ކޮވިޑް-19 އާ ގުޅިގެން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރިއަށް ގެންދިޔަ ކައިވެނި ކޮށްދިނުމުގެ ހިދުމަތް އާންމު ހާލަތަށް ބަދަލުކޮށް، ކޯޓަށް މީހުން ހާޒިރުކޮށްގެން ކައިވެނި ކޮށްދޭން ފަށައިފިއެވެ.

ފެމެލީ ކޯޓުން ބުނީ ކޮވިޑާ ގުޅިގެން އޮންލައިން ކޮށް ކައިވެނި ކޮށްދިން ނަމަވެސް އިއްޔެއިން ފެށިގެން ކޯޓަށް މީހުން ހާޒިރު ކޮށްގެން ކައިވެނިކޮށްދޭން ނިންމާފައިވާ ކަމަށެވެ.

އެއާއެކު ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކައިވެނި ކޮށްދިނުން ހުއްޓާލަން ނިންމާފައިވާ ކަމަށް ވެސް ކޯޓުން ބުނެއެވެ.

ކޯޓުން ބޭރުގައި އަދި ކޯޓުގައި ކައިވެނިކޮށްދިނުން މެދުކަނޑާލާފައި އޮތުމަށްފަހު ކުރިއެކޭ ވެސް އެއްގޮތަށް އަނެއްކާވެސް ކޯޓާއި ކޯޓުން ބޭރުގައި ކައިވެނިކޮށްދޭން ފަށާފައިވާއިރު، ކައިވެނި ކޮށްދިނުމުގެ ހުއްދަ ދެވޭނީ ކޯޓުން ކަނޑައަޅާ އުސޫލާއި އެޗްޕީއޭ އިން ނެރެފައިވާ ގައިޑްލައިންތަކާއި އެއްގޮތްވާ ގޮތުގެ މަތިންނެވެ.

އެގޮތުން ކައިވެނީގެ މަޖިލިސް ބާއްވާ ތަން އެފަދަ މަޖިލީހެއް ބޭއްވުމަށް އެކަށީގެންވާ ގޮތަށް، އިމާރާތުގެ ގްރައުންޑް ފްލޯގައި ހަދާފައި ހުންނަ މީހުން ދިރިނޫޅޭ ތަނަކަށް ވާން ޖެހޭނެ ކަމަށްވެސް އެ ކޯޓުން ބުނެއެވެ.