ސޯޝަލް މީޑިއާގައި އިސްލާމްދީނަށް ފުރައްސާރަކޮށް، މި އުއްމަތުގެ ނަބިއްޔާ މުޙައްމަދު ރަސޫލު صَلَّى ٱللّٰهُ عَلَيْهِ وَآلِهِ وَسَلَّمَ‎ އަށް ފުރައްސާރަ ކުރަމުން ދާ މީހެއްގެ މައްސަލަ ފުލުހުންނަށް ހުށަހަޅައިފިއެވެ.

ރައްޔިތުންގެ އިއްތިހާދުގެ ރައީސް އިބްރާހިމް މުހައްމަަދު އިބްރާހިމް ސޮއިކުރައްވާ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދަށް ފޮނުވާފައިވާ ސިޓީއެއްގައި ބުނެފައި ވަނީ މިދިޔަ ނޮވެމްބަރު މަހުގެ ފަހުން ފެށިގެން ހައްދު ފަހަނަ އަޅާފައިވާ މީހަކު ސޯޝަލް މީޑިއާގެ އެކި ޕުލެޓްފޯމްތަކުގައި އިސްލާމް ދީނަށް ކުޑައިމީސްކޮށް ފުރައްސާރަ އާއި މަލާމާތް ރައްދުކޮށް އަދި މާތް ރަސޫލާ އަށް ހަޖޫ ޖަހާފައި ހުރި ބައެއް ޕޯސްޓުތައް ފަތުރަމުން ދާ ކަމަށެވެ.

އަދި އެމީހާގެ ސޯޝަލް މީޑިއާ ޕްރޮފައިލް ތަކުންނާއި ދައްކާފައިވާ ވާހަކަތަކުން އެއީ އައްޑޫގައި އުޅޭ މީހެއް ކަމުގައި ހާމަވާ ކަމަށާއި އެ މީހާއާއި އެ މީހާގެ އާއިލާއަށް ނުރައްކާ އޮތްކަން އެންގުމަށްޓަކައި, އައްޑޫގައި ހުންނަ ފުލުހުންގެ މަރުކަޒުން އެ މީހާއަށް ޒިޔާރަތްކޮށް މައުލޫމާތު ދީ، ފުލުހަށް ހާޒިރުވުމަށް ވެސް އަންގާފައި ވާކަމަށް ސިޓީގައި ބުނެފައި ވެއެވެ.

އެ މައްސަލައަކީ މި ފަސްގަނޑުގައި އަޅައި ނުލައި ދޫކޮށްލެވިގެން ވާނެ މައްސަލަ އެއް ނޫން ކަމަށާ އެމީހާ މިހާރުން މިހާރަށް ހައްޔަރުކޮށް، ހައްޔަރުގައި ބަހައްޓައިގެން މައްސަލަ ތަހުގީގު ކޮށްދިނުމަށް ރައްޔިތުންގެ އިއްތިހާދުން ވަނީ އެދިފައެވެ.

އަދި ޝަރުއީ ގޮތުން އެ ފަދަ ކަންކަމަށް މާތް ﷲ ބާވައިލައްވާފައިވާ ހުކުމްފުޅު ތަންޒީޒު ކުރުމަށްޓަކައި ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވައި ދެއްވުމަށް ރައްޔިތުންގެ އިއްތިހާދުގެ ފަރާތުން އެދި ހުށައަޅަން
ރައްޔިތުންގެ އިއްތިހާ

މީގެ އިތުރުން ސިޓީގައި ވަނީ އެފަދަ ކަންކަން ތަކުރާރު ވަމުން ދަނީ ދީނީ ގޮތުންނާއި ޤާނޫނީ ގޮތުން އެފަދަ ފަރާތް ތަކާމެދު އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި މާ ބޮޑަށް ލަސްވެ ކަންކަން ދިގުލައިގެން ދާތީ ކަމަށާއި އެކަމުގެ ޒިންމާ އެޅިފައިވާ ފަރާތްތަކުން ވަމުންދާ އިހްމާލާ މެދު ފަހުން ޖަވާބުދާރީ ވާން ޖެހޭނެކަން ވެސް ސިޓީގައި ވަނީ ސީޕީއަށް ހަނދާން ކޮށްދީފައެވެ.

ދީނަށް ފުރައްސާރަ ކުރުމުގެ މައްސަލަތައް ރާއްޖޭގައި ދަނީ ކަންބޮޑުވާ މިންވަރަކަށް އިތުރު ވަމުންނެވެ.

އެގޮތުން ދާދީ ފަހުން އައްޑޫ ސިޓީއަށް ނިސްބަތްވާ މީހަކު ސޯޝަލް މީޑިއާގައި ވަނީ ލަދެއް ނެތި އެ ފަދަ ވާހަކަތައް ދައްކާ މާތް ރަސޫލާއަށް ފުރައްސާރަ ރައްދުވާ ފަދަ ކުރެހުންތައްވެސް އާންމު ކޮށްފައެވެ. މީގެ އިތުރުން ޅ. ނައިފަރަށް ނިސްބަތްވާ އަންހެނަކު ވެސް ވަނީ އެކި ފަހަރު މަތިން އިސްލާމްދީން ގަބޫލު ނުކުރާ ކަމަށް ބުނެ ސޯޝަލް މީޑީއާގައި ތަފާތު ޕޯސްޓްތައް ކޮށްފައެވެ.

ދާދި ފަހުން އިންޑިއާއަށް ނިސްބަތްވާ މީހަކު ވަނީ މަސްތުގެ ހާލުގައި ހުރެ މާލޭގެ މަގުމައްޗަށް ނިކުމެ ދީނަށް ހުތުރު ބަސްތައް ރައްދު ކޮށްފައެވެ.