ކޮވިޑް ބަލިމަޑުކަން ފެތުރެން ފެށުމާ ގުޅިގެން ރާއްޖޭގައި އިއުލާނު ކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އަންނަ ޖެނުއަރީ މަހުގެ 4 ވަނަ ދުވަހާ ހަމައަށް އިތުރުކޮށްފިއެވެ.
ކޮވިޑް-19އާ ގުޅިގެން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އެންމެ ފުރަތަމަ އިއުލާން ކުރީ މިދިޔަ މާޗް މަހުގައެވެ. އަދި މިހާރު މި ހާލަތު އިތުރުކުރި މީ 10 ވަނަ ފަހަރެވެ.
ކޮވިޑް-19 ބައްޔަކީ "ޕެންޑެމިކް" އެއް ކަމަށް ޑަބްލިއުއެޗްއޯއިން ކަނޑައެޅުމާ ގުޅިގެން ރާއްޖޭގައި އާންމު ސިއްހަތުގެ ކުއްލި ނުރައްކަތުގެ ހާލަތު ސަރުކާރުން އިއުލާން ކޮށްފައި ވަނީ އާއްމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން ހެލްތު މިނިސްޓަރަށް ލިބިގެންވާ ބާރުގެ ދަށުންނެވެ. އެންމެ ފަހުން އެ މުއްދަތު އިތުރުކުރީ މިދިޔަ ނޮވެމްބަރު މަހުގެ 5 ވަނަ ދުވަހުއެވެ. އެ އިތުރުކުރުން ހަމަވެފައި ވަނީ މިއަދުގެ ނިޔަލަށެވެ.
ހެލްތު މިނިސްޓްރީން ނެރުނު ގަރާރުގައި ވަނީ، އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން ހެލްތް މިނިސްޓަރަށް ލިބިދޭ ބާރުގެ ދަށުން މިހާރު އިއުލާން ކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ މުއްދަތު އަންނަ ޖެނުއަރީ މަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށް ދެމެހެއްޓުމަށް ނިންމާ އެކަން ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް އަންގާ ކަމަށެވެ. އެ ގަރާރުގައި ސޮއި ކުރައްވާފައި ވަނީ ހެލްތު މިނިސްޓަރު އަހްމަދު ނަސީމެވެ.
ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތުގެ މުއްދަތު އަނެއްކާ ވެސް އިތުރު ކުރީ ކޮވިޑް-19 ގެ ނުރައްކާ އަދިވެސް އޮތުމުން ކަމަށް އެ ގަރާރުގައި ބުނެއެވެ. އަދި އެ ނުރައްކާ ކުޑަކޮށް ހާއްސަ ފިޔަވަޅުތަކެއް އެޅުމަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރު ކުރުމަށް ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ލަފާ ދެއްވާފައިވާ ކަމަށް ވެސް ވެއެވެ.