ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށް ލާން ހުކުމްކުރިތާ އެއް އަހަރު ފުރުމާ ދިމާކޮށް އިދިކޮޅު ކޯލިޝަނުން މިދިޔަ ހޮނިހިރު ދުވަހު ބޭއްވި މުޒާހަރާއެއްގައި އަމަލީ ގޮތުން ބައިވެރިވި ސިވިލް ސާވިސްގެ މުވައްޒަފަކު ސަސްޕެންޑް ކޮށްފިއެވެ.
އެ ގޮތުން ސަސްޕެންޑް ކޮށްފައި ވަނީ ނ. ލަންދޫ ސްކޫލުގެ މަސައްކަތު މީހެއްގެ ވަޒީފާ އަދާކުރާ ފިރިހެނެކަށެވެ.
އޭނާ ސަސްޕެންޑްކޮށް އެޑިއުކޭޝަން މިނިސްޓްރީން ދިން ލިއުމުގައި ބުނެފައި ވަނީ ސަރުކާރާ ދެކޮޅަށް އަޑުއުފުލައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދަންޖައްސައި މަރާލަން ގޮވައި ކުރިއަށް ގެންދިޔަ މުޒާހަރާއެއްގައި އަމަލީ ގޮތުން ބައިވެރިވެ އެކަމަށް ހިތްވަރު ދީފައިވާ މައްސަލައިގެ އިދާރީ ތަހުގީގެއް ކުރަމުން އަންނާތީ، އެ ތަހުގީގު ނިމެންދެން އޭނާ ސަސްޕެންޑް ކުރާ ކަަމށެވެ.
އޭނާ ސަސްޕެންޑްކޮށްފައި ވަނީ އެއް މަހުގެ މުއްދަތައް މުސާރަ ލިބޭ ގޮތަށެވެ.
މިދިޔަ ސަރުކާރުން ވަނީ ސަރުކާރުގެ ފަރާތުން ކުރިއަށް ގެންދާ ސިޔާސީ ހަރަކާތްތަކުގައި ސިވިލް ސާވިސްގެ މުވައްޒަފުންނަށް ބައިވެރިވާން މަޖުބޫރުކޮށްފައެވެ. އަދި ެ ސަރުކާރުގައި އިދިކޮޅު ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވާ މީހުން ވަނީ ވަޒީފާއިން ވަކިކޮށް އެކި ކަހަލަ ފިޔަވަޅުތައް އަޅާފައެވެ.
މި ސަރުކާރު އައުމާ އެކު މި ސަރުކާރުން ވަނީ މުވައްޒަފުންނަށް ނާއިންސާފުން އެއްވެސް މުވައްޒަފަކާ ދޭތެރޭ ފިޔަވަޅު ނާލާނެ ކަމަށް ބުނެފައެވެ.