ސުޕްރީމް ކޯޓުގެ މި އަހަރުގެ ދައުރު މިއަދު ނިންމާލި ނަމަވެސް މާދަމާއިން ފެށިގެން އަންނަ ޖެނުއަރީ މަހުގެ 3 ވަނަ ދުވަހާ ހަމައަށް އެ ކޯޓުގެ އިދާރީ ކަންކަން ކުރިއަށް ގެންދާނެ ކަމަށް ސުޕްރީމް ކޯޓުން ބުނެފިއެވެ.

ސުޕްރީމް ކޯޓުން ބުނީ، މާދަމާ އިން ފެށިގެން އަންނަ ޖެނުއަރީ 3 ވަނަ ދުވަހާ ހަމައަށް ސުޕްރީމް ކޯޓު އޮންނާނީ ރިސެސްގައި ކަމަށެވެ. އެހާލަތުގައި އޮތް ނަމަވެސް ކޯޓަށް ހުށަހަޅާ މައްސަލަތައް ބަލައިގަތުމާއި އެނޫން ވެސް ކޯޓުގެ އިދާރީ އެހެނިހެން މަސައްކަތްތައް ރިސެސްގެ މުއްދަތުގައި މެދުކެނޑުމެއްނެތި ކުރިއަށްދާނެ ކަމަށް ސުޕްރީމް ކޯޓުން ބުނެއެވެ.

ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނުގެ 7 ވަނަ މާއްދާގައި ބަޔާންކޮށްފައި ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަގުލަބިއްޔަތުން އެހެން ގޮތަކަށް ކަނޑަނާޅާހާ ހިނދަކު، ކޮންމެ އަހަރަކު ވެސް ސުޕްރީމް ކޯޓުގެ އަހަރީ ދައުރު ފެށޭނީ އެ އަހަރެއްގެ ޖެނުއަރީ މަހުގެ ފުރަތަމަ ރަސްމީ މަސައްކަތު ދުވަހުއެވެ. އަދި މެދުކެނޑުމެއް ނެތި ހިނގުމަށް ފަހު އެ އަހަރުގެ ދައުރު ނިމޭނީ ނޮވެންބަރު މަހުގެ ފަހު ހަފްތާގެ އެންމެ ފަހު ރަސްމީ މަސައްކަތު ދުވަހު ކަމަށެވެ. އެ ދުވަހުން ފެށިގެން ވިދިގެން އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ފުރަތަމަ މަސައްކަތު ދުވަހާ ހަމައަށް ސުޕްރީމް ކޯޓު އޮންނާނީ ރިސެސްގައި ކަމަށް ގާނޫނުގައި ބުނެއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން އެހެން ގޮތަކަށް ކަނޑަނާޅާ ހިނދަކު، ގާނޫނުއަސާސީގެ 253 ވަނަ މާއްދާގެ ދަށުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރުން ނުވަތަ ގާނޫނެއްގެ ދަށުން ވަކި ކަމެއް ވަކި މުއްދަތެއްގެ ތެރޭގައި ނިންމަންޖެހޭ ހާލަތްތައް ފިޔަވައި، ރިސެސްގެ މުއްދަތުގައި ސުޕްރީމް ކޯޓުގެ ޝަރީއަތުގެ އެއްވެސް އަޑުއެހުމެއް ނޯންނާނެ ކަމަށް ސުޕްރީމް ކޯޓުން ބުނެއެވެ.

މިހާރު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި ތިއްބެވީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނާއި، ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރާއި، ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި، ފަނޑިޔާރު މަހާޒު އަލީ ޒާހިރާއި، ފަނޑިޔާރު ހުސްނުއްސުއޫދާއި، ފަނޑިޔާރު އަލީ ރަޝީދު ހުސައިންގެ އިތުރުން ފަނޑިޔާރު މުހައްމަދު އިބްރާހިމް އެވެ.

މިއަހަރު ސުޕްރީމް ކޯޓް މިއަދުން ފެށިގެން ޗުއްޓީއަށް ދާއިރު މިދިޔަ އަހަރު އެ ކޯޓު ޗުއްޓީއަށް ގޮސްފައި ވަނީ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ.