ފުލުހުންގެ ތެރޭގައި ބަޣާވަތް ކުރުމާއި، އެކަމަށް ހިތްވަރު ދޭނަމަ ވަކިން ދައުވާ ކުރެވޭ ގޮތަށް ފުލުހުންގެ ބިލު ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމީޓީން ފާސް ކޮށްފިއެވެ.
ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލުގައި ވަނީ ފުލުހުންގެ ތެރޭގައި ނުވަތަ ފުލުހުން އެހެން ބަޔަކާ ބައިވެރިވެގެން ބަޢާވާތްކޮށްފިނަމަ، ނުވަތަ ބަޢާވާތެއްކުރަން އުޅެފި ނަމަވެސް އެއީ ކުށެއް ކަމަށެވެ.
އަދި އެފަދަ ކަމެއް ކުރަން ރޭވުން، އެފަދަ ކަމަކަށް ހިތްވަރުދިނުން، އެހެން ބަޔަަކު ކުރާކަން ނުވަތަ ކުރަން ރާވާކަން އެނގިހުރެ އެކަން ސިއްރު ކުރުމަކީވެސް ކުށެއް ކަމަށް ބިލުގައި ބުނެފައިވެއެވެ.
އެ ބިލުގައި "ބަޢާވާތްކުރުން" އެ ބަހުގެ މާނަ ވަރަށް ފުޅާކޮށް ލިޔެ، ބަޢާވާތުގެ އަމަލުތައްވެސް ބަޔާންކޮށްފައިވެއެވެ. އެގޮތުން ފުލުހަކަށްވެ ހުރެ، ފުލުހުން ތެރޭގައި އެހެން ފުލުހަކާ ނުވަތަ ފުލުހުންގެ ބަޔަކާ ބައިވެރިވެ، ނުވަތަ ފުލުހުން ނޫން ބަޔަކާ ބައިވެރިވެ، ބާރުގެ ބޭނުން ކުރުމާއި ނުވަތަ ބާރުގެ ބޭނުން ކުރާނެ ކަމަށް ބުނެ ބިރު ދެއްކުމާއި ނުވަތަ އެ މަގުސަދުގައި ތިމާ އަދާކުރަން ޖެހޭ ޑިއުޓީތަކާއި ހަވާލުކުރެވޭ މަސައްކަތްތަކާއި ކުރެވޭ އަމުރުތަކަށް ނުކިޔަމަންތެރިކަން ދެއްކުމާއި، މިފަދަ ކަންތައްތަކަށް އެހެން މީހުންނަނަށް ހިތްވަރުދީ ހެދުމަކީ ބަޢާވާތްކުރުން ކަމަށް ބުނެފައިވެއެވެ.
މީގެ އިތުރުން އެ ބިލުގައި ފުލުހަކު ވަޒީފާއިން ފިލައިގެން ހިނގައްޖެނަމަ ނުވަތަ ދާން އުޅެފިނަމަ އެއީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅައިފައި ވެއެވެ. އެގޮތުން، ފުލުހަކު ވަޒީފާއިން ފިލިކަމަށް ބެލޭނެ ހާލަތްތަކެއް ބަޔާންކޮށްފައިވާއިރު، މީގެ ތެރޭގައި، ހުއްދަ ނެތި ޑިޔުޓީ ދޫކޮށް ދިއުމާއި، ހުއްދަ ނުހޯދައި 14 ދުވަސް ވަންދެން ވަޒީފާއަށް ހާޒިރުނުވެ ހުރުން ހިމެނެއެވެ.
މީގެ އިތުރުން، ފުލުހުންގެ މުއައްސަސާ އޮޕަރޭޝަނަލް ހާލަތަށް ގެނެވިފައިވަނިކޮށް، ވެރިއެއްގެ އަމުރާ ހިލާފަށް ވަޒީފާއަށް ނުނުކުމެ ހުރުމާއި، ބަޔަކާ ކުރިމަތިލާންޖެހޭ ހާލަތެއްގައި އެކަން އެނގިހުރެ ފިލުމާއި އަޅާނުލުންވެސް އެ މާއްދާގެ ތެރޭގައި ވަނީ ހިމަނައިފައެވެ.
ފުލުހުންގެ ގާނޫނު އިސްލާހު ކުރަން އުޅެނީ، ފެބްރުއަރީ 7، 2012 ގައި ބަޣާވާތަކުން ވެރިކަން ވައްޓާލާފައިވާކަމަށް، މިހާރު ސަރުކާރު ހިންގާ ކޯލިޝަނުގެ މައި ޕަޓީ އެމްޑީޕީން ދަނީ ތަކުރާރުކޮށްފައިވާ ދަނޑިވަޅެއްގައެވެ. އެކަމާ ގުޅުވައި ފުލުހުންތަކެއް މަގާމުން ވަކިކޮށް، އަދަބު ދިނުމަށްކަމުގެ ތުހުމަތުތައް މި ސަރުކާރަށް ވަނީ އަމާޒުވެފައިއެވެ.