ހަރުކަށި ފިކުރަކީ ރާއްޖޭގައި އާންމު ވެފައިވާ ގޮންޖެހުމެއް ކަމަށް މިނިސްޓާ އޮފް ޑިފެންސް މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ މެރިންސް އާ ގުޅިގެން، އިނގިރޭސިވިލާތުގެ އަސްކަރިއްޔާއިން ހިންގި ކައުންޓާ ޓެރަރިސްޓް ކްލޯސް ކުއާޓާ ބެޓަލް ކޯސް ނިންމުމުގެ ގޮތުން މިއަދު ހަވީރު ލ. ކައްދޫގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، މިނިސްޓަރު މާރިޔާ ވިދާޅުވީ އެ ތަމްރީން ޕްރޮގްރާމްގެ ސަބަބުން ދިފާއީ އަދި ސަލާމަތީ ރޮނގުން، ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު އޮތް ގުޅުމުގައި އާ ބާބެއް ހުޅުވިގެން ދިޔަކަމަށެވެ.

އެގޮތުން ނިރުބަވެރިކަމާއި ހަރުކަށި ފިކުރު ފެތުރުން ހުއްޓުވުމަށާއި އެއަށް އިޖާބަ ދިނުމުގައި ސަރުކާރުން އެކުލަވާލައިފައި ވާ ނޭޝަނަލް ޓެރަރިޒަމް ރެސްޕޮންސް ޕްލޭނުގެ ދަށުން، ޒަރޫރީ ހާލަތެއްގައި، ލީތަލް ރެސްޕޮންސް ނުވަތަ ހަތިޔާރާއެކީ ކުރިމަތިލުމުގެ ބާރު، އެމްއެންޑީއެފަށް ދީފައިވާ ކަމަށް މާރިޔާ ވިދާޅުވިއެވެ.

ނިރުބަވެރިކަމާއި ހަރުކަށި ފިކުރަކީ މުޅި ބައިނަލްއަގްވާމީ މުޖްތަމައު އަށް ވެސް އާންމު ވެފައިވާ ގޮންޖެހުމެއް ކަމަށް ވިދާޅުވެ، މިނިސްޓަރު މާރިޔާ ވަނީ، މި ގޮންޖެހުމާ ކުރިމަތިލުމުގައި ދޭދޭ ގައުމުތަކުން، މިހާރަށް ވުރެ ބޮޑަށް، އިންޓެލިޖަންސް ހިއްސާކޮށް، ގުޅިގެން މަސައްކަތް ކުރުމުގެ މުހިއްމުކަން ފާހަގަ ކުރައްވާފައެވެ.

މިނިސްޓަރު މާރިޔާ އިތުރަށް ވިދާޅުވީ، ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންނަށާއި ގައުމުގެ ރައްޔިތުންނަށް އަމާން، ސުލްހަވެރި ވެށްޓެއް ކަށަވަރުކޮށްދީ، މިވެށި އަންނަން އޮތް ޖީލުތަކަށް ވާސިލް ކޮށްދިނުމަށްޓަކައި، މިފަދަ ތަމްރީނު ޕްރޮގްރާމްތައް ވަރަށް މުހިންމު ކަމަށެވެ.

އެ ރަސްމިއްޔާތުގައި، އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކެރަން ރޯޒްލާ އާއި، ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލާއި، ޖެނެރަލް އޮފިސަރުންނާއި، ސެންޓްރަލް އޭރިޔާގެ ސިފައިންނާއި އިނގިރޭސިވިލާތުގެ ޓްރެއިނިންގް ޓީމުގެ މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ.