ބޭ އޮފް ބެންގޯލް ސަރަހައްދުގައި އުފެދިފައިވާ ޑިޕްރެޝަން "ބުރެވި" ތޫފާނަކަށް ބަދަލުވެދާނެ ކަމަށް ލަފާ ކުރެވިފައިވާ ކަމަށާ މެޓް އޮފީހުން ނެރޭ އެލާޓްތަކަށް ސަމާލުވުމަށް މޫސުމާއިބެހޭ ގައުމީ އިދާރާއިން އިލްތިމާސް ކޮށްފިއެވެ.

މެޓް އޮފީހުން ބުނީ ސްރީލަންކާގެ ޓްރިންކޮމަލީގެ އިރުދެކުނުން އުފެދިފައިވާ ކޮޅިގަނޑު އިތުރަށް ބާރުގަދަވެ މާދަމާގެ ހަވީރުގެ ވަގުތެއްގައި ތޫފާނަކަށް ބަދަލު ވެދާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

އެ ތޫފާން ހުޅަނގަށް ދަތުރުކޮށް ބުރާސްފަތި ދުވަހު ސްރީލަންކާ ހުރަސްކޮށް، ދެކުނު އިންޑިއާގެ އައްސޭރި ފަށާ ކައިރި ވާނެ ކަމަށް ލަފާ ކުރެވޭ ކަމަށާއި އެ ކޮޅިގަނޑު އުފެދި، އަންނަމުންދާ ބަދަލުތައް ބަލަމުންދާ ކަމަށްވެސް އެ އިދާރާއިން ބުނެއެވެ.

އަަދި ރާއްޖޭގެ އިރުދެކުނުން، ދެކުނު އިންޑިއާ ކަނޑުގައިވެސް ކޮޅިގަނޑެއް އުފެދިފައިވާ ކަމަށާ ލަފާ ކުރެވޭ ގޮތުން ބުރާސްފަތި ދުވަހުން ފެށިގެން ހަފްތާ ބަންދުތެރެއާއެކު ރާއްޖޭގެ ސަރަހައްދުގައި ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަަމަށް ބެލެވޭ ކަމަށެވެ.

މި ނިޒާމްތަކާއި ގުޅިގެން ރާއްޖޭގެ މޫސުމަށް ފޯރާނެކަމަށް ބެލެވޭ އަސަރުތައް މިއޮފީހުން އުސޫލުގެ ތެރެއިން، ނެރޭ ސަމާލު އަދި އިންޒާރުގެ މެސެޖް މެދުވެރިކޮށް ޢާންމުކުރެވެމުން ދާނެއެވެ
މެޓް

މިހާރު ލިބެމުން ދާ މައުލޫމާތަށް ބަލާއިރު، ތޫފާން ބުރެވި، ސްރީލަންކާއަށްވެސް އަރާނެއެވެ. އެގޮތުން، ބުދަ ދުވަހުގެ މެންދުރު ފަހުގެ ވަގުތެއްގައި، ސްރީލަންކާގެ އައްސޭރި ފަށުގެ ސަރަހައްދަށް އެރުމަށްފަހު، އިންޑިއާއަށް މި ތުފާން އަރާނީ ބުރާސްފަތި ދުވަހުގެ ވަގުތެއްގައި ކަމަށް ލަފާ ކުރެވެއެވެ.

ޑިސެމްބަރު 2 ވަނަ ދުވަހާއި 3 ވަނަ ދުވަހު، ޓެމިލް ނާޑޫގެ ސަރަހައްދުތަކަށް ގަދައަށް ވިއްސާރަ ކުރާނެ ކަމަށްވެސް މައުލޫމާތު ލިބެއެވެ. ކެރެލާގެ ދެކުނުގެ ސަރަހައްދުން، ތިރިވަނަންތަޕޫރަމްއާއި ކޯލަމްއަށް ޑިސެމްބަރު 3 ވަނަ ދުވަހު ގަދައަށް ވިއްސާރަ ކުރާނެ ކަމަށް ހަބަރު ލިބެއެވެ.

ތޫފާން ބުރެވީގެ ނުރައްކާ، އިންޑިއާއާއި ސްރީލަންކާއަށް ކުރިމަތިވެފައި ވާއިރު، މި ތޫފާނުގެ ކޮޅިގަނޑުގައި، ގަޑިއަކު 55-75 ކިލޯމީޓަރު ބާރު މިނުގައި، ކުރިއަށް އޮތް 2 ދުވަހު ވައިޖެހޭނެ ކަމަށް ލަފާކުރެވެއެވެ. މިއާއެކު، ހަފުތާ ނިމެންދެން، މަސްވެރިން، މަހަށް ނުގޮސް މަޑު ކުރުމަށް، ކަމާ ބެހޭ ފަރާތްތަކުން ވަނީ އިރުޝާދު ދީފައެވެ.

އިންޑިއާގެ ޓެމިލް ނާޑޫ ސަރަހައްދަށް އަނެއްކާވެސް ތޫފާނެއް ކުރިމަތިވެފައި މިވަނީ، ތޫފާން ނިވާރް ކުރިމަތިވިތާ ހަފުތާއެއްހާ ދުވަސް ފަހުންނެވެ. މި ތޫފާނުގައި 3 މީހެއްގެ ފުރާނަ ވަނީ ގެއްލިފައެވެ.

ތޫފާންތަކަށް ނަންދެނީ ސަރަހައްދީ މޫސުމާ ބެހޭ އިދާރާ (އާރްއެމްސީ)ތަކުންނާއި ޓްރޮޕިކަލް ސައިކްލީން ވޯނިންގް ސެންޓަރުތަކުންނެވެ. އިންޑިއާ ކަނޑުގެ ސަރަހައްދުގައި އުފެދޭ ތޫފާންތަކަށް ނަންދިނުމަށް ހާއްސަ އާރްއެމްސީއެއްވެސް އޮވެއެވެ. މި ގުރޫޕުގައި 8 ގައުމެއް ހިމެނޭއިރު، ރާއްޖެވެސް އޮންނަނީ މި ލިސްޓުގައެވެ.

ތޫފާންތަކަށް ނަންދިނުމަށް ގުރޫޕުގެ މެމްބަރު ގައުމުތަކުން ދީފައިވާ ނަންތައް ވަކި އުސޫލަކުން، ތޫފާންތަކަށް ކަނޑައެޅެއެވެ. އެގޮތުން، ބޭ އޮފް ބެންގޯލް ސަރަހައްދުގައި މިހާރު އުފެދިފައިވާ ޑިޕްރެޝަން، ތޫފާނަކަށް ބަދަލުވަމުން އަންނަ ތޫފާނަށް ދީފައިވާ "ބުރެވި" މި ނަމަކީ ދިވެހި ރާއްޖެއިން ދިން ނަމެއް ކަން ފާހަގަ ކުރަންޖެހެއެވެ.