އއ. ތޮއްޑޫއިން ދޫކުރުމަށް ނިންމާފައިވާ 100 ގޯއްޗަށް ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކުގެ ވަގުތީ ލިސްޓް ކައުންސިލުން އާއްމު ކޮށްފިއެވެ.
ތޮއްޑޫ ކައުންސިލުން އާންމު ކުރި ލިސްޓުގައި ވާ ގޮތުން ގޯތި ހޯދުމަށް ފޯމުލި 486 މީހުންގެ ތެރެއިން ޝަރުތު ހަމަވެފައި ވަނީ 330 މީހުންނެވެ. އަދި 15 މީހެއްގެ ޝަރުތު ހަމަނުވާ އިރު 5 ފަރާތެއްގެ ފޯމުގައި މުހިންމު ބައެއް މައުލޫމާތު މަދެވެ.
ވަގުތީ ލިސްޓުތަކަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން މި މަހުގެ 13 ވަނަ ދުވަހުގެ މެންދުރު 1:00 ގެ ނިޔަލަށް ހުޅުވާލާފައި ވާ ކަމަށް އެ ރަށު ކައުންސިލުން ބުނެއެވެ.
އަދި ލިޔުމުންނާއި ކައުންސިލުގެ މެއިލް މެދުވެރިކޮށް ވެސް ޝަކުވާ ހުށަހެޅޭނެ އިންތިޒާމު ހަމަޖައްސާފައި ވާ ކަމަށް އެ ކައުންސިލުން ބުނެއެވެ.
ތޮއްޑޫއިން ގޯތި ދޫކުރުމަށް ނިންމައި ގޯއްޗަށް އެދުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ.