3000 އަށް ވުރެ ގިނަ މީހުންގެ ފޯމު ހުށަހެޅި، 33 ވަނަ ވާޗުއަލް ގައުމީ ޤުރުއާން މުބާރާތުގެ ފައިނަލް ބުރަށް 343 މީހަކު ހޮވައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ކީރިތި ޤުރްއާން ބަލައިގެން ކިޔެވުމުގެ ވާޗުއަލް ޤައުމީ މުބާރާތް 2020ގެ ފައިނަލް ބުރަށް ހޮވި ބައިވެރިންގެ ލިސްޓް ކީރިތި ޤުރްއާން ބަލައިގެން ކިޔެވުމުގެ ވާޗުއަލް ގައުމީ މުބާރާތުގެ ޕޯޓަލް އަދި އެ މިނިސްޓްރީގެ ވެބްސައިޓް މެދުވެރިކޮށް މިއަދު އިއުލާން ކޮށްފައިވާ ކަމަށެވެ.

މި އަހަރުގެ ގައުމީ ޤުރުއާން މުބާރާތައް 2593 ބައިވެރިންގެ ވީޑިއޯ ލިބުނު ކަމަށް މިނިސްޓްރީން ބުނެއެވެ. އެއީ މުބާރާތް ބެހިފައިވާ 2 ކެޓަގަރީގައި ކުރު ރާގަށް ކިޔަވި 2398 ބައިވެރިންނާއި ދިގު ރާގަށް 195 ބައިވެރިން ކަމަށެވެ. އޭގެ ތެރެއިން ފައިނަލަށް ހޮވާފައި ވަނީ 343 ބައިވެރިން ކަމަށާއި އެއީ ދިގު ރާގަށް ކިޔެވި 309 ބައިވެރިންނާއި ކުރު ރާގަށް ކިޔެވި 34 ބައިވެރިން ކަމަށެވެ.

2593 ބައިވެރިން ގުރުއާން ކިޔަވައި، ވީޑިއޯ ފޮނުވާފައި ވާއިރު، އިތުރުބާރު މަސްދަރަކުން މައުލޫމާތު ދިން ގޮތުގައި އިއްޔެއާ ހަމައަށް މިނިސްޓްރީއަށް ބެލުނީ ފޮނުވި ވީޑިއޯ ފައިލްތަކުގެ ތެރެއިން ދެބައިކުޅަ އެއްބައެވެ. އަދި މިއަދު އިއުލާން ކުރި އިރު ހުރިހާ ފައިލެއް ބެލި ކަމާމެދު ސުވާލު އުފެދޭ ކަމަށްވެސް މައުލޫމާތު ދިން މަސްދަރުން ބުނެއެވެ. ނަމަވެސް އެ ވަހާކަތައް އިސްލާމިކް މިނިސްޓްރީގެ މީޑިއާއިން ދޮގުކޮށް ބުނީ އެއީ ރަނގަޅު މައުލޫމާތެއް ނޫން ކަމަށެވެ.

ފައިނަލް ބުރަށް ހޮވިފައިވާ ބައިވެރިން އިއުލާން ކޮށްފައި ވާއިރު، އެ މިނިސްޓްރީން ބުނީ ފައިނަލް ބުރަށް ހޮވިފައިވާ ބައިވެރިންގެ ކިޔެވުމުގެ ރެކޯޑިން ހުށަހަޅާނީ، މި މަހުގެ 13 ވާ އާދިއްތަ ދުވަހުގެ 08:00 އިން މި މަހުގެ 17ވާ ބުރާސްފަތި ދުވަހުގެ މެންދުރު 2:00 އަށް މުބާރާތުގެ ޕޯޓަލް މެދުވެރިކޮށް ނުވަތަ ވައިބާ (ނަންބަރު: 7321728) މެދުވެރިކޮށް ކަމަށެވެ.

ޤުރްއާން ބަލައިގެން ކިޔެވުމުގެ ވާޗުއަލް ގައުމީ މުބާރާތް 2020 ގެފައިނަލް ބުރުގައި ވީޑިއޯ ރިކޯޑު ކުރާއިރު ސަމާލުކަން ދޭންވީ ކަންތައްތައް؛

  1. ބައިވެރިޔާ އަޅާ ހެދުމަކީ އިސްލާމީ އުސޫލުތަކާއި އެއްގޮތް ވާފަދަ ހެދުމެއް ކަމުގައިވުން
  2. އެހެނިހެން އަޑުތަށް ނާރާގޮތަށް ސާފުކޮށް ވީޑިއޯ ރިކޯޑުކުރުން
  3. ވީޑިއޯ ސާފުކޮށް ފެންނަ ވަރަށް އަލި ހުރުން
  4. ލޭންޑް ސްކޭޕްކޮށް ނުވަތަ ވައިޑް ސްކްރީންކޮށް ކެމެރާ ކުރުން
  5. ވީޑިއޯ ކުރާއިރު ކިޔަވާ ބައިވެރިޔާގެ މޫނާ އެއް ހަމައަކަށް ކެމެރާ ބެހެއްޓުން
  6. ވީޑިއޯ ކޮށްފައި ހުންނަ އިރު ކިޔާވާ ބައިވެރިޔާގެ މޭކަށިގަނޑުން ފެށިގެން މަތި ރީތިކޮށް ވީޑިއޯއިން ފެންނަން ހުރުން
  7. ބެކްގުރައުންޑުގައި އެއްވެސް ކަހަލަ މަންޒަރެއް ނެތް ސާފު ބެކްގްރައުންޑަކަށް ވުން

2593 މީހަކު ވީޑިއޯ ފޮނުވި މުބާރާތަކުން ގިނަ އަދަދެއްގެ ބަޔަކު ބާކީވެގެން ދިޔަ އިރު، ބާކީ ވި މީހުން ބާކީ ވީ ނުވަތަ ބާކީ ކުރީ ކޮން ގޮތަކަށް ކަމެއް މިނިސްޓްރީއަކުން އަދި ނުބުނެއެވެ.