ފުލުހުންގެ ބިލުގައިވާ ކަންކަމަކީ ވަރަށް ރަނގަޅަށް ނިންމާފައިވާ ނިންމުންތަކެއް ކަމަށް ފުލުހުންގެ ތަރުޖަމާން ޗީޕް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ޔޫނުސް ސޮބާހު ވިދާޅުވެއްޖެއެވެ.

"ދަ ޕްރެސް" އަށް ދެއްވި އިންޓަވިއުއެއްގައި ޔޫނުސް ވިދާޅުވީ މޯލްޑިވްސް ޕޮލިސް ސާވީސުން ދެކެނީ އެ ބިލުގެ ސަބަބުން ފުލުހުންގެ ހިދުމަތައް ވަރަށް ބޮޑެތި ތަރައްގީ ތަކަކާއި ކުރިއެރުންތަކެއް އަންނާނެ ކަމަށެެވެ. ޔޫނުސް ވިދާޅުވީ އެ ބިލު މަޖިލިހަށް ހުށަހެޅިގެން ދިޔަ ހިސާބުން ފެށިގެން ފުލުހުންގެ ފަރާތުން އެ ބިލަށް ދޭން ޖެހޭ އެހިތެރިކަން ދީފައިވާނެ ކަމާށާއި އެ ބިލުގެ ތެރޭގައި ފުލުހުންގެ ބައިވެރިވުންވެސް ހިމެނޭނެކަމަށެވެ.

އެގޮތުން އޭނާ ވިދާޅުވީ އެ ބިލުގެ ސަބަބުން ފުލުހުންގެ މަސައްކަތައް ވަރަށް ބޮޑު ބަލަދެއް އަންނާނެ ކަމަށެވެ. އެއީ ޕޮލިސް ބޯޑުގެ ނަމުގައި އަލަށް އެކުލަވާލާފައިވާ ބޯޑުގެ ސަބަބުން ކަމަށް އޭނާ ވިދާޅުވިއެވެ. ސަބަބަކީ އެއީ ތަރައްގީ ވެފައިވާ ގައުމުތަކުގައި ކުރަމުން އަންނަ ކަމަކަށްވެފައި ރާއްޖޭގައިވެސް އެ މަސައްކަތް ކުރަން ފެށުން ކަމަށް ޔޫނުސް ވިދާޅުވިއެވެ.

އެ ބިލަކީ އަލުގަނޑުމެންގެ ބައިވެރިވުން ވަރަށް ބޮޑަށް އޮވެގެން އެކުލަވާލި ބިލެއް، އަޅުގަނޑުމެންގެ މުއައްސަސާއިން ދެކެނީ، މޯލްޑިވްސް ޕޮލިސް ސާވީސުން ދެކެނީ މި ބިލަކީ ފުލުހުންގެ ހިދުމަތައް ވަރަށް ބޮޑެތި ތަރައްގީ ތަކެއް އައިސް ކުރިއެރުންތަކެއް ގެނެސްދެވޭނެ ގާނޫނެއް ކަމަށް
ޔޫނުސް

އަދި އެ ބިލުގައި ބަޔާންކުރާ ލާމަރުކަޒީކޮށް ރައްޔިތުންނާ ގުޅިގެން ފުލުހުންގެ ހިދުމަތް ދޭން ޖެހޭނެ ކަމަށް ބަޔާންކުރާ މާއްދާއަށް ރިއާޔަތްކޮށް ޔޫނުސް ވިދާޅުވީ އެއީ ފުލުހުންގެ ފަރާތުން ވަރަށް ބޮޑަށް ތަރުހީބުދޭ ބަދަލެއް ކަމަށައި ފުލުހުންގެ މުައްސަސާއަކީ ރައްޔިތުންގެ އިތުބާރު ލިބިފައިވާ މުއައްސަސާއަކަށް ހެދުމަށްވެސް އެ ބިލުން ފުރުސަތު އޮތް ކަމަށެވެ.

ހާއްސަކޮށް ރައްޔިތުންނާ ގުޅިގެން ފުލުހުންގެ ހިދުމަތް ދޭން ޖެހޭނެ ކަމަށް ބިލު އެބަ ބަޔާން ކުރޭ، އެއީ އަޅުގަނޑުމެން ވަރަށް ތަރުހީބުދޭ އަދި މަރުހަބާ ކިޔާ ބަދަލެއް، ފުލުހުންގެ ލީޑާޝިޕް ހާއްސަކޮށް ކޮމިޝަނާ ހަމީދު ހަވާލު ވުމަށްފަހުގަ ރައްޔިތުންގެ އިތުބާރު ލިބިފަވާ މުައްސަސާއަކަށް ހެދުމަށް މަސައްކަތް ކުރެވެމުން މިދަނީ، އޭގަ ހިމެނޭ އެއް އަސާސު އެއީ ކޮމިއުނިޓީ ޕޮލިސީ
ޔޫނުސް

