލަށް ލާން ކަމަށް ވިދާޅުވެ ވާހަކަ ދެއްކެވިއެވެ.

ރައީސް ނަޝީދު އެ މޭރުމުން ވާހަކަ ދައްކަވާފައި ވާއިރު މި ފަހުން ވަނީ އިދިކޮޅު ލީޑަރު، ކުރީގެ ރައީސް ޔާމީނަށް އަވަހަށް ލުއި ލިބިވަޑައިގެން މިނިވަން ވުމަށް ދުއާ ކުރައްވާ ކަމަށް ވެސް ނަޝީދު ވިދާޅުވެފައެވެ.