ބޭ އޮފް ބެންގޯލް ސަރަހައްދުގައި އުފެދިފައިވާ ޑިޕްރެޝަން "ބުރެވި" ތޫފާން ރާއްޖެ ސަރަހައްދަށް އަސަރު ކުރަމުން އަންނާތީ މިއަދު ހަވީރުން ފެށިގެން މުސޫމަށް ސަމާލުވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން އިލްތިމާސް ކޮށްފިއެވެ.

މެޓުން ބުނީ ބުރެވި ތޫފާނު މިހާރު ހުރީ ސްރީލަންކާގެ ޓްރިންކޮމަލީގެ އިރު އިރުދެކުނުން ގާތްގަނޑަކަށް 200 ކިލޯމީޓަރު ދުރުގައި ކަމަށާއި އެ ތޫފާން އިތުރަށް ބާރުގަދަވެ، ހުޅަނގު، ހުޅަނގުއުތުރަށް ދަތުރުކޮށް މިއަދު ހަވީރުގެ ވަގުތެއްގައި ސްރީލަންކާ ހުރަސްކޮށް، ދެކުނު އިންޑިއާގެ އައްސޭރިފަށާ ކައިރި ވާނެ ކަމަށެވެ.

އަދި އޭގެ އިތުރުން ރާއްޖޭގެ އިރު ދެކުނުން، ދެކުނު އިންޑިއާ ކަނޑުގައި އުފެދިފައިވާ ކޮޅިގަނޑުވެސް އިތުރަށް ބާރުގަދަވަމުން އަންނަކަން ފާހަގަކޮށް މެޓުން ބުނީ ލަފާކުރެވޭ ގޮތުގައި މިއަދުގެ ހަވީރުން ފެށިގެން ރާއްޖޭގެ ސަރަހައްދުގައި ވައިގަދަވެ ކަނޑުތައް ގަދަވެގެން ދާނެ ކަމަށެވެ.

އެ ތޫފާނު އަސަރު ރާއްޖެއަށް ހަވީރު ކުރާނެ ކަމަށް ލަފާކުރެވޭތީ ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވާ ހުރިހާ ކަނޑުދަތުރުތައް ހަވީރުން ފެށިގެން ހުއްޓާލުމަށް އެއިދާރާއިން ވަނީ އިލްތިމާސް ކޮށްފައެވެ. އެ ތޫފާނާ ގުޅިގެން މެންދަމު ދިޔަވަރު ބޮޑުވާ ގަޑީގައި އުދައެރުމަކީވެސް އެކަށީގެންވާ ކަމެއް ކަމަށް މޫސުމާބެހޭ އިދާރާއިން ވަނީ ބުނެފައެވެ.

މިހާރު ލިބެމުން ދާ މައުލޫމާތަށް ބަލާއިރު، ތޫފާން ބުރެވި، ސްރީލަންކާއަށް ވެސް އަރާނެއެވެ. އެގޮތުން، މިއަދު މެންދުރު ފަހުގެ ވަގުތެއްގައި، ސްރީލަންކާގެ އައްސޭރި ފަށުގެ ސަރަހައްދަށް އެރުމަށް ފަހު، އިންޑިއާއަށް މި ތޫފާން އަރާނީ މާދާމާގެ ވަގުތެއްގައި ކަމަށް ލަފާ ކުރެވެއެވެ.

މިއަދާއި މާދަމާ، ޓެމިލް ނާޑޫގެ ސަރަހައްދުތަކަށް ގަދައަށް ވިއްސާރަ ކުރާނެ ކަމަށްވެސް މައުލޫމާތު ލިބެއެވެ. ކެރެލާގެ ދެކުނުގެ ސަރަހައްދުން، ތިރިވަނަންތަޕޫރަމް (ޓްރިވެންޑްރަމް) އާއި ކޯލަމްއަށް މާދަމާ ގަދައަށް ވިއްސާރަ ކުރާނެ ކަމަށް ހަބަރު ލިބެއެވެ.

ތޫފާން ބުރެވީގެ ނުރައްކާ، އިންޑިއާއާއި ސްރީލަންކާއަށް ކުރިމަތިވެފައި ވާއިރު، މި ތޫފާނުގެ ކޮޅިގަނޑުގައި، ގަޑިއަކު 55-75 ކިލޯމީޓަރު ބާރު މިނުގައި، މިއަދާއި މާދަމާ ވައިޖެހޭނެ ކަމަށް ލަފާ ކުރެއެވެ. މިއާއެކު، ހަފުތާ ނިމެންދެން، މަސްވެރިން، މަހަށް ނުގޮސް މަޑު ކުރުމަށް، ކަމާ ބެހޭ ފަރާތްތަކުން ވަނީ އިރުޝާދު ދީފައެވެ.

އިންޑިއާގެ ޓެމިލް ނާޑޫ ސަރަހައްދަށް އަނެއްކާވެސް ތޫފާނެއް ކުރިމަތިވެފައި މިވަނީ، ތޫފާން ނިވާރް ކުރިމަތިވި ތާ ހަފުތާއެއްހާ ދުވަސް ފަހުންނެވެ. އެ ތޫފާނުގައި 3 މީހެއްގެ ފުރާނަ ވަނީ ގެއްލިފައެވެ.

ތޫފާންތަކަށް ނަންދެނީ ސަރަހައްދީ މޫސުމާ ބެހޭ އިދާރާ (އާރްއެމްސީ)ތަކުންނާއި ޓްރޮޕިކަލް ސައިކްލީން ވޯނިންގް ސެންޓަރުތަކުންނެވެ. އިންޑިއާ ކަނޑުގެ ސަރަހައްދުގައި އުފެދޭ ތޫފާންތަކަށް ނަން ދިނުމަށް ހާއްސަ އާރްއެމްސީއެއްވެސް އޮވެއެވެ. މި ގުރޫޕުގައި 8 ގައުމެއް ހިމެނޭ އިރު، ރާއްޖެވެސް އޮންނަނީ މި ލިސްޓުގައެވެ.

ތޫފާންތަކަށް ނަންދިނުމަށް ގުރޫޕުގެ މެމްބަރު ގައުމުތަކުން ދީފައިވާ ނަންތައް ވަކި އުސޫލަކުން، ތޫފާން ތަކަށް ކަނޑައަޅައެވެ. އެގޮތުން، ބޭ އޮފް ބެންގޯލް ސަރަހައްދުގައި މިހާރު އުފެދިފައިވާ ޑިޕްރެޝަން، ތޫފާނަކަށް ބަދަލުވަމުން އަންނަ ތޫފާނަށް ދީފައިވާ "ބުރެވި" މި ނަމަކީ ދިވެހިރާއްޖެއިން ދިން ނަމެއް ކަން ފާހަގަ ކުރަން ޖެހެއެވެ.