ރޭގެ ވަގުތެއްގައި ރައްޔިތުންގެ މަޖިލީހުން ފާސްކުރި ފުލުހުންގެ ހިދުމަތުގެ ބިލްގައި ހިމެނި ބައެއް އިސްލާހުތަކާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޔޫނުސް ވިދާޅުވީ އެ ބަދަލުތަކާއެކު ފުލުހުންގެ ހިދުމަތައް އިތުރު ހަރުދަނާ ކަމެއް ލިބިގެންދާނެ ކަމަށެވެ. ސަބަބަކީ ފުލުހުންގެ އެންމެ މަތީ ފަންތީގައި ތިއްބަވާ ބޭފުޅުންނާ ގުޅޭގޮތުން ރައްޔިތުންގެ ފަރާތުން އެއްވެސް ޝަކުވާއެއް ނުވަތަ ތުހުމަތެއް ނެތްކަން ކަށަވަރު ކުރެވިގެން ދާނެ ކަމަށެވެ.

އަދި އެ އިސްލާހުތަކަކީ ވަކި ފުލުހަކަށް ނުވަތަ އެ މުއައްސަސާގެ ވަކި ބަޔަކަށް އަމާޒުކޮށް ނިންމާފައިވާ އިސްލާހެއް ނޫން ކަމަށާއި އޭގެންވެސް ލިބިގެންދާނީ ފުލުހުންގެ ހިދުމަތައް އިތުރު ކުރިއެރުމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ފުލުހުންގެ ބޯޑާ ގުޅޭގޮތުން އާންމު ބައެއް ފަރާތްތަކުންނާއި އިދިކޮޅު ފަރާތްތަކުގެ ވާހަކަތަކާ ގުޅިގެން ޔޫނުސް ވިދާޅުވީ ބޯޑު މަސައްކަތް ކުރާނެ ގޮތުގެ ތަފްސީލުތައް ގާނޫނު ވުޖޫދު ވުމާއެކު ގާނޫނުގެ ތެރެއަށް އަންނާނެ ކަމަށެވެ. ނަމަވެސް ބޯޑުގެ މުޅި މާއްދާ ކިޔާލުމުން އެއީ ވަރަށް "ޕްރޮފެޝަނަލް މަސައްކަތް" ކުރާ ބޯޑެއް ކަމަށާއި އޭގެ ތެރޭގައި ފަންނީ ދާއިރާތަކުން މީހުން ހޮވުމަށް ނިންމާފައިވާކަން ފާހަގަ ކުރައްވާފައި ވެއެވެ.

ޔޫނުސް ވިދާޅުވީ ބޯޑުގެ ސަބަބުން ފުލުހުންގެ މުއައްސަސާގެ ހިންގުމަށް އެއްވެސް ކަހަލަ ސިޔާސީ ނުފޫޒެއް ނުފޯރާނެ ކަމަށެވެ.

މުޅި ބޯޑަށް ހަވާލު ކުރެވިފަ އޮތް މައްސޫލިޔަތުތަކަށް ބަލާއިރު، ފަންނީ މަސައްކަތްތަކެއް ކުރާ ބޯޑަކަށޭ އެ ބޯޑު ވެގެން ދާނީ އަދި އެ ބޯޑަކީ އަޅުގަނޑުމެންގެ ހިދުމަތައް، ރައްޔިތުންނަށް ދެވޭ ހިދުމަތް މޮނިޓާ ކޮށް މެޝާކޮށް ކުރާނެ މަސައްކަތް ތަކެއް އެ ބޯޑަށް ލިބިގެންވަނީ، ބޯޑުގެ ސަބަބުން ފުލުހުންގެ މުއައްސަސާގެ ހިންގުމަށް އެއްވެސް ކަހަލަ ސިޔާސީ ނުފޫޒެއް ފޯރާނެގޮތަކަށް ނޫން އެ މާއްދާ އެ އޮތީ.
ޔޫނުސް

ފުލުހުންގެ ބޯޑަށް ފެނިއްޖެނަމަ ފުލުހަކު ސިވިލް ވަޒީފާއަކަށް ބަދަލު ކުރުމުގެ އިހުތިޔާރު ލިބޭނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވާ ނުކުތާއަށް ރިއާޔަތްކޮށް ޔޫނުސް ވިދާޅުވީ މުޅި ހުރިހާ މުވައްޒަފުންނާ ގުޅޭގޮތުން ބޯޑަށް އެފަދަ އިހުތިޔާރެއް ލިބިފައިވާ ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި ފުލުހުންގެ ބިލުގެ މަގްސަދަކީ މުވައްޒަފުންނާއި ގުޅޭކަންކަމާއި އެންމެ ފަހު ބަސް ބުނާނެ ފަރާތަކީ ކޮމިޝަނާ އޮފް ޕޮލިސް ކަމަށެވެ.

އަދި މިނިސްޓަރަށް ލިބިފައި ވަނީ ވަކި ބާރުތަކެއް ކަމަށާއި ބައެއް ކަންކަމުގައި ކޮމިޝަނާގެ ލަފާގެ މަތިން މިނިސްޓަރު ނިންމަވަން ޖެހޭ ކަންކަން ހުރިކަން ފާހަގަ ކުރައްވާ ވިދާޅުވީ މުވައްޒަފުންގެ ކަންތައްތަކާއި އިދާރީ ކަންކަމުގެ ބާރު ލިބިގެން ވަނީ ކޮމިޝަނާ އޮފް ޕޮލިސްއަށް ކަމަށެވެ.

ފުލުހުންގެ ތެރޭގަ ތިބޭނެކަން ޔުނީފޯމް ނާޅާ މަސައްކަތް ކުރާނެ ބަޔަކުވެސް، އެއީ ޒަމާނީ ފުލުހުންގެ ހިދުމަތްތަކުގަ މިހާރު ހަމަ ބައްޓަން ވަމުން އަންނަ ވިސްނުމެއް، ފުލުހުންގެ މަސައްކަތަކީ ވަރަށް ޓެކްނިކަލް މަސައްކަތްވެސް ހިމެނޭ ދާއިރާއަކަށްވާތީ ހުރިހާ މަސައްކަތަކީ ޔުނީފޯމް އެޅު ފުލުހަކު ހުވާކޮށްގެން ހުރެ ކުރަން ޖެހޭ މަސައްކަތެއް ނޫން
ޔޫނުސް

ފުލުހުންގެ ބިލާގުޅޭގޮތުން އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވީ އެ ބިލުގެ ސަބަބުން ފުލުހުންގެ މުއައްސަސާ ވަރަށް ބޮޑަށް ސިޔާސީ ވާނެ ކަމަށާއި ސީން ތަކަށް ދިއުމުގެ ކުރިން ވަކި ރޭންކް ތަކެއްގެ އޮފިސަރުންގެ ހުއްދަ ހޯދަން ޖެހޭނެ ކަމަށެވެ.

އަދި އެ ބިލަކީ ދުނިޔޭގެ ތަހުޒީބު އެއްވެސް ތަނެއްގައި އަމަލު ކުރާ އުސޫލެއް ނޫން ކަމަށާއި 7 ފެބްރުއަރީ އައިއިރު ތިބި ފުލުހުންނަށް ފިޔަވަޅު އެޅުމުގެ ގޮތުން އެމްޑީޕީން "ހަސަދަ ފިލުވާލުމަށް" ރާވާފައިވާ ބިލެއް ކަމަށް ޝިޔާމް ސިފަކުރެއްވިއެވެ.

ފުލުހުންގެ ބިލުގެ ސަބަބުން އެ މުއައްސަސާ ވަރަށް ބޮޑަށް ސިޔާސީ ވާނެ، ރައީސަށް ހުންނަ މީހާގެ ފައިބުޑަށް ތިރިވާން ޖެހޭ ނަތީޖާ ފެންނާނީ، އަދި އެ ބިލަކީ ދުނިޔޭގެ ތަހުޒީބު އެއްވެސް ތަނެއްގައި އަމަލު ކުރާ ގޮތައް އޮތް ބިލެއް ނޫން
ޝިޔާމް

ފުލުހުންގެ ގާނޫނު އިސްލާހު ކުރަން އުޅެނީ، ފެބްރުއަރީ 7، 2012 ގައި ބަޣާވާތަކުން ވެރިކަން ވައްޓާލާފައި ވާ ކަމަށް މިހާރު ސަރުކާރު ހިންގާ ކޯލިޝަނުގެ މައި ޕަޓީ އެމްޑީޕީން ބުނަމުން އަންނަ ދަނޑިވަޅެއްގައެވެ. އަދި ފުލުހުންގެ ބިލުގެ އެންމެ ބޮޑު އެއް އަމާޒަކީ އެމްޑީޕީން ބުނާ، ފެބްރުއަރީ 7ގެ ބަޣާވާތުގައި ބައިވެރި ވި އޮފިސަރުން ވަޒީފާއިން ވަކިކުރުން ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.