ހުޅުމާލޭ ފަޅުތެރޭގައި އޮތް ކަންނެލި ދޯންޏަކުން ފެނުނު 130 ކިލޯގެ ޑްރަގް މައްސަލައިގައި ހައްޔަރުކުރި ޝަހީބް އިބްރާހިމްގެ ޝަރީއަތް ނިމެންދެން ބަންދުކުރި މައްސަލައިގެ އަޑުއެހުންތައް ސުޕްރީމް ކޯޓުން މިއަދު ނިންމާލައިފިއެވެ.
މިއަދު ކުރިއަށް ގެންދިޔަ އަޑުއެހުމަކީ ރާއްޖެއަށް 130 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކުރި ޝަހީބް ޝަރީއަތް ނިމެންދެން ބަންދުކުރި މައްސަލައިގައި އޭނާގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން އެކޯޓުން ބޭއްވި އަޑުއެހުމެކެވެ.
އެ މައްސަލައިގައި މިއަދު ބޭއްވި އަޑުއެހުންތައް އެއްކޮށް ވަނީ ނިންމާލައިފައެވެ. ދެން އެ މައްސަލައިގެ އަޑުއެހުމެއް ބާއްވާނީ ހުކުމް އިއްވުމަށެވެ.
މިއަދު އެ އަޑުއެހުންތައް ކުރިއަށް ގެންދިިޔައީ ސިއްރު ކޮށްގެންނެވެ. އެނގިފައިވާ ގޮތުގައި އެގޮތަށް ކުރިއަށް ގެންދިޔައީ ދައުލަތުން އެދިގެންނެވެ. އެ މައްސަލަ ސުޕްރީމް ކޯޓުން ބައްލަވަނީ ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދުގެ އިތުރުން ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ.
ރާއްޖެއަށް 130 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކުރި މީހުންގެތެރޭގައި ހިމެނޭ ގއ. ވިލިނގިލި، ލައިޓްހައުސް ޝަހީބް އިބްރާހިމަށް ބަންދުގައި ބެހެއްޓުމަށް ފަހު ޝަރުތުތަކާ އެކު ކްރިމިނަލް ކޯޓުން ވަނީ އޭނާ ބަންދުން ދޫކޮށްލާފައެވެ. އެކަމަކު އެ މައްސަލަ ދައުލަތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން މިދިޔަ މަހު ވަނީ އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކޮށްފައެވެ.
އެ މައްސަލައިގައި ޝަހީބު ހިމެނޭގޮތަށް ހަތް މީހަކު ފުލުހުން ހައްޔަރުކުރިއެވެ. ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނެނީ 25 އަހަރާ 48 އަހަރާ ދެމެދުގެ ފިރިހެނުންނާއި 18 އަހަރުން ދަށުގެ ކުޑަކުއްޖެކެވެ. އެ ތަކެތި ރާއްޖެ އެތެރެކުރުމަށް އެންމެ އިސްކޮށް ހަރަކާތްތެރިވެފައިވާ ކަމަށް ފުލުހުން ތުހުމަތު ކުރަނީ ޝަހީބް އިބްރާހިމް އާއި ވައިލެޓްވިލާ/ ހއ. ހޯރަފުށި، އަހްމަދު މޫސާ އަށެވެ.
ޝަހީބަކީ ކުރީ ސަރުކާރުގައި ހައުސިންގް މިނިސްޓްރީގެ ކޯޑިނޭޓަރުކަން ކުރި މީހެކެވެ. އަދި މީހާރު އޭނާ ވަނީ ޕީއެންސީގެ ކައުންސިލް މެންބަރު ކަމުން ސަސްޕެންޑު ކޮށްފައެވެ.