ގަވައިދާ ހިލާފަށް ރާއްޖޭގެ ހާއްސަ އިގްތިސޯދީ ސަރަހައްދުން މަސްވެރިކަން ކުރަމުން ދިޔަ ބޭރުގެ މަސް ބޯޓެއް އެމްއެންޑީއެފް ކޯސްޑްގާޑް ޝިޕް ހުރަވީގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

އެމްއެންޑީއެފުން ބުނީ، ކ.މާފުށިގެ އިރުން 140 ނޯޓިކަލް މޭލުން، ރާއްޖޭގެ ހާއްސަ އިގްތިސޯދީ ސަރަހައްދުގައި ގަވައިދާ ހިލާފަށް މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ މަސްބޯޓެއް ފެނިފައި ވަނީ އިއްޔެ 11:45 ގައެވެ. އަދި މި ބޯޓު ފެނިގެން އެމްއެންޑީއެފް ކޯސްޓްގާޑަށް ރިޕޯޓްކޮށްފައި ވަނީ އެ ސަރަހައްދުގައި މަސްވެރިކަން ކުރަމުން ދިޔަ "އަސުރުމާ 03" ދޯނިން ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އމި ރިޕޯޓް ލިބުމާއި ގުޅިގެން އެމްއެންޑީއެފް ކޯސްޓްގާޑުން ހިންގި ހާއްސަ އޮޕަރޭޝަނުގައި އެމްއެންޑީއެފް ކޯސްޓްގާޑު ޑޯނިއާ ފްލައިޓް ވަނީ ވައިގެ މަގުން މަސްބޯޓު އޮތް ސަރަހައްދު ދެނެގަނެފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ. އަދި އިންޑިއާއިން ރީފިޓުގެ މަސައްކަތް ނިންމާ ރާއްޖެއަށް ދަތުރު ކުރަމުން ދިޔަ ކޯސްޓްގާޑު ޝިޕް ހުރަވީގެ މިސްރާބު ބޭރުގެ މަސްބޯޓު އޮތް ސަރަހައްދަށް ބަދަލުކޮށް، އެ ބޯޓު ކޯސްޓުގާޑް ޝިޕް ހުރަވީގެ ބެލުމުގެ ދަށަށް ގެންދިޔަ އިރު، ބޯޓުގައި 6 ފަޅުވެރިން ތިބި ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.

ކޯސްޓްގާޑް ހުރަވީގެ ބެލުމުގެ ދަށުން މި މަސްބޯޓު މިހާރު ދަނީ މާލެ އަށް ދަތުރު ކުރަމުންނެވެ. މި ބޯޓަށް މާލެ އަށް ވަދެވޭނެކަމަށް ލަފާކުރެވެނީ މިއަދު މެންދުރުފަހުގެ ވަގުތެއްގައި ކަމަށް އެމްއެންޑީއެފުން ބުނެއެވެ. އެމްއެންޑީއެފުން ބުނީ މި ބޯޓުގެ ކަންކަން ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން ކޯސްޓްގާޑުން ބަލަމުންދާ ކަމަށެވެ.

މީގެ އިތުރުން އެމްއެންޑީފުން ވަނީ ރާއްޖޭގެ ހިވާގި މަސްވެރިންގެ ފަރާތުން އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބެމުންދާ އެހީތެރިކަމާއި އެއްބާރުލުން ފާހަކޮށް ޝުކުރު އަދާކޮށްފައެވެ. އަދި އިއްޔެ ބޭރުގެ އެ މަސްބޯޓް ފެނިގެން ރިޕޯޓް ކުރި "އަސުރުމާ 03" ދޯނީގެ ކެޕްޓަނަށާއި ހީވާގި ފަޅުވެރިނާއި އަދި ދޯނީގެ ވެރި ފަރާތުން ކޯސްޓްގާޑަށް ދިން އެއްބާރުލުމަށް ވެސް އެމްއެންޑީއެފުން ވަނީ ޝުކުރު އަދާކޮށްފައެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ގަވައިދާ ހިލާފަށް މަސްވެރިކަން ކުރަން އުޅެނިކޮށް މީގެ ކުރިން ވެސް ބޭރުގެ ބޯޓު ފަހަރުތައް އަތުލައި ގަނެއެވެ. އަދި މި ކަމުގެ ރިޕޯޓް ގިނަ ފަހަރަށް އެމްއެންޑީއެފަށް ކުރަނީ ރާއްޖޭގެ މަސް ދޯނިތަކުންނެވެ. މިގޮތަށް އަތުލައި ގަންނަ ބޭރުގެ ބޯޓުތަކުން މަސްތުވާތަކެތި ފެނޭލެއް ވެސް މަދެއް ނޫނެވެ.