ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މާސްކު އަޅަން އަންގައިފިއެވެ.
އެޗްޕީއޭއިން މިއަދު ކުރި އިއުލާނެއްގައި ވަނީ، ކޮވިޑް-19 އިން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން މީހުން ދިރިއުޅޭ ހުރިހާ ރަށްރަށާޢި އެއާޕޯޓް ހިންގާ ރަށްރަށުގައި މާސްކު އަޅައިގެން އުޅުމަށް އަންގާފައެވެ. އަދި ބޭރުގައި އެކުވެ އުޅޭއިރު 3 ފޫޓޫގެ ގައި ދުރުކަން އިސް ކުރުމަށް ވެސް އެޗްޕީއޭއިން ވަނީ އަންގާފައެވެ.
މި ބަދަލާއެކު އެޗްޕީއޭއިން ވަނީ ދަތުރުކުރާ ފަރާތްތަކަށް ކަރަންޓީނު މުއްދަތު 10 ދުވަހަށް ކުރުކޮށްދީފައެވެ. އަދި ކޮންމެހެން ދޭން ޖެހޭ ހިދުމަތެއް ދިނުމަށާއި އެކި އެކި މަޝްރޫއުތަކުގެ މަސައްކަތް ހިންގުމަށް ހުއްދަ ލިބިގެން ކުރު މުއްދަތަކަށް މާލެއިން ރަށްރަށަށް ދާ މީހުން ކަރަންޓީނު ވާން ނުޖެހޭ ގޮތަށް ވެސް ވަނީ ކަނޑައަޅާފައެވެ. އެފަދަ މީހުންނަށް ދަތުރުކުރެވޭނީ 72 ގަޑިއިރު ނުވާ ނެގެޓިވް ޕީސީއާރް ނަތީޖާއަކާއެކު ކަމަށް އެޗްޕީއޭ އިން ބުނެއެވެ.
މާސްކު އަޅާއިރު މާސްކުގައި ވަކި ސިފަތަކެއް ހުންނަން ޖެހެއެވެ. އެގޮތުން، މާސްކު އަޅާއިރު ނޭފަތާއި އަނގަ ރަނގަޅަށް ފޮރުވެން ޖެހޭނެއެވެ. އަދި މާސްކު މޫނަށް ފިޓް ވެފައި ހުންނަން ޖެހޭއެިރު، މާސްކުގެ ފަހަތުގައި ކަންފަތުން އެޅުވޭ ގޮތަށް ހުންނަ ލޫޕެއް ނުވަތަ ފަހަތުން އެއްސޭ ގޮތަށް ހުންނަން ވާނެއެވެ. މާސްކުގައި މަދުވެގެން ދެ ފަށަލަ ނުވަތަ ތިން ފަށަލަ ހުންނަން ޖެހޭއިރު، މާސްކް އަޅާފައި ހުންނައިރު ރަނގަޅަށް ނޭވާ ލެވެން ޖެހޭނެއެވެ.
މާސްކުގެ ބޯ މިނުން ނުވަތަ މާސްކު ހެދިފައިވާ ގޮތަކުން ނޭވާ ދައުރު ނުވާ ގޮތަކަށް ހުރެގެން ނުވާނެއެވެ. ހަމައެއާއެކު މާސްކު ހަދާފައި ހުންނަ ފޮއްޗަކީ ފަސޭހައިން ތެމޭ ކަހަލަ ފޮއްޗަކަށް ވެގެން ނުވާނެއެވެ. އެއީ ކޮންމެވެސް ވަރެއްގެ ވޯޓާ ރެޕެލެންޓް ފޮއްޗަކަށް ވާން ޖެހޭނެއެވެ.
މާސްކުގައި މި ސިފަތައް ހުންނައިރު، އަމިއްލައަށް މާސްކް ނަގަން ނޭނގޭ ވަރުގެ ކުޑަކުދިންނާއި މީހުން މާސްކު އެޅުވުމަކީ އެންމެ ރައްކާތެރި ގޮތެއް ނޫނެވެ. އަދި މާސްކު އެޅުމުގެ ސަބަބުން ނޭވާ ހާސްވާ މީހުން މާސްކު އެޅުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް ސިއްހީ ހިދުމަތްތެރިން އިރުޝާދު ދެއްވައެވެ.