ކީރިތި ޤުރުއާން ބަލައިގެން ކިޔެވުމުގެ ވާޗުއަލް ޤައުމީ މުބާރާތް 2020ގައި ބައިވެރިވުމަށް މިހާތަނަށް 3055 ފަރާތަކުން ފޯމް ހުށަހަޅާފައިވާ ކަމަށާއި އަދި ބައިވެރިވެ ކިޔެވުން ހުށަހަޅާފައި ވަނީ 2539 ފަރާތަކުން ކަމުގައި މިނިސްޓާ އޮފް އިސްލާމިކް އެފެއާޒް ޑރ. އަހްމަދު ޒާހިރު އަލީ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ޒާހިރު މިކަން ހާމަކުރެއްވީ މިނިސްޓްރީ އޮފް ޓޫރިޒަމްގެ އިސްނެގެމުގެ މަތިން އިސްލާމިކް މިނިސްޓްރީއާ ގުޅިގެން ރިސޯޓުތަކުގެ އިމާމުން ތަމްރީނުކުރުކުމުގެ ޕްރޮގްރާމް އިފްތިތާހް ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
ޤުރުއާން މުބާރާތަށް 3055 ފަރާތަކުން ފޯމު ހުށަހަޅާފައި ވައިރު މި މުބާރާތުގެ އޮޑިޝަން ބުރު މިހާރު ވަނީ ނިމިފައެވެ. ދެން ކުރިއަށްދާނީ ފައިނަލް ބުރެވެ. ފައިނަލް ބުރު ކުރިއަށްދާނީ މިމަހު 13 ވަނަ ދުވަހުގެ ހެނދުނު 8:00 އިން ފެށިގެން މިމަހު 17 ވަނަ ދުވަހުގެ މެންދުރު 2:00 އަށެވެ.
8 އުމުރު ފުރާއަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި މުބާރާތް ބަހާލާފައި ވަނީ ދެ ކެޓަގަރީ އަކަށެވެ. އެއީ މުޖައްވަދުކޮށް ނުވަތަ ދިގު ރާގަށް ކިޔެވުމާއި، ޙަދަރުކޮށް ނުވަތަ ކުރު ރާގަށް ކިޔެވުމެވެ. މި މުބާރާތަކީ އިސްލާމިކް މިނިސްޓްރީން އިންތިޒާމު ކޮށްގެން ރާއްޖެއާއި ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް ބައިވެރި ވެވޭނެ ގޮތަށް ވާޗުއަލްކޮށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މުބާރާތެކެވެ. މި މުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކުން އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓުގައި ޝާއިއު ކޮށްފައިވާ ޕޯޓަލް މެދުވެރިކޮށް ރަޖިސްޓްރީވުމުގެ ފުރުސަތު އެ މިނިސްޓްރީން ވަނީ ހުޅުވާލައިފައެވެ.
އެގޮތުން މުބާރާތުގައި ރަޖިސްޓްރީވުމާއި ވީޑިއޯ އަޕްލޯޑް ކުރުން ކުރިއަށް ދާނީ މި މުބާރާތަށް ހާއްސަ ކޮށްފައިވާ ޕޯޓަލް އިން ކަމަށް އިސްލާމިކް މިިނިސްޓްރީން ބުނެއެވެ. އަދި ކިޔެވުމުގެ ރެކޯޑިން ހުށަހަޅަން ދަތިވާ ބައިވެރިންނަށް 7321728 ވައިބާ ނަންބަރަށް ވީޑިއޯ ފޮނުވުމުގެ އިންތިޒާމު ހަމަޖައްސާފައި ވާ ކަމަށް މިނިސްޓްރީން ވަނީ މިދިޔަ ހަފްތާގެ ތެރޭގައި މައުލޫމާތު ދީވާފައެވެ.