ނިމިދިޔަ ނޮވެމްބަރު މަހުގެ ނިޔަލަށް ދިވެހިރާއްޖޭގެ ހައި ކޯޓުގައި ނުނިމި 792 މައްސަލައެއް އޮތް ކަމަށް އެ ކޯޓުގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ހައި ކޯޓުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މިއަހަރު ޖުމްލަ ރަޖިސްޓްރީ ކޮށްފައި ވަނީ 296 މައްސަލައެލެވެ. އޭގެ ތެރެއިން 95 މައްސަލަ ހުށަހަޅާފައި ވަނީ މާޗް މަހުން ޖުލައި މަހުގެ ނިޔަލަށް ކޮވިޑް-19ގެ ސަބަބުން އާންމުކޮށް ޝަރީއަތް ހިންގުން މެދުކަނޑާލާފައިވާ މުއްދަތުގައެވެ.
އާންމުކޮށް ޝަރީއަތް ހިންގުން މެދުކަނޑާލާފައިވާ މުއްދަތުގައި ވެސް ހައި ކޯޓުން ވަނީ ބައެއް ޝަރީއަތްތައް ކުރިއަށް ގެންގޮސްފައެވެ. އެގޮތުން މާޗް މަހާއި ޖުލައި މަހުގެ ނިޔަލަށް ވެސް ހައި ކޯޓުން ވަނީ 87 މައްސަލަ ނިންމާފައެވެ.
ޖުލައި މަހުން ނޮވެމްބަރު މަހުގެ ނިޔަލަށް އެ ކޯޓުން ރަޖިސްޓްރީ ކޮށްފައި ވަނީ 140 މައްސަލައެވެ. 140 މައްސަލަ ހުށަހަޅާފައި ވާއިރު، ކުރިން ހުށަހަޅާފައި ވާ މައްސަލަތައް ހިމެނޭ ގޮތަށް 208 މައްސަލައެއް މި މުއްދަތުގައި ވަނީ ނިންމާފައެވެ. އެއީ އޮގަސްޓް މަހު 46 މައްސަލަ، ސެޕްޓެމްބަރު މަހު 50 މައްސަލަ، އޮކްޓޯބަރު މަހު 53 މައްސަލަ އާއި ނޮވެމްބަރު މަހު 59 މައްސަލައެވެ.
2020 ވަނަ އަހަރު ފެށުނުއިރު، ހައި ކޯޓުގައި ނުނިމި 884 މައްސަލަ އޮތެވެ. އަދި ކޮވިޑް-19ގެ ސަބަބުން އާންމުކޮށް ޝަރީއަތް ހިންގުން ހުއްޓާލުމާ ހަމައަށް އެ ކޯޓަށް ވަނީ އިތުރު 61 މައްސަލައެއް ރަޖިސްޓްރީ ކޮށްފައި ވެއެވެ. އެގޮތުން ފެބްރުއަރީ މަހުގެ ނިޔަލަށް އެ ކޯޓުން ވަނީ ޖުމްލަ 111 މައްސަލަ ނިންމާފައެވެ.
މިއަހަރު ތެރޭގައި އެ ކޯޓުގައި ހިންގަމުންދާ ބޮޑެތި މައްސަލަތައް ނިންމުމަށް ހައި ކޯޓުން ވަނީ އެ ކޯޓުގެ ރިސެސް މުއްދަތުގައި ވެސް ޝަރީއަތް ހިންގުމަށް ނިންމާފައެވެ. ހައި ކޯޓުން ބުނީ މިފަދައިން އެ ކޯޓުގެ ފަނޑިޔާރުންގެ އާއްމު މަޖިލީހުން ނިންމާފައި ވަނީ އެކޯޓުގެ ނުނިމިހުރި މައްސަލަތައް މަދު ކުރުމަށްޓަކައި ކަމަށެވެ.