ކޮންމެހެން ދޭން ޖެހޭ ހިދުމަތެއް ދިނުމަށާއި އެކި އެކި މަޝްރޫއުތަކުގެ މަސައްކަތް ހިންގުމަށް ހުއްދަ ލިބިގެން ކުރު މުއްދަތަކަށް މާލެއިން ރަށްރަށަށް ދާ މީހުން ކަރަންޓީނު ވާން ނުޖެހޭ ގޮތަށް ކަނޑައަޅައިފިއެވެ.
އެޗްޕީއޭއިން ނެރުނު ބަޔާނުގައި ބުނީ، މުހިންމު މަސައްކަތްތަކަސް ދަތުރުކުރާ މީހުންނަށް ދަތުރުކުރެވޭނީ 72 ގަޑިއިރު ނުވާ ނެގެޓިވް ޕީސީއާރް ނަތީޖާއަކާއެކު ކަމަށެވެ.އަދި މިފަދައިން ހަދާ ޓެސްޓުތަކަށް ހަރަދު ކުރަން ޖެހޭނީ ދަތުރު ކުރާ ފަރާތުން ނުވަތަ އެ ދަތުރެއްގައި ބައިވެރިވާ ފަރާތްތަކަށް ޒިންމާވާ ކުންފުނިން ނުވަތަ އޮފީހުން ކަމަށް އެޗްޕީއޭއިން ބުނެއެވެ.
މި ބަދަލާއެކު އެޗްޕީއޭއިން ވަނީ ދަތުރުކުރާ ފަރާތްތަކުގެ ކަރަންޓީނު މުއްދަތު 10 ދުވަހަށް ކުރު ކުރުމާއެކު، ރާއްޖޭގެ ހުރިހާ ރަށެއްގައި މާސްކު އެޅުން ވެސް މަޖުބޫރުކޮށްފައެވެ.
މުހިންމު މަސައްކަތްތަކުގައި ރަށްރަށަށް ދާ މީހުން ކަރަންޓީނު ވާން ނުޖެހޭ އިރު، މީގެ ކުރިން އޮންނަ ގޮތުން ނަމަ މުހިންމު މަސައްކަތަކަށް 5 ދުވަހަށް ވުރެ ދިގު ނޫން މުއްދަތަކަށް ކަރަންޓީނު ވުމަކާ ނުލާ ރަށްރަށަށް ދެވެއެވެ. އޭރުވެސް މިފަދައިން ދަތުރު ކުރެވެނީ އެޗްޕީއޭގެ ހުއްދަ ލިބިގެންނެވެ.
އެޗްޕީއޭގެ ހާއްސަ ހުއްދަ ލިބިގެން ކަރަންޓީނާ ނުލާ ރަށްރަށަށް ދަތުރު ކުރެވޭއިރު، ކަރަންޓީނު ފުރިހަމަ ކުރަމުން ވެސް ބައެއް ރަސްމީ މަސައްކަތްތައް ކުރުމަށް ދިއުމުގެ ހުއްދަ ދެއެވެ. މިފަދައިން ސަރުކާރުގެ ބައެއް އިސްވެރިންނަށް ރަސްމީ މަސައްކަތްތައް ކުރުމަށް އެޗްޕީއޭއިން ވަނީ ހާއްސަ ހުއްދަ ދޫކޮށްފައެވެ.
މީގެ އިތުރުން ކަރަންޓީނު މުއްދަތަށް ދީފައިވާ ލުއި ތަކަށް ބަލަލާއިރު، ކަރަންޓީނު މުއްދަތު 10 ދުވަހަށް ކުރުކޮށްފައި ވަނީ ވަކި ބަޔަކަށެވެ. އެއީ، ފަތުރުވެރިން ފިޔަވައި ރާއްޖެއިން ބޭރުން އަންނަ ފަރާތްތަކާއި، މާލެއިން އަތޮޅުތެރެއަށް ދާ ފަރާތްތަކާއި، ރިސޯޓްތަކުން ރަށްރަށަށް ދަތުރުކުރާ ފަރާތްތަކުގެ އިތުރުން ގެސްޓްހައުސް ހިންގާ ރަށްރަށުން އެހެން ރަށްރަށަށް ދަތުރުކުރާ ފަރާތްތަކެވެ.
ކޮވިޑް-19އަށް ޕޮޒިޓިވް ވި މީހަކާ ކޮންޓެކްޓް ވުމުގެ ސަބަބުން ކަރަންޓީނު ކުރާ މީހުންގެ ކަރަންޓީނު މުއްދަތަކީ އަދިވެސް 14 ދުވަހެވެ.