އެތެރެހަށީގައި ރައްކާ ކޮށްގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި މީހަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައި ވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހު ދިވެހިރާއްޖެއަށް އައި ބްރެޒިލްގެ ރައްޔިތެއް ކަމަށްވާ އުމުރުން 21 އަހަރުގެ ރެނާޓޯ އަލްފްރެޑޯ ކަމަށެވެ.
އޭނާ ހައްޔަރު ކޮށްފައި ވަނީ އެތެރެހަށީގައި ރައްކާ ކޮށްގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅޭކަމަށް ކަސްޓަމްސް އޮފިސަރުންނަށް ޝައްކު ކުރެވިގެން އޭނާ ހުއްޓުވައި އެކްސްރޭ ކުރުމުން އޭނާގެ ހަށިގަނޑުގެ ތެރޭގައި އެއްޗެހިތަކެއް ހުރިކަމަށް ފާހަގަ ކުރެވިގެން ކަސްޓަމްސް އިން ފުލުހުންނަށް މައުލޫމާތު ދިނުމުން ފުލުހުންނާއި ކަސްޓަމްސް ގުޅިގެން އެ ފިރިހެން މީހާ ހޮސްޕިޓަލަށް ގެންގޮސް ޑޮކްޓަރަށް ދެއްކުމުން އޭނާގެ ހަށިގަނޑުގައި ފޮރިން ބޮޑީސްތަކެއް ހުރިކަމަށް ޔަގީން ކުރެވުމާ ގުޅިގެން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އެގޮތުން އޭނާ ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފުލުހުންގެ ބެލުމުގެ ދަށުގައި އޮތްއިރު އޭނާ ބޮޑުކަމުދިޔަ ތަކެތީގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި 66 ބުލެޓް ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އެ މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަަލް ކޯޓަށް ހާޒިރު ކުރުމުން ޝަރީއަތް ނިމެން ދެން އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރު ކޮށްފައި ވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.