މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން، އަތޮޅު ތެރޭގެ ބައެއް ރަށްރަށުގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި 4 ރަށަކުން 6 މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މަސްތުވާތަކެތީގެ އެ އޮޕަރޭޝަންތަކުގެ ތެރެއިން އދ. މާމިގިލީގައި ހިންގި އެއް އޮޕަރޭޝަނަކީ އެ އަތޮޅު ރިސޯޓަކުން މާމިގިއްޔަށް ބަނގުރާ އެތެރެކުރަން އުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ރޭ ދަންވަރު ހިންގި އެ އޮޕަރޭޝަނުގެ ތެރެއިން މާމިގިލި ބަނދަރު ސަރަހައްދު ބަލައި ފާސްކުރިއިރު ހަތަރު ދަޅު ބިޔަރު ފެނިފައިވާ ކަމަށެވެ.
ފުލުހުންގެ އިންޓެލިޖެންސާއި މާމިގިލި ޕޮލިސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވާ ނަމަވެސް މާލެއިން މާމިގިއްޔަށް މަސްތުވާތަކެތި އެތެރެކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން އިއްޔެ މާމިގިލީގައި ހިންގި އޮޕަރޭޝަނުގައި، މާލެއިން މާމިގިއްޔަށް ދަތުރުކުރި ފެރީއަކުން 27 އަހަރުގެ ބަނގުލަދޭޝް މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.
އަދި އޭނާ ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ނުވަ ރަބަރު ޕެކެޓު އޭނާގެ އަތުން ފެނިފައިވާ ކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.
ތ. ތިމަރަފުށި ޕޮލިހާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނަކީ އެއަތޮޅު ކިނބިދޫ ނެރުކައިރީގައި އަޅާފައި އޮތް ދޯންޏެއްގައި މަސްތުވާތަކެތި ގެންގުޅެ އެ ތަކެތީގެ ވިޔަފާރިކުރާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން އިއްޔެ ހިންގި އެ އޮޕަރޭޝަނުގައި، އެ ދޯނި ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ހަތަރު ރަބަރު ޕެކެޓު ފެނިފައިވެއެވެ.
އެ މައްސަލައާ ގުޅިގެން 28 އަހަރުގެ ދެ މީހުންނާއި 34 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި އެ ތިން މީހުންނަކީ ވެސް ދިވެހިން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ރ. މަޑުއްވަރި ފަޅުގައި އޮތް ދޯންޏެއްގައި ހުރި މީހަކު މަސްތުވާތަކެތި ގެންގުޅޭ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން މަޑުއްވަރި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި 34 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވެއެވެ. އިއްޔެ ހިންގި އެ އޮޕަރޭޝަނުގައި އޭނާ ހައްޔަރުކޮށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ފަސް ސެލޯފިންކޮޅު ފެނިފައިވެއެވެ.
އެ މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް މަޑުއްވަރި މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 10 ދުވަހުގެ މުއްދަތު ދީފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މީގެ އިތުރުން ލ. މާވަށުގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނަކީ އާންމު ފަރާތަކުން ފުލުހުންނަށްދިން މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށާއި މިދިޔަ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި، 32 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 12 ސެލޯފިންކޮޅު ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.
އެ މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް މާވަށު މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 12 ދުވަހުގެ މުއްދަތު ދީފައިވާ ކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.
އެ މައްސަލަތައް ފުލުހުންދަނީ ތަހުގީގު ކުރަމުންނެވެ